Roadha Mihaaru
އެއާޕޯޓް ތަރައްގީ ކުރުން ކުރިއަށް، ކާގޯ ޓާމިނަލްގެ ބޮޑުބައި ނިމިއްޖެ

އެއާޕޯޓް ތަރައްގީ ކުރުން ކުރިއަށް، ކާގޯ ޓާމިނަލްގެ ބޮޑުބައި ނިމިއްޖެ

07 ޖޫން 2020

އެއާޕޯޓް ތަރައްގީ ކުރުމުގެ ހާއްސަ ޕްރޮޖެކްޓްގެ ދަށުން ކާގޯ ޓާމިނަލްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ދެން އޮތީ އެ ސަރަހައްދުގެ ޖެޓީގެ މަސައްކަތް ކުރުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާޕޯޓް ތަރައްގީ ކުރުމުގެ ހާއްސަ ޕްރޮޖެކްޓްގެ ދަށުން ކާގޯ ޓާމިނަލްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ދެން އޮތީ އެ ސަރަހައްދުގެ ޖެޓީގެ މަސައްކަތް ކުރުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީލުން ބުނީ އެއާޕޯޓު އިތުރަށް ބޮޑުކޮށް، ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ފަށައިފައިވާ ހާއްސަ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކާގޯ ޓާމިނަލް ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމައި ހިޔާކުރުމުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލައިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު ކުރިއަށް ދަނީ ފަޔާ ޕަމްޕް ހައުސް ހޯލް ހަރުކުރުމުގެ މަސައްކަތްތަކެވެ.

ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެެވެ.

އެމްއޭސީއެލްގެ ޓްވީޓް

ކާގޯ ޓާމިނަލް ސަރަހައްދުގައި ހަދާ ބަނދަރުގެ ޖެޓީ ހިޔާކޮށް، ބަރު އެއްޗެހި އުފުލުމަށްޓަކައި ހަތް ކްރޭން އިންސްޓޯލް ކުރާނެ އެވެ.

މިހާރު މަސައްކަތްތައް ދާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމައިލެވޭނެ އެވެ.

ކާގޯ ޓާމިނަލްގެ އިތުރުން އެއާޕޯޓްގެ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނީ، ކޮވިޑް-19 ގެ ހާލަތުގައި ވެސް އެއާޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށެވެ. މި މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

މީގެ އިތުރުން ފިއުލް ފާމުގެ މަސައްކަތާއި ފަޔާ ފައިޓިން ޕްލެޓްފޯމާއި ޖެޓް ފިއުލް ޓޭންކާއި ޕެޓްރޯލް ޓޭންކްތަކުގެ މައިގަނޑު ސްޓްރަކްޗާތަކުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ތެޔޮ އެޅުމަށް ހާއްސަ ކުރެވިފައިވާ ޓޭންކްތައް ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ.

އަލަށް ހަދާ ފިއުލް ފާމްގެ ޓޭންކްތައް-- ފޮޓޯ:އެމްއޭސީއެލް

އަލަށް ހަދާ ފިއުލް ފާމްގެ ޓޭންކްތައް-- ފޮޓޯ:އެމްއޭސީއެލް

އަލަށް ހަދާ އޭވިއޭޝަން ފިއުލް ސްޓޯރޭޖްގައި ބޮޑު ތިން ޓޭންކެއް ހަދާފައިވެ އެވެ. ކޮންމެ ސްޓޯރޭޖެއްގެ ކެޕޭސިޓީއަކީ 15 މިލިއަން ލީޓަރެވެ. އެހެންކަމުން އަލަށް ހަދާ މި ފިއުލް ފާމުން ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.