Roadha Mihaaru
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ

ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ: އެޗްޕީއޭ

11 ޖޫން 2020

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6 ން ރޭގަނޑު 9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް ވެސް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ އެވެ. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ.

"އަޅުގަނޑުމެން އިރުޝާދު ދެން ހަަމަ ޓޭކްއަވޭ އަށް ވަޑައިގަންނަވާ ބޭފުޅުން ވެސް ވީހާވެސް ފިޒިކަލް ޑިސްޓެންސިން މެޝާސް އާއި ކޮންޓެކްޓް ނުވާނެ ކަހަލަ ހުރިހާ ސޭފްޓީ ޕްކޯޝަންސް ނެންގެވުމަށް،" ޝައިނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން ބޭރުތެރޭގައި އެއްފަހަރާ ގުރޫޕް ހަދައިގެން އުޅެވޭނީ ތިން މީހުންނަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި ލުޔާއެކު، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ރޭގަނޑު 11 ޖެހުމާ ހަމައަށް ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވަރީ/ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ އެވެ. ރޭގަނޑު 10 ގެ ފަހުން ޑެލިވަރީ ކުރެވޭނީ މިހާރު ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު، މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ދުވަހެއް އެ އިދާރާގެ މަޝްވަރާއާ އެކު، އިސްލާމިކް މިނިސްޓްރީން ފަހުން އިއުލާން ކުރާނެ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއި މާލެ ސަރަަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީތަކުގެ ހިދުމަތަށް ވެސް ހުއްދަ ދޭނެ އެވެ. އެކަމަކު އެ ހިދުމަތްތައް ދިނުމަށްޓަކައި އެޗްޕީއޭ އިން އެކުލަވައިލާފައިވާ ވަކި ގައިޑްލައިންތަކެއް ހުންނަނާނެ ކަމަށާއި ހިދުމަތް ދޭން ޖެހޭނީ އެ ގައިޑްލައިންއާ އެއްގޮތަށް ކަމަށް ޝައިނާ ވިދާޅުވި އެވެ.

"މިއީ ގިނަ މީހުން ބޭނުންކުރާނެ ވަސީލަތްތަކެއް ކަމުން ސާފުތާހިރުކަމުގެ ގޮތުން އަމަލުކުރަން ޖެހޭނެ މިންގަނޑުތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝައިނާ ވިދާޅުވި ގޮތުގައި އެ ގައިޑްލައިންތައް ހޯމަ ދުވަހުގެ ކުރިން އާއްމުކުރާނެ އެވެ. ހުޅުވާލާ ހިދުމަތްތަކާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތައި އިދާރާތަކުން މި ތިން ދުވަހު މައުލޫމާތުތައް ދޭނެ ކަމަށް އެންއީއޯސީން މިރޭ ބުންޏެވެ.

މަސްމާރުކޭޓާއި އެެހެން މާރުކޭޓުތައް ހުޅުވާނީ އެ ތަންތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަަމަށް ޝައިނާ ވިދާޅުވި އެވެ.

ޖުލައި މަހު ދޭން މަސައްކަތް ކުރާ ލުއިތައް:

އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން އެއްފަހަރާ މަގުމަތީގައި އެއް ގުރޫޕެއްގައި އުޅެވޭނީ ގިނަވެގެން 10 މީހުންނަށް ކަމަށެވެ. ޖޫން މަހު އެގޮތަށް އުޅުމުގެ ހުއްދަ އޮތީ ތިން މީހުންނަށެވެ.

މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ޓޫރިޒަމާއި މާލެ ސަރަހައްދުގެ މިސްކިތްތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ކަމާ ބެހޭ އިދާރާއެއްގެ ލަފައާ އެއްގޮތަށް ހުޅުވައިލާނެ އެވެ. ޖިމްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށީ އެ ބަލީގެ މީހަކު މާލެ އިން ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހާލަތަށް ބެލުމަށް ފަހު، ލޮކްޑައުން އަށް ފުރަތަމަ ލުޔެއް ދިނީ މިދިޔަ މޭ 29 ން ފެށިގެންނެވެ. އޭގެ ފަހުން އަންނަ ހޯމަ ދުވަހުން ފެށިގެން މި ދެނީ ލޮކްޑައުންގެ އެންމެ ބޮޑު ލުޔެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ބަލި 1،976 މީހަކަށް ޖެހިފައި ވެ އެވެ. އެކަމަކު، މިއަދުގެ ނިޔަލަށް 1،153 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 813 މީހެކެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން މަރުވީ އަށް މީހެކެވެ.