Roadha Mihaaru
އާ މިނިސްޓްރީއެއް އުފައްދާ ކަމެއް ނޭނގޭ: ތަރުޖަމާން

އާ މިނިސްޓްރީއެއް އުފައްދާ ކަމެއް ނޭނގޭ: ތަރުޖަމާން

12 ޖޫން 2020

ސަރުކާރު ކޯލިޝަންގެ އެމްއާރުއެމް އަށް ދީފައިވާ ހައުސިން މިނިސްޓްރީ އުވާލުމުން އޭގެ ބަދަލުގައި އެހެން މިނިސްޓްރީއެއް އުފައްދަން ނިންމައިފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރު ކޯލިޝަންގެ އެމްއާރުއެމް އަށް ދީފައިވާ ހައުސިން މިނިސްޓްރީ އުވާލުމުން އޭގެ ބަދަލުގައި އެހެން މިނިސްޓްރީއެއް އުފައްދަން ނިންމައިފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ވެރިކަމުގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ވަނީ މަގާމުން ބުދަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު ހައުސިން މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް އިއްޔެ އިން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފަ އެވެ.

އެމްއާރުއެމް އަށް އިތުރު މިނިސްޓްރީއެއް ދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީ ބައި ކުރައްވައި އާ މިނިސްޓްރީއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ބައެއް ނޫސްތަކުގައި އެމްއާރުއެމްގެ އޮފިޝަލުންނާ ހަވާލާދީ އިއްޔެ ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ތަރުޖަމާން ހޫދު ވިދާޅުވީ "އަދި އެ ކަހަލަ ވިސްނުމެއް ގެންގުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް" ކަމަށެވެ.

ސަރުކާރުގައި އެމްއާރުއެމް ހިއްސާވާ ގޮތަށް އޮތީ 20 ޕަސެންޓެވެ. އާތިފާ ހިމެނިވަޑައިގަންނަވާ ގޮތުން މައުމޫންގެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު ވަޒީރަކު ކެބިނެޓުގައި ތިއްބަވަ އެވެ.

އާތިފާ އިސްތިއުފާ ދެއްވުމާ އެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ އަނެއްކާވެސް އެމްއާރުއެމްގެ އެހެން ބޭފުޅަކު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމީ ހައުސިން މިނިސްޓްރީ އުވާލުމަށެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި އިރު މަގާމުން ވަކިކޮށްދޭން އެދި އެމްޑީޕީގެ އިސް މެމްބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.