Roadha Mihaaru
އާންމު ސިއްހަތުގެ ބިލުން، މައުލޫމާތު ހޯދަން ހުރަސްއެޅޭ

އާންމު ސިއްހަތުގެ ބިލުން، މައުލޫމާތު ހޯދުމަށް އަސަރުކުރޭ: ޓްރާސްޕޭރެންސީ

18 ޖޫން 2020

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް، އެ ގޮތަށް ފާސްވެއްޖެ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް، އެ ގޮތަށް ފާސްވެއްޖެ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅުއްވި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" އަދި އޮތީ މަޖިލީހުގެ ބަހުސްގެ މަރުހަލާގަ އެވެ. އެ ބިލް މަޖިލީހުން ފާސްކުރާނީ އާންމު އުސޫލުގެ މަތިން ކޮމިޓީ އަށް ގެންގޮސް އިސްލާހު ގެންނަންޖެހޭ ނަމަ އެކަން ކުރުމަށް ފަހު އެވެ.

އެ ބިލްގައި ހުރި ބައެއް މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ޓްރާސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ޖުމްލަ ގޮތެއްގައި ރަނގަޅު ބިލަކަށް ވިޔަސް އޭގެ 41 ވަނަ މާއްދާގައިވާ ގޮތުން، މައުލޫމާތު ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އެ މާއްދާގެ ހ. ގައި ވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ހަމައިން، ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ނަަމަ، އެހެން ގާނޫނުތަކުން ވަކި މުއްދަތަކަށް ކުރަން ކަނޑައަޅާފައިވާ ކަންކަން މެދުކެނޑޭނެ އެވެ. ބިލްގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަސް ހަމަވަން ދެން ވެސް އެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ މި މާއްދާ އޮތް ގޮތުން، ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭ ޖެހުން ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ވެސް 60 ދުވަސް ވަންދެން މެދުކެނޑޭނެ ކަމަށެވެ. އެހެންވެ، އޭގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އަސަރުކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

އެ މާއްދާގެ ހ. ގައި ވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ހަމައިން، ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ނަަމަ، އެހެން ގާނޫނުތަކުން ވަކި މުއްދަތަކަށް ކުރަން ކަނޑައަޅާފައިވާ ކަންކަން މެދުކެނޑޭނެ އެވެ. ބިލްގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަސް ހަމަވަން ދެން ވެސް އެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނިގޮތުގައި، މިފަދަ ޚާއްސަ ހާލަތެއްގައި ދައުލަތުގެ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރަން ޖެހުނަސް އާންމުނަށް ދޭންޖެހޭ މައުލޫމާތު ނުދެވޭ ވަރު ވެދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19އާ ގުޅުން ހުރި މަސައްކަތްތައް ކުރާ އިދާރާތައް މިހާރު ވެސް ހުންނަން ވާނީ މައުލޫމާތުތައް ފޯރުކޮށްދެވޭ ވަރަށް ކަމަށް ދެކޭ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ދިނުމަށް ދަތި ވެއްޖެ ނަމަ އިތުރު ދެ ހަފުތާގެ މުއްދަތު ދިނުމަށް އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެފަދަ ފުރުސަތު ވެސް ފަހިކޮށްދީފައި ވަނިކޮށް، ވަކި މުއްދަތެއްގައި ކުރުން ލާޒިމް ކަންކަން ފަސްކުރަން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ހިމަނާފައި އޮތުން މުހިންމު ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެ އެވެ.