Roadha Mihaaru
ވެށިފަހީގެ ލިޔުންތައް ހުށަހަޅަން އިތުރު މުއްދަތެއް

ވެށިފަހީގެ ލިޔުންތައް ހުށަހަޅަން އިތުރު މުއްދަތެއް

05 ޖުލައި 2020

"ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އިން ބިން ހަމަޖެހޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުން، ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

"ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އިން ބިން ހަމަޖެހޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުން، ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފި އެވެ.

މާލޭން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން ގޯއްޗެއް ދޭން ސަރުކާރުން 2010 ވަނަ އަހަރު ހިންގި ޕްރޮގްރާމްގެ ދަށުން ލިޔުން ލިބި ބޯހިޔާވަހިކަން ހަމަނުޖެހޭ މީހުން އެކަމާ ގުޅޭ ލިޔުންތައް ހުށަހަޅަން ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފަ އެވެ. އެ ލިޔުންތައް މާޗު މަހުގެ 22 ގެ ކުރިން ހުށަހަޅަން އޭރު އެންގި އެވެ.

ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މާޗު މަހުގެ 12 އިން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ ލިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އިތުރުކުރަން ނިންމީ އެވެ. އަދި މިދިޔަ މަހު ހައުސިން މިނިސްޓްރީ އުވާލުމުން، އެ ލިޔެކިޔުންތައް މިހާރު ހުށަހަޅަން ޖެހޭނީ ނެޝަނަލް ޕްލޭނިން މިނިސްޓްރީ އަށް ކަމަށް ވެސް، އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި އައިޑީކާޑުގެ ކޮޕީ އާއި ދޫކޮށްލަން އެއްބަސްވި ބިމުގެ ރަޖިސްޓްރީގެ ކޮޕީ އަދި ބިން ލިބޭނެ ކަމުގެ ލިޔުން ހިމެނެ އެެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި، ލިޔުންތައް ހުށަހަޅަން ބުނެފައި ވަނީ ހުޅުމާލެއިން ގޯތި ލިބޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ މީހުން އެކަންޏެވެ.

އެމްޑީޕީގެ ސަރުކާރުގައި ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީއަކަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.