Roadha Mihaaru
ޒަމާނީ ބަދަލުތަކާއެކު ކުރީގެ މާވެޔޮ މިސްކިތް ހުޅުވައިފި

ޒަމާނީ ބަދަލުތަކާއެކު ކުރީގެ މާވެޔޮ މިސްކިތް ހުޅުވައިފި

10 ޖުލައި 2020

އިމާރާތް ކުރުމުގެ ދާއިރާގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު، އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި ކުރީގެ މާވެޔޮ މިސްކިތް މިއަދު ހުޅުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިމާރާތް ކުރުމުގެ ދާއިރާގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު، އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި ކުރީގެ މާވެޔޮ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ޖަނާގެ ބައްޕަގެ ނަން ދީފައިވާ "މަސްޖިދުލް އަލީ ހުސައިން"، މިއަދު އަސުރު ނަމާދަށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ރާއްޖޭގެ ބޭސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހ. ސީސައިޑް އަލީ ހުސެއިން 77، އަވަހާރަވީ އޮގަސްޓް 29، 2014 ގައި މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ކޯޓް މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

އަލީ ހުސެއިނަށް ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި ގައުމީ ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

އޭނާ ވަނީ ރާއްޖޭގެ ބޭސްވެރިކަމުގެ އިތުރު ސަރުކާރުގެ މުހިންމު ގިނަ މަގާމު ތަކެއް ވެސް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ޝިޕިން ކުންފުންޏާއި ޝިޕިން ޑިޕާޓްމަންޓުގެ އިތުރުން ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެ އެވެ.

އަލީ ހުސައިންގެ ބޭފުޅުންގެ ތެރޭގައި ޖަނާގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދާއި ނަފުސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒް ހިމެނެ އެވެ.

ޑިސެމްބަރުު 2017 ގައި މަސައްކަތް ފެށި މާވެޔޮ މިސްކިތަށް ޖަނާހް 50 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ވަނީ އެނގިފަ އެވެ.

މާވެޔޮ މިސްކިތް: 50 މިލިއަން ހަރަދު ކޮށްގެން ހަދައިފައިވާ އެ މިސްކިތް ހާއްސަކޮށް ފައިވަނީ ޖަނާގެ ބައްޕާފުޅަށް-- ފޮޓޯ: ޖަނާ

މާވެޔޮ މިސްކިތް: 50 މިލިއަން ހަރަދު ކޮށްގެން ހަދައިފައިވާ އެ މިސްކިތް ހާއްސަކޮށް ފައިވަނީ ޖަނާގެ ބައްޕާފުޅަށް-- ފޮޓޯ: ޖަނާ

މާވެޔޮ މިސްކިތް އަލުން ހަދާފައިވަނީ ހަތް ބުރިއަށް، ރާއްޖޭގައި އާންމުކޮށް ނުހުންނަ ޑިޒައިނަކަށެވެ.

މިސްކިތުގެ މުހިންމު ކަންކަން

- އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ.

- މުޅި މިސްކިތް އޭސީކޮށްފައި.

- 10 މީހުންގެ ޖާގައިގެ ލިފްޓެއް ހުރޭ.

- 29 މީހުންނަށް އެއްފަހަރާ ވުލޫއު ކުރެވޭނެ.

- އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ.

- ނަމާދުކުރެވޭ ގޮތަށް ޓެރެހެއް ހުރޭ.

- މުޅި މިސްކިތުގައި ސީސީޓީވީ ހުރޭ.

ޖަނާ ކުރިން "މިހާރު" އަށް ވިދާޅުވީ، ބައްޕަގެ ހަނދާނުގައި މާވެޔޮ މިސްކިތް ހަދަން ނިންމެވީ އެއީ އޭނާގެ އާއިލާ ގިނަ ބަޔަކު ދިރިއުޅުއްވާ ސަރަހައްދަށް ވުމުން ކަމަށެވެ. އޭނާ އެންމެ ކުޑައިރު ގޮސް އުޅުނު މިސްކިތަކީ އެއީ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.

އޭނާގެ ގެ މ. އިތާމުތް ހުންނަނީ މާވެޔޮ މިސްކިތް ކައިރީގަ އެވެ.

ޖަނާގެ ހަރަދުގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރައްވައިފައިވެ އެވެ.