Roadha Mihaaru
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!

ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން: އިމިގްރޭޝަން

13 ޖުލައި 2020

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް އަށް ދޫކުރި ރަށެކެވެ. އެ ރަށުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލުކޮށްފައިވާ އިރު، އެކަމުގައި އުޅުނު ބިދޭސީންނާ މެދު ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފަ އެވެ. ބިދޭސީން ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މުއައްސަސާތަކުން އެ މައްސަލައިގެ ތެރެއަށް ވަދެފައިވާ އިރު، އެ ރަށުގައި މިހާރު ތިބީ 179 ބިދޭސީއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީ އަށް، ބިދޭސީންނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާ މުއައްސަސާތައް މިއަދު ހާޒިރު ކުރުމުން އިމިގްރޭޝަނުން ބުނީ ބޮޑުފިނޮޅުގައި ތިބި 48 ބިދޭސީން ފިޔަވައި އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުން ގެނެސްފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެތަނުގައި [ބޮޑުފިނޮޅުގައި] ތިބި ގިނަ ބިދޭސީންނަކީ އެހެން ކުންފުނިތަކުން ގެނެސްފައި ތިބި، ސައްހަ ވިސާ އެއް ނެތް މީހުން،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އެ އިދާރާ އިން ބުނިގޮތުގައި، 58 ޕްރޮޖެކްޓަކަށް ރާއްޖެ ގެނައި 16،000 ބިދޭސީންގެ ތެރޭގައި ހިމެނޭ މީހުން ވެސް ބޮޑުފިނޮޅުގައި އެބަތިއްބެވެ. މި ބިދޭސީން ގެނައި 29 ކުންފުންޏަކީ ބްލެކް ލިސްޓްކޮށްފައިވާ ކުންފުނިތަކެވެ.

މި މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ދޭތެރޭގައި އަމަލުކުރި ގޮތް ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު ހޯމް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، މުސާރަ ނުދިނުމުގެ މައްސަލަ ހިއުމަން ޓްރެފިކިންގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަން ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއާއެކު އެ ބިދޭސީން ވެސް ހިއުމަން ޓްރެފިކިންގެ ވިކްޓިމްސްގެ ގޮތުގައި ރަޖިސްޓަރީވާން ބޭނުން ނުވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އެތަނުގައި [ބޮޑުފިނޮޅުގައި] ތިބި ގިނަ ބިދޭސީންނަކީ އެހެން ކުންފުނިތަކުން ގެނެސްފައި ތިބި، ސައްހަ ވިސާ އެއް ނެތް މީހުން،"--- އިމިގްރޭޝަންގެ އޮފިޝަލް

އޭނާ ވިދާޅުވި ގޮތުގައި މުސާރަ ނުދޭ އެންމެންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ދެކި ދައުލަތުގެ ބެލުމުގެ ދަށުގައި ގެންގުޅުމަކީ ވެސް ގޮންޖެހުން އޮތް ކަމެކެވެ. ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ މިހާރު ވެސް ޖާގައަކީ ގާތްގަނޑަކަށް 50 ކަން އޭނާ ފާހަގަކުރެއްވި އެވެ.

މުސާރަ ނުދިނުމާއި އެކި މައްސަލަތަކުގައި ބިދޭސީން މުޒާހަރާ ކުރާ މައްސަލަ އަކީ، ނަޒީރު ވިދާޅުވި ގޮތުގައި، ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

"ބިދޭސީން މިގޮތަށް މުޒާހަރާ ކުރަމުން ދިއުމުން ގައުމީ ސަލާމަތަށް ނުރައްކާވޭ، އަދި ފުރުސަތު ވެސް އެބައޮތް. އެކަމަކު ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދޭ ޔަގީންކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ، ފާލުން ނެއްޓިގެންދާ މިންވަރަށް މިކަން ދާން ފުރުސަތެއް ނުދޭނަން،" ނަޒީރު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގެ ބިދޭސީން ހިތްހަމަނުޖެހި ދިވެހިންތަކެއް ރަހީނުކޮށް ތަކެއްޗަށް ގެއްލުންދިނީ މުސާރަ ނުދީ އެތައް މަހެއްވީ ފަހުންނެވެ. މި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލައި ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ތުހުމަތުގައި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެތަނުގައި މިހާރު ތިބި 179 ބިދޭސީންނާ ހަވާލުވާނެ ބަޔަކު ނެތެވެ. ރިޒް ކުންފުނިން ބުނާ ގޮތުގައި އެތަނުގައި ތިބީ އެ ކުންފުނީގެ 14 މީހުންނެވެ. ބާކީ ތިބި ބިދޭސީން ސީލް މޯލްޑިވްސްގެ ބޮލުގައި އަޅުވާއިރު، އެ މީހުންނާ ހަވާލުނުވެ، އެ ބިދޭސީން ބޭލުމުގެ އަމުރަކަށް ސީލް މޯލްޑިވްސް އިން ވަނީ ބ. ތުޅާދޫ ކޯޓުގައި އެދިފަ އެވެ.