Roadha Mihaaru
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް

އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް

15 ޖުލައި 2020

އުމުރާ އަޅާބަލާއިރު އިސްކޮޅުން ދިގު ކުދިން އާދަޔާހިލާފަށް ފަލަވުމުގެ ބިރު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރާ އަޅާބަލާއިރު އިސްކޮޅުން ދިގު ކުދިން އާދަޔާހިލާފަށް ފަލަވުމުގެ ބިރު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އޮބީސިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުދިން އިސްކޮޅުން ދިގުވުމާއި އެ ކުދިންގެ ސިއްހަތާ އޮންނަ ގުޅުންް ބޮޑެވެ. އުމުރާއި ބަރުދަނާއި އަޅާބަލާއިރު، އިސްކޮޅުން ދިގުވުމަކީ ފަލަވުމަށް މެދުވެރިވާ ކަމަށް އޭގައި ބުނެފައިވެ އެވެ.

މި ދިރާސާ ހަދާފައި ވަނީ 2-13 އަހަރާ ދެމެދުގެ 2.8 މިލިއަން ކުދިންގެ ސިއްހަތަށް އައި ބަދަލު 13 ވަރަކަށް އަހަރުގެ މުއްދަތަކަށް ވަޒަންކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ އަހަރުތަކެއް ފަހުން އިސްކޮޅުން ދިގު ކުދިންގެ ބަރުދަން އެ ނޫން ކުދިންނަށް ވުރެ ބޮޑުތަނުން އިތުރުވެފައިވާކަމެވެ.

ދިރާސާގައި ބައިވެރިކުރި ކުދިންގެ ރެކޯޑްތައް ދައްކާ ގޮތުން ހިމަތޮޅިކޮށް ތިބި ނަމަވެސް ދިރާސާ ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައި އެ ކުދިންގެ އިސްކޮޅުން ވަޒަން ކުރި އިރު، ދިގު ކުދިން އެ ނޫން ކުދިންނަށް ވުރެ ބޮޑަށް ފަލަވެ، ބަރުދަން އިތުރުވެފައިވެ އެވެ. އެގޮތުން ދިގު ކުދިންނާއި ކުރު ކުދިންގެ ބަރުދަނުގައި 3.1 އާއި 0.6 ޕަސަންޓާ ދެމެދު ފަރަގެއް ހުރި ކަމަށް ދައްކަ އެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި އެމެރިކާގެ ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑރ. ޑޭވިޑް އެސް ފްރީޑްމަން ވިދާޅުވި ގޮތުގައި އިސްކޮޅަކީ މިހާރު ކުދިންގެ ސިއްހީ ހާލަތު ދެނަގަންނަ ވަރަށް ފަސޭހަވާނެ ގޮތެކެވެ.

އެގޮތުން އޮބިސިޓީ ނުވަތަ ފަލަބައްޔާ ދެކޮޅަށް ދުރާލައި މަސައްކަތްކުރަން ކުދިންގެ އިސްކޮޅަށް އަންނަ ބަދަލުން ވަޒަންކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ.