Roadha Mihaaru
ޗެލްސީ ބަލިކޮށް އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ޗެލްސީ ބަލިކޮށް އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

02 އޯގަސްޓް 2020

ލަންޑަން (އޮގަސްޓް 2) - ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލުން މުބާރާތުގެ ޗެމްޕިއަންކަން 14 ވަަނަ ފަހަރަށް މިރޭ ހޯދައިފި އެވެ.

ލަންޑަން (އޮގަސްޓް 2) - ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލުން މުބާރާތުގެ ޗެމްޕިއަންކަން 14 ވަަނަ ފަހަރަށް މިރޭ ހޯދައިފި އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވި މިކޭލް އާޓެޓާގެ ކޯޗުކަމުގައި އެ ޓީމުން ހޯދި ފުރަތަމަ ތައްޓެވެ. އަދި އާޓެޓާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ކާމިޔާބީ އެވެ. މި މޮޅާ އެކު އާސެނަލަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގަ ލިބިފަ އެވެ. އަދި މި މަހު 29 ވަނަ ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް ނުކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ފުރަތަމަ ލަނޑު ޖެހީ ޗެލްސީންނެވެ. އާސެނަލްގެ މެދުތެރެއިން ހެދި ގޯހެއްގެ ފައިދާ ނަގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޗެލްސީ އަށް ލީޑު ނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކްރިސްޓިއަން ޕުލިސިޗެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޕުލިސިޗް ވައްދާލި މި ގޯލާ އެކު އޭނާ ވެފައިވަނީ މި މުބާރާތުގެ ފައިނަލުގައި ލަނޑު ޖެހި އެމެރިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 28 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ އޭނާ އަށް އޭރިއާތެރެއިން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕްލިއަސެޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ކުރިން އާސެނަލްގެ ނިކޮލަސް ޕެޕޭ ގޯލެއް ޖެހި ނަމަވެސް އޮފްސައިޑްގައި ހުރި މެއިޓްލަންޑް ނައިލްސް ބޯޅައިގައި ފައިޖައްސާފައިވާތީ ރެފްރީން ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

ޗެލްސީގެ ކީޕަރު ކަބަލޭރޯ (ކ) ކައިރިން އޮބާމަޔަން ބޯޅަ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކީޕަރު ކަބަލޭރޯ (ކ) ކައިރިން އޮބާމަޔަން ބޯޅަ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އަށް މި މެޗުގައި މައްސަލަތައް ދިމާވީ އަނިޔާގެ ސަބަބުން ކުޅުންތެރިން ބަދަލުކުރަން ޖެހުމެވެ. ފުރަތަމަ ހާފުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަޒްޕްލިއަސެޓާ ބަދަލުކުރަން ޖެހުނުއިރު، ދެ ވަނަ ހާފުގައި ފަޔަށް އަނިޔާވެގެން ޕުލިސިޗް ވެސް ބޭލި އެވެ.

ކައުންޓަ އެޓޭކުގައި އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓްގައި އައުބަމަޔަން އެވެ. ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން އާސެނަލް މޮޅުކޮށްދިން ދެ ގޯލު ޖެހި އައުބަމަޔަން ފައިނަލުގައި ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ކައިރިން ނައްޓާފައި ގޮހެވެ. މި ސީޒަނަށް ފަހު އައުބަމަޔަން އާސެނަލް ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވިފައިވީ ނަމަވެސް އެ ޓީމުގެ ކޯޗު އާޓެޓާ ބުނީ އައުބަމަޔަން އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރާނެ ކަމަށެވެ.

ނަތީޖާ ހަމަހަމަކުރަން ޗެލްސީން މަސައްކަތް ފެށިތަނާ އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެ ވަނަ ރީނދޫ ކާޑާ އެކު މަޓެއޯ ކޮވަސިޗަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ 73 ވަނަ މިނިޓްގައި ކޮވަސިޗަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކަން ނިންމުމުން ރެފްރީ އެންތަނީ ޓޭލާގެ އެ ނިންމުމަށް ގިނަ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބަދަލުތަކެއް ގެނެސްގެން ޗެލްސީން އެއްވަރުކުރެވޭތޯ ބެލި އެވެ. މުސްތަގުބަލާ މެދު ވިލިއަން ގޮތެއް ނުނިންމާތީ މި މެޗުގައި އޭނާ އަށް ފުރުސަތު ނުދޭއިރު، އަނިޔާއިން ރަނގަޅުވެފައިވީ ނަމަވެސް އެންގޯލޯ ކާންޓޭ ވެސް އިނީ ބެންޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރޯ ރޮޑްރިގޭޒްގެ ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަނިޔާގެ މައްސަލަތަކާ އެކު ޗެލްސީ އަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެެވެ. އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބަޔާން މިއުނިކް ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގެ މެޗުގައި، މިރޭ އަނިޔާވި އަޒްޕްލިއަސެޓާ، ޕުލިސިޗް އަދި ޕެޑްރޯ އަށް ކުޅެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނަމަވެސް ފަހުން ޓީމުގެ ރޭވުންތަކާ އެއްގޮތަށް އެއްވެސް ކަމެއް ނުދިޔަ ކަމަށާއި މުޅި މެޗަށް ބަލާއިރު ޗެލްސީ އަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށެވެ.