Roadha Mihaaru
މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަނީ

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަނީ

04 އޯގަސްޓް 2020

ޗައިނާގެ ބައިޓްޑާންސުން ހިންގާ މަޝްހޫރު އެޕް ޓިކްޓޮކް އެމެރިކާގައި މަނާ ނުކުރާނެ ހަމަ އެކަނި ގޮތަކީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެޕް ހިންގުން ކަމަށް އެމެރިކާ ސަރުކާރުން ބުނާތީ މައިކްރޮސޮފްޓާއި ބައިޓްޑާންސް މަޝްވަރާކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ބައިޓްޑާންސުން ހިންގާ މަޝްހޫރު އެޕް ޓިކްޓޮކް އެމެރިކާގައި މަނާ ނުކުރާނެ ހަމަ އެކަނި ގޮތަކީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެޕް ހިންގުން ކަމަށް އެމެރިކާ ސަރުކާރުން ބުނާތީ މައިކްރޮސޮފްޓާއި ބައިޓްޑާންސް މަޝްވަރާކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ސަތިއާ ނަޑެލާ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އަދި މި ވިޔަފާރި 45 ދުވަހުގެ ތެރޭގައި ކޮޅެއްގައި ޖެއްސުމަށް ޓްރަމްޕް އަންގަވާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މައިކްރޮސޮފްޓުން ޓިކްޓޮކަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެ އެޕް އެމެރިކާގައި މަނާކުރާނެ ކަމަށް މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ އެޕަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މިދިޔަ އަހަރުން ފެށިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ގެންދަވަނީ ވިދާޅުވަމުންނެވެ. ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވިދާޅުވާ ގޮތުގައި ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެހެންވެ ފާރަވެރިވާން ޖެހެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕިއޯ އާއި ވައިޓްސް ހައުސްގެ އިކޮނޮމިކް އެޑްވައިވަރު ލެރީ ކަޑްލޯ ވެސް ވަނީ ޓިކްޓިކަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓިކްޓޮކް އެމެރިކާގައި މަނާނުކުރަން އެދޭ ނަމަ ބައިޓްޑާންސަށް އޮތް ގޮތަކީ އެ އެޕް އެމެރިކާގެ ކުންފުންޏެއްގެ ގޮތުގައި ހިންގަން ވިއްކައިލުމެވެ.

ޓިކްޓޮކް ގަތުމާ ބެހޭ ގޮތުން މައިކްރޮސޮފްޓްގެ ބްލޮގްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޓިކްޓޮކާ ގުޅޭ ގޮތުން އެމެރިކާ އިން ފާޅުކުރާ ކަންބޮޑުވުންތަކުގައި ސީރިއަސްކޮށް ވިސްނަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އެ ކުންފުނިން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެންވެ ޓްރަމްޕްގެ ސަރުކާރުން ފާޅުކުރާ ކަންބޮޑުވުންތަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ ކަމަށް ބުންޏެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ޓިކްޓޮކް ގަތުމަށް ފަހު އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑް ފަދަ މާކެޓްތަކުގައި އެ އެޕް އޮޕަރޭޓްކުރުމަކީ އެ ކުންފުންޏަށް ކުރެވިދާނެ ކަމެކެވެ. އަދި މިކަމާ ގުޅޭ ގޮތުން މިހާރު ބައިޓްޑާންސާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް އަންނަ މަހުގެ 15 ހިސާބުގައި ނިންމާލައި، ވަކި ގޮތަކަށް އެއްބަސްވެވޭނެކަމުގެ އުންމީދު ވެސް ބޮޑުކަމަށް މައިކްރޮސޮފްޓުން ބުންޏެވެ. މި މަޝްވަރާތައް ކުރިއަށް ގެންދަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީ (ސީއެފްއައިޔޫއެސް) ގެ އިރުޝާދުތަކުގެ މަތިންނެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ ވާގިދީގެން އެމެރިކާ އަށް ޖާސޫސްކުރާ އެޕެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާގެ މީހުންގެ ޑޭޓާ ވެސް ނަހަމަގޮތުގައި ޗައިނާ އިން ހިފާކަމަށް ތުހުމަތުކޮށްފައިވެ އެވެ. މި ޝައްކުތައް ހުރުމާ އެކު އެމެރިކާ އިން ދެކެނީ ޓިކްޓޮކްގެ ޒަރީރާ އިން މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވެސް ޗައިނާ އިން ނުފޫޒު ފޯރުވައިވާނެ ކަމަށެވެ.

ޓިކްޓޮކް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން އެމެރިކާ އިން މަސައްކަތްކުރަމުންދާ އިރު، ބައިޓްޑާންސްގެ ސީއޯއޯ އާއި ޓިކްޓޮކްގެ ސީއީއޯ އަކީ މިހާރު އެމެރިކށާގެ ރައްޔިތެކެވެ. އެއީ ކުރިން ޑިޒްނީގައި މަސައްކަތްކުރެއްވި ކެވިން މޭޔާ އެވެ. އޭނާ ޓިކްޓޮކާ ގުޅުނީ މިދިޔަ ޖޫން މަހު އެވެ.

ޓިކްޓޮކް ބޭނުންކުރާ އެމެރިކާގެ މީހުންގެ އަދަދު 80 މިލިއަނަށް އަރާ އިރު، އެ އެޕް ބޭނުންކުރާ އާބާދީގެ ބޮޑު ޕަސަންޓޭޗަކީ 16-24 އަހޜަރާ ދެމެދުގެ ޒުވާނުންނެވެ.