Roadha Mihaaru
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް

ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް

06 އޯގަސްޓް 2020

ލަންޑަން (އޮގަސްޓް 6) - ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފެށިއިރު ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (އޮގަސްޓް 6) - ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފެށިއިރު ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވީ ފަހަތުން އަރައި އޮސްޓްރިއާގެ ލާސްކް އަތުން 2-1 އިންނެވެ. ދެ ލެގަށް ބަލާއިރު ޔުނައިޓެޑް ކުރި ލިބުނީ 7-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. އިންޓަ މިލާން އިން ކުއާޓާގެ ފުރުސަތު ހޯދީ ސްޕެއިނުގެ ގެޓާފޭ އަތުން 2-0 އިން މޮޅުވެގެންނެވެ. މި މެޗުގެ އެއް ލެގު ކުޅުނުއިރު މެޗު އޮތީ ޔޫރޮޕާ ލީގުގެ ކުއާޓާ އިން ފަށައިގެން މެޗުތައް ކުޅެން ނިންމާފައިވާ ޖަރުމަނުގަ އެވެ.

ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކުޅެން ޖެހޭނީ ޑެންމާކުގެ ކޮޕެންހާގެންއާ އެވެ. ކޮޕެންހާގެން ކުއާޓާ އިން ފުރުސަތު ހޯދީ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުން ތުރުކީގެ އިސްތަންބޫލް ބަޝަކްޝެހީރް އަތުން 3-0 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގުން ބަޝަކްޝެހީރް އަތުން ކޮޕެންހާގެން ބަލިވީ 1-0 އިންނެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިން ބަދަލުކޮށްގެންނެވެ. ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ލާސްކް އަށް އެ ހާފުގައި ލަނޑެއް ނުޖެހުނު ކަމުގައި ވިޔަސް ދެ ވަނަ ހާފްގެ ކުޅުން ފެށިތާ 10 މިނިޓް ތެރޭ އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ފިލިޕް ވެއިސިންގާ އެވެ.

ލާސްކް އިން ލީޑުނެގިތާ ދެ މިނިޓް ތެރޭ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޖެސީ ލިންގާޑް އެވެ. އޭނާ މި ގޯލު ޖެހީ ހުއާން މަޓާ ދިން ބޯޅައަކުންނެވެ. މެޗުން މޮޅުވާން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންތަނީ މާޝިއަލް އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މާޝިއަލް މި ގޯލު ޖެހީ މަޓާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު ޓީމުގެ ގިނަ ކުޅުންތެރިންނަށް މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ދެވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ގެޓަފޭ ކޮޅަށް އިންޓަ އަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ އެވެ. އިންޓަ އަށް ކުއާޓާގެ ޖާގަ ކަށަވަރުކޮށްދިން ގޯލު މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކްރިސްޓިއަން އެރިކްސެން އެވެ.

ކުއާޓާގައި އިންޓަ ކުޅެން ޖެހޭނީ ބަޔާ ލެވަކޫސަން އާއި ރޭންޖޭސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރޭންޖާސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ލެވަކޫސަން ވަނީ 3-1 އިން މޮޅުވެފަ އެވެ. ވުލްފްސްބާގް މައްޗަށް ކުރިހޯދައި ޔޫކްރޭންގެ ޝަހްތަރު ޑޮނެކްސް ވެސް ވަނީ ކުއާޓާގެ ފުރުސަތު ހޯދައިފަ އެވެ. ކުއާޓާގައި ޝަހުތަރު ކުޅޭނީ ފްރޭންކްފާޓް އާއި ބަސެލް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.