12 އޯގަސްޓް 2020
މީޑިއާ އަށް ނުފޫޒު ފޯރުވައި މިނިވަންކަމަށް ހުރަސްއެޅޭނެ ފުރުސަތު އޮތް ކަމަށް ބުނެ، މީޑިއާ ކޮމިޝަން އުފެއްދުމާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނިންމުމާ މެދު، މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީޑިއާ އަށް ނުފޫޒު ފޯރުވައި މިނިވަންކަމަށް ހުރަސްއެޅޭނެ ފުރުސަތު އޮތް ކަމަށް ބުނެ، މީޑިއާ ކޮމިޝަން އުފެއްދުމާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނިންމުމާ މެދު، މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްފަހު މީޑިއާ ކޮމިޝަނެއް އުފެއްދުމާ ގުޅޭގޮތުން، އެ ދެ އިދާރާ އަދި މީޑިއާތަކުގެ އިސްވެރިންގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއެއް މިދިޔަ އަހަރު ނެގި އެވެ. ސަބް ކޮމިޓީން ވަނީ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، މީޑިއާ ކޮމިޝަން އުފެއްދުމާ ގުޅޭގޮތުން ހިޔާލު ހޯދައިފަ އެވެ. އެއަށް ފަހު، ސަބް ކޮމިޓީ އަށް ފާހަގަވި 10 ކަމެއް މައި ކޮމިޓީއާ ހިއްސާކޮށްފައިވެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ، މީޑިއާ ކޮމިޝަންގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނާތީ ސަބް ކޮމިޓީ އަށް ފާހަގަވި ކަންތައްތައް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ ހިއްސާކުރަން، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ. އެކަމަށް ވޯޓު ނުދެއްވަނީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެކަންޏެވެ.
ސަބް ކޮމިޓީގެ މުގައްރިރް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އެ ކޮމިޓީއަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެމްއެމްސީ އަދި ބްރޯޑްކޮމް އެއްކޮށްލައި އެ ކޮމިޝަނަށް މަޖިލީހުގެ ލަފާގެ މަތިން ރައީސް ފަސް މެމްބަރުން އައްޔަންކުރުން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ތަންތަނުން ކުރަނީ ގުޅުންހުރި މަސައްކަތަކަށް ވުމުން އެއް ކޮމިޝަން އޮވެގެން އެ ކޮމިޝަންގެ ބެލުމުގެ ދަށުން އެކަން ކުރެވިދާނެ ކަމަށް ފެންނަ ކަމަށެވެ.
އޭގެ އިތުރުން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމާއި ޖަވާބުދާރީ ވާންޖެހޭނީ މަޖިލީހަށް ކަމަށާއި މީޑިއާތަކުގެ ރަޖިސްޓްރީ އާއި ދަފްތަރު ބެލެހެއްޓުމާއި މީޑިއާއެއް އުވާލުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮންލައިން ނޫހާއި ޕްރިންޓް މީޑިއާ މިހާރު ރެގިއުލޭޓުކުރަނީ އެމްއެމްސީންނެވެ. ނޫސްތައް ރަޖިސްޓްރީކުރަނީ ހޯމް މިނިސްޓްރީގަ އެވެ. ބްރޯޑްކޮމްގެ ޒިންމާއަކީ ޓީވީ ސްޓޭޝަންތައް ރެގިއުލޭޓްކުރުމެވެ.
ޝަފީގު ވިދާޅުވީ ހޯމް މިނިސްޓްރީން އެ މަސައްކަތް ކުރާ ގޮތަށް އޮންނާތީ މީޑިއާގެ ކަންބޮޑުވުން ވެސް އޮންނަކަމަށެވެ.
މީޑިއާ ކޮމިޝަން އުފެއްދުމަށް ފަހު، އެ ކޮމިޝަނަށް ލަފާ ދިނުމަށް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ މެދުގައި އިންތިހާބުކުރާ ލަފާދޭ ބޯޑެއް އެކުލަވާލުމަށް ފެންނަ ކަމަށް ވަނީ ހިމަނައިފަ އެވެ. ކޮންމެ މީޑިއާއަކުން އެއް މެމްބަރާ އެކު އެ ބޯޑުގައި ތިބޭނީ ހަތް މެމްބަރުންނެވެ. އެ މެމްބަރުންނަށް ލިބޭނީ ސިޓިން އެލަވަންސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަފީގު ވިދާޅުވީ އެގޮތަށް ބޯޑެއް އެކުލަވާލަނީ މީޑިއާ ކޮމިޝަން އުފެދިގެން ދާއިރު ވެސް، މީޑިއާތަކުގެ މެމްބަރުން ތިބޭކަން ޔަގީންކުރުމަށް ކަމަށެވެ.
އެކަމަށް ހިޔާލު ހުޅުވާލުމުން، އިނގުރައިދޫ ދާއިރާގެ އެމްޑީީޕީ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ "މީޑިއާތަކުން އަނެއްކާ ވެސް މިކަން ކޮށްފައި ލީމަ، އެ މީހުންގެ ބާރުގެ ދަށަށް އަންނަތަން" ފެނިވަޑައިގަންނަވާ ކަމަށެވެ. މީޑިއާތަކުން މެމްބަރުން ހޮވައި ބައިތިއްބައި ބޯޑުގައި މީޑިއާތަކުގެ މެމްބަރުން ގިނަވެއްޖެނަމަ އެއިން ނުފޫޒު ފޯރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުން ގެންދިޔައީ ސިއްރު ނުކޮށް ކަމުގައި ވިއަސް މައިކް އޮފްކޮށްފައި ގިނަ ވަގުތު ހޭދަވުމުން، ދެން ތިއްބެވި މެމްބަރުންގެ ހިޔާލު ހުރިގޮތެއް ސާފެއް ނުވެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ، މީޑިއާ ކޮމިޝަންގައި "މިނިވަންކޮށް ހިނގާ ވަކި ލޭޔާއެއް"ގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަސައްކަތް ހިމެނުމަށް ފަހު ތިން މުއައްސަސާ އެއްކޮށްލުމަށް ހުށަހަޅުއްވައިފަ އެވެ. ކޮމިޓީން ވަނީ، މީގެ ކުރިން ފާހަގަވި ކަންތައްތަކާ އެކު އުޝާމް ފާޅުކުރެއްވި ހިޔާލު ވެސް އޭޖީއާ ހިއްސާކުރަން ފާސްކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ބިލުގައި ކޮމިޓީގެ އެ ހިޔާލުތައް ހިމަނައި ފާސްވެއްޖެނަމަ މިނިވަން މީޑިއާ އަށް ވަރަށް ބޮޑު ހުރަހެއް އެޅިގެންދާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީއެއްގެ ހަނި ވިސްނުމަކަށް ވުރެ މުޅި ސަރުކާރުގެ ވިސްނުން އެއަށްވުރެ ތަސައްވަރު ފުދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ބާރު ވަކިވެފައި އޮންނަނީއޭ ބުނާ ގޮތަށް ހަތަރު ވަނަ ބާރަކީ ވެސް މުސްތަގިއްލު ގޮތެއްގައި ނޫސްވެރިކަމުގެ މިނިވަންކަން، އޭގެ ޒާތުގައި ރައްޔިތުންނަށް ފަހުމްވެ، އެނގޭގޮތަށް ވަކިވެފައި އޮންނަންޖެހޭނީ. ސަރުކާރުން ރެގިއުލޭޓްކުރައްވާފައި، މަަޖިލީހުން ރެގިއުލޭޓް ކުރައްވާފައި ރައީސުލްޖުމްހޫރިއްޔާ އެޕޮއިންޓްކުރައްވާ ބަޔަކު ނުވަތަ މަޖިލީހަށް ޖަވާބުދާރީވާން ބަޔަކު އެ ކޮމިޝަންގައި ތިބެގެން މުޅި މީޑިއާ ޒިންމާދާރުކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހިރިގާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސެން ވަހީދު /މިހާރު
އޭނާ ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރަން އޮތް އެންމެ ރަނގަޅު މޮޑެލަކީ، އެމްއެމްސީގެ ފޯމޭޝަން ކަމަށެވެ.
ވަކި ގާނޫނެއްގެ ދަށުން އުފެއްދި މީޑިއާ ކައުންސިލްގައި ހިމެނެނީ، މީޑިއާތަކުން އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން އައްޔަންކުރާ ހަތް މެމްބަރުންނެވެ. އާއްމުންގެ ތެރެއިން ކުރިމަތިލާނެ މެމްބަރުން ހޯދަން ހޯމް މިނިސްޓްރީން އާއްމުކޮށް އިއުލާނުކުރާނެ އެވެ. އެއާއެކު އެކަމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން 15 ނަމެއް ފޮނުވާނެ އެވެ. އޭގެ ތެރެއިން ކައުންސިލަށް މެމްބަރުން އިންތިހާބުކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެމްއެމްސީ މި ފަހަކަށް އައިސް ރަނގަޅު ނުހިނގުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަން ވެސް ގަބޫލުކުރައްވާ ކަމަށް ހިރިގާ ވިދާޅުވި އެވެ. އެހެން ދިމާވަނީ، އެމްއެމްސީ އިންތިހާބު އޮންނަނީ ދުވަހުން ދުވަހަށް ހަބަރު ގެންނަ މީޑިއާތަކުގެ ބަދަލުގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ މެދުގައި ކަމަށްވުމާއި މެމްބަރުން ތިއްބަވާއިރު، އެ ކައުންސިލް އޮންނަނީ ސަރުކާރަށް ވެސް ކޮންމެ ވެސް ވަރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ނުވަތަ މަޖިލީހުން އަތް ބާނައިގެން، ނޫސްވެރިކަމާ ގުޅުންހުރި ކަންކަން ކުރާކަމުގައިވާ ނަމަ އެ ދެވެނީ ފަހަތަށް ކަން ފާހަގަކުރައްވައި ހިރިގާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ދައުރު ފެނިގެން ދިޔަ ކަމަށެވެ. މުޅި ކަންތައް ދިޔައީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭތީ އެއްފަހަރު ތަނެއް ބަންދުކޮށް ނުވަތަ ތަނެއް ޖޫރިމަނާކުރުމުގެ ސަކަރާތުގައި ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ ތާރީހު އަލުން އިއާދަކުރަން ބޭނުންވާނަމަ އެއީ މިނިވަންކަމަށް އެޅޭނެ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިގާ ވިދާޅުވީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލައިގެން ރަނގަޅަށް މަސައްކަތް ކުރެވިދާނެ ކަމަށާއި އެކަމަކު އޭގެ ތެރެއަަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އެއްކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"މިތާ ޖުޑީޝަރީ އަށް ވެސް ރައްޔިތުންގެ މަޖިލިސް. މީޑިއާތައް ރެގިއުލޭޓްކުރަން، މީޑިއާ އަށް ލައިސަންސް ދޭ ބަޔަކަށް ވެސް މި ތިބީ ރައްޔިތުންގެ މަޖިލިސް. އެހެން އެކަންވާ ކަމުގައިވާނަމަ އަޅުގަނޑުމެން ޑިމޮކްރަސީއޭ ކިޔައިގެން މި ދައްކަނީ ލަދުގަންނަންޖެހޭ ވާހަކަ ހަގީގަތުގައި،" ހިރިގާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ހޭދަކުރައްވާފައިވާ އަދި މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެފަދަ ގޮތަކަށް ގާނޫނު ފާސްކޮށްފިނަމަ އެއީ މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުން އެކަށީގެންވާ ކަމެއް ކަމަށެވެ. ގާނޫނީ ބާރެއް ނެތި، ހަމައެކަނި ލަފައެއް ދޭ ގޮތަށް މީޑިއާ ތަމްސީލުކުރައްވާ މެމްބަރުން ތިބުމަކީ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ އިދާރާ އެއްކޮށްލުމާ ގުޅޭގޮތުން އެމްއެމްސީން މީގެ ކުރިން ވަރަށް ރަނގަޅު ޑްރާފްޓުތައް ތައްޔާރުކޮށް ހުށަހެޅި ކަމަށެވެ. އެކަމަކު އެއްވެސް ފަހަރެއްގައި މީޑިއާތަކުން ބޭނުންވި ގޮތަކަށް އެތަން ބައްޓަންކުރެވޭ ގޮތެއް ނުވި ކަމަށް ވިދާޅުވި އެވެ.
މީޑިއާތައް ތަރައްގީކުރުމުގެ ވާހަކައެއް އެއްވެސް ގޮތަކަށް ނުދައްކާ އަބަދު ވެސް ދައްކަމުން ދަނީ ތަނެއް އެއްކޮށްލާ ނުވަތަ ނައްތާލާ ވާހަކަކަން، މޮންދު ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މީޑިއާ ހަމަ މި އޮތް ފެންވަރުގައި ޒިންމާދާރުކަމާ އެކު ކުރިއަށް ގެންދާށޭ ބުންޏަސް އެކަން ނުގެންދެވޭނެ ބައިވަރު ސަބަބުތައް އެބަހުރި. އެކަންކަމާ މެދު ފިކުރު ކުރާ ބަޔަކު ނެތީމަ މިހެން މި ވަނީ،" އަމިއްލަ މީޑިއާއެއްގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ މޮންދު ވިދާޅުވި އެވެ.
ހިރިގާއާ އެއްގޮތަށް މޮންދު ވެސް ވިދާޅުވީ މީޑިއާ ކޮމިޝަނަށް އިންފޮމޭޝަން ކޮމިޝަނަރު ވައްދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީޑިއާގެ މެންޑޭޓާއި އިންފޮމޭޝަން ކޮމިޝަނަރުގެ މަސައްކަތާ މުޅިން ތަފާތުކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮމިޝަނަށް ލަފާދޭ ބޯޑެއް އޮތް ކަމުގައި ވިއަސް އެ ބޯޑަކަށް މަސައްކަތް ނުކުރެވޭނެ އެވެ. އެއީ ނަމައަކަށް އުފައްދާ ބޯޑެއް ކަމަށް ވިދާޅުވި އެވެ. މީޑިއާތައް މި ހިސާބަށް އައިސްފައިވަނީ ވެސް މީޑިއާތަކުން އަމިއްލަ އަށް ކުރި މަސައްކަތުން ކަމަށް މޮންދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ތި ބޮޑީއަކީ ހަމަ ނަމެއްގައި އޮންނާނެ ބޮޑީއެއް ކަމަށް. އެމީހުން ލަފާ ވެސް ދޭނެ. އެ ލަފާ ބޭނުންކުރުމުގެ އިހުތިޔާރު އޮތީ މަޖިލީހަށް،" މޮންދު ވިދާޅުވި އެވެ.
ނޫސްތަކުން ފެންނަ ހަބަރުތަކާއި އިވޭ އަޑުތަކުން، ކުރީގައި މީޑިއާތައް ޖޫރިމަނާކުރުމުގައި އޮތް ސަގާފަތް އަލުން އިއާދަވުން ވަރަށް ގާތްކަން ފެންނަކަމަށާއި މިއީ އުއްމީދުކުރެއްވި ގޮތެއް ނޫން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
މީޑިއާގެ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާ އެކު ނޮވެމްބަރު 17، 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަަތަމަ ތަސްދީގުކުރެއްވީ ވެސް އަބުރުގެ ގާނޫނު އުވާލުވުމުގެ އިސްލާހުގެ ބިލެވެ. އެ ގާނޫނުގެ ދަށުން، އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުންނެވެ.
މޮންދު ވިދާޅުވީ ރަނގަޅު ހެޔޮ ބަދަލުތައް ގެނައުމަށްފަހު މިކަހަލަ ހުރަސްތައް އަޅަން ވިސްނުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދު ވެސް ވަކާލާތުކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ދެރަވާ ކަމެއް ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، 2014 ވަނަ އަހަރު ފާސްކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ ވަކި މިނިވަން އޮފީހެކެވެ. އެ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގައި ހިންގުމަށް ބާރުއެޅުން ހިމެނެ އެވެ.
އަނެއްކާވެސް ދިވެހި އޮބްޒާވަރުގެ ޒަމާނަށް!
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ޝަހުބާންގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލަން ހުށަހަޅަނީ
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް