Roadha Mihaaru
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް

ޔާމީނަށް އިންސާފު ހޯދައިދޭން އިދިކޮޅުން މުއައްސަސާތަކަށް

12 އޯގަސްޓް 2020

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މުއައްސަސާތަކާ ބައްދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މުއައްސަސާތަކާ ބައްދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ވަނީ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދާ ބައްދަލުކުރައްވަން އެ ދެ އޮފީހަށް ވަޑައިގެންފަ އެވެ. އެކަމަކު ދެ ބޭފުޅުންނާ ވެސް ބައްދަލުވުމުގެ ފުރުސަތެއް ނުލިބުނު ކަމަށް އިދިކޮޅުން ބުންޏެވެ.

އެ ކޯލިޝަނުން ވަނީ މާދަމާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލުކުރަން ނިންމައިފަ އެވެ.

ވެލާނާގޭ ކުރިމަތީގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުއައްސަސާތަކުން ބައްދަލުކުރަން ދެކޮޅު ހެދިޔަސް ޔާމީންގެ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އެމަނިކުފާނަށް ވަކީލުންނާ ބައްދަލުނުވެވުމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ދަނީ ފާޅުކުރަމުންނެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޚިތޯބުގައި އެކަކު އަނެކަކަށް މާފްކޮށް ދީލަތިކަމާ އެކު އުޅެންޖެހޭ ކަމަށް ނަސޭހަތްދެއްވި އެވެ. އެއާއެކު މިނިވަން ދުވަހުގެ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އިދިކޮޅު ސިޔާސީ ފަރާތްތަކާ ވާހަކަ ދައްކަވަން ހުޅުވާލާފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮންތަނެއްގައި ތިބި ސިޔާސީ ފަރާތްތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައްކާ ވާހަކައާ އަމަލު ދިމާނުވާ ސަރުކާރެއް ޒިންމާދާރު ކުރުވުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވިޔަސް އެއް ދުވަހު ބައްދަލު ނުކުރިއްޔާ އަނެއް ދުވަހު ވެސް އިދިކޮޅުން މުއައްސަސާތަކަށް ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހައްގު ކަށަވަރު ކުރެވެންދެން މި މަސައްކަތުގައި ދެމިތިބޭނަން،" އޭނާ ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި އަބަދު ވެރިކަމުގައި ތިބެވޭނެ ކަމަށް މި ސަރުކާރުން ހީކޮށްގެން ނުވާނެ އެވެ. ރާއްޖޭގެ ވެރިކަމާ ދެން ހަވާލުވާނީ ޕީޕީއެމާއި ޕީއެންސީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް މި ސަރުކާރުން ކުރާ ކަންކަން ބަލާނެ ކަމަށާއި އެކަން ހަނދާންކޮށްގެން ތިބުމަށް އޭނާ އެދިވަޑައިގަތެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމު މިއޮތް ހާލަތުން އަރައިގަނެވޭނީ ޔާމީން މިނިވަންކޮށްގެން ކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެމަނިކުފާނު މިނިވަންކުރަން އިދިކޮޅުން ކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުވާގައިވެ އެވެ.