Roadha Mihaaru
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި

ޝަންގްރިއްލާ ވިލިގިލި ރިސޯޓް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

25 އޯގަސްޓް 2020

ކޮވިޑް-19އާ ހެދި މިދިޔަ އެޕްރީލް މަހުން ފެށިގެން އޮޕަރޭޝަން މެދުކަނޑާލާފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި މިދިޔަ އެޕްރީލް މަހުން ފެށިގެން އޮޕަރޭޝަން މެދުކަނޑާލާފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

އައްޑޫގައި 2008 ގައި ހުޅުވި 132 ވިލާގެ އެ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ.

ޝަންގްރިއްލާ މުއްދަތެއް ނެތް ގޮތަށް ބަންދުކުރިކަން އަންގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރަހީމް ފްލީން މުވައްޒަފުންނަށް ފޮނުއްވި ނޯޓިހެއްގައި ވިދާޅުވީ، އެޕްރީލް މަހުން ފެށިގެން ރިސޯޓުގެ އޮކިިއުޕަންސީ އެއްކޮށްހެން ވެއްޓި، އެތަން މި ވަގުތު އޮޕަރޭޓްކުރަން ދަތިވެފައިވާ ކަމަށެވެ. ނަމަވެސް 100 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ގޮތްތަކެއް ބެލި ނަމަވެސް އަދި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، މި ވަގުތަށް ރިސޯޓު ބެހެލެއްޓުމަށް ބޭނުންވާ އަދަދަށް މުވައްޒަފުން ބޭތިއްބުމަށް ފަހު، ދެން ތިބި މުވައްޒަފުން މި ވަގުތަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ނޯޓިހުގައި ވެ އެވެ.

އޭގައި ބުނީ މިކަމާ ގުޅޭ ގޮތުން ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުވައްޒަފުން ކުރަން ޖެހޭ މުއާމަލާތްތައް ކުރިއަށް ގެންދާނެ އެވެ.

ޝަންގްރިއްލާ ބަންދުކުރަން ނިންމުމާ ގުޅިގެން މިކަމާ ބެހޭ ގޮތުން އެތަނުގެ މެނޭޖްމަންޓާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިއަދު މަޝްވަރާ ވެސްކޮށްފައިވެ އެވެ. އެކަމަކު އޭގެ ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ދުރުގައި އޮންނަ ރިސޯޓެކެވެ. އަދި އެތަން މަޝްހޫރީ މުއްސަނދި ޓޫރިސްޓުން އަންނަ ތަނެއްގެ ގޮތުގަ އެވެ. އެގޮތުން ޝަންގްރިއްލާ ވަރަށް ޓޫރިސްޓުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރެ އެވެ.

ނަމަވެސް ކޮވިޑް-19އާ ދިމާކޮށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމާއި ފަހުން ބޯޑަރު ހުޅުވައިލި ނަމަވެސް އައްޑު އަށް ޓޫރިސްޓުން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އައްޑޫގައި 2007 ގައި ހުޅުވި ކެނަރީފް (ހެރެތަރެ) ރިސޯޓް ވެސް ވަނީ ޖޫން މަހުގެ ތެރޭގައި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. ޝަންގްރިއްލާ އާއި ކެނަރީފްގެ އިތުރުން އައްޑޫގައި ދެން ހިންގަނީ ސައުތު ޕާމް ރިސޯޓެވެ. މީގެ އިތުރުން ގަމުގައި އީކްއޭޓަ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ވެސް ހިންގަ އެވެ.

އައްޑު އަކީ ގިނަ އަދަދަކަށް ގެސްޓްހައުސް ވެސް ހުރި ތަނެކެވެ. ނަމަވެސް ކޮވިޑާ އެކު އެތަންތަން ވެސް ބަންދުކުރަން ޖެހުމުން އައްޑޫގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވެ އެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ 500 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ.