Roadha Mihaaru
އެސްބީއައިގެ ޚިދުމަތް ލިބޭނީ ހުޅުމާލެ އިން އެކަނި

އަލިފާނުގެ ގެއްލުމާ ގުޅިގެން، އެސްބީއައިގެ ޚިދުމަތް ލިބޭނީ ހުޅުމާލޭ ބްރާންޗުން އެކަނި

29 އޯގަސްޓް 2020

މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ފްލޯތަކަށް ގެއްލުން ވެފައިވާތީ، މާލޭ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހުޅުމާލެ ބްރާންޗުން އެކަނި ޚިދުމަތް ދޭން އެ ބޭންކުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ފްލޯތަކަށް ގެއްލުން ވެފައިވާތީ، މާލޭ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހުޅުމާލެ ބްރާންޗުން އެކަނި ޚިދުމަތް ދޭން އެ ބޭންކުން ނިންމައިފި އެވެ.

މިރޭ ނެރުނު ނޫސް ބަޔާނެއްގައި އެސްބީއައި އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގައި އެ ބޭންކުން ޚިދުމަތް ދެމުން އަންނަ ފަސް ފްލޯ އަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ޚިދުމަތް ދޭނީ އެސްބީއައި ހުޅުމާލެ ބްރާންޗުން އެކަނި ކަމަށް ބަޔާނުގައި ވެ އެވެ. އެގޮތުން މާލޭގައި ހިންގާ، އެސްބީއައިގެ މައި ތަނުން ދެމުން އައި ހުރިހާ ޚިދުމަތެއް ހުޅުމާލެ ބްރާންޗުން ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އެސްބީއައި އިން ވަނީ މާލެ އިން ހުޅުމާލެެ އަށް ދާން ބޭނުންވާ ކަސްޓަމަރުންނަށް ދަތުރުގެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން ހެނދުނު 8 އިން ހަވީރު 6 އަށް އެ ބޭންކަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސާ ކަސްޓަމަރުންނަށް މިނީ ބަހުގެ ހިދުމަތް ލިބޭނެ އެވެ. އެޕޮއިންޓްމަންޓު ހެއްދުމަށާއި ޚިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 3350875 ނުވަތަ 9959658 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރެވޭނެ އެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗު ހުންނާނީ އަމީން އެވެނިއު އޯކް ޔުނިޓް ތިނެއްގެ ތިރީގަ އެވެ.

ހުޅުމާލެ ބްރާންޗުގެ އިތުރުން މާލޭގައި ޗައިނާ ގާޑެން ރެސްޓޯރެންޓު ކުރިން ހުރި އިމާރާތާ ޖެހިގެން ހުންނަ އިމާރާތުގައި ވެސް އެސްބީއައިގެ ބައެއް ހިދުމަތްތައް ލިބޭނެ އެވެ. މީގެ ތެރޭގައި ޗެކް ޓްރާންސްފާ ކުރުމާއި އާރުޓީޖީއެސް ރެކުއެސްޓާއި ޓީޓީގެ އިތުރުން ރެމިޓެންސް ރިކުއެސްޓުގެ ޚިދުމަތް ލިބޭނެ އެވެ.

މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މާފަށް އެދިފަ އެވެ.

އެސްބީއައިގެ ފަސް ފްލޯއެއް ހިންގަމުން އަންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރީގައި ހަދާފައިވާ ޕެންޓް ހައުސްގައި ވަރަށް ބޮޑަށް ރޯވެ، ރޭ އަނދާފައިވާއިރު، އެ އިމާރާތުގެ އެހެން ފްލޯތަކުގެ ތެރެއަށް ވެސް އަލިފާންގަނޑު ވަދެ ވަނީ ގެއްލުންތަކެއް ވެފަ އެވެ.

ބޮޑުތަކުރުފާނު މަގުން އާޓިފިޝާލް ބީޗް ކަރީގައި ހުންނަ 10 ބުރީގެ އެ އިމާރާތުގެ ޕެންޓު ހައުސް އާއި އެހެން ފްލޯތަކުގެ ތެރެއަށް އަލިފާންގަނޑު ވަނީ، ޖެހިގެން ހުރި ޓިއޮލޯ ކެފޭގައި ރޯވެގެންނެވެ. ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް އަލިފާން ފޯރީ، އެ އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގައި، ކެފޭގައި ރޯވި އަލިފާން ހިފުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.