Roadha Mihaaru
ޔައުގޫބްގެ މެމްބަރުކަން ގެއްލުނީތަ؟

ޔައުގޫބްގެ މެމްބަރުކަން ގެއްލުނީތަ؟

16 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމާ މެދު ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމާ މެދު ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރު ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެން ފެށުމުން އޭނާ ވަނީ އެ ކައުންސިލުން މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރު ކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ. އެހެންވެ، ޔައުގޫބް އެ މަގާމު ގަބޫލުކުރެއްވި ހިސާބުން އޭނާގެ މަގާމު ގެއްލޭނެތޯ ނުވަތަ ނޫންތޯ މި އޮތީ ބަހުސަކަށް ގޮސްފަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވީ ޔައުގޫބް ކުރެއްވީ މެމްބަރަކު ކުރައްވައިގެން ނުވާނެ ފަދަ އަމަލެއް ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީ އޮޮތް ގޮތުން މި ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މުޅިން ސާފުނުވާތީ އެއީ ދެކޮޅަށް ބަހުސްކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ކަނޑައެޅިގެން ޚިލާފް ވީމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް. ދެން ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް އޮންނާނީ،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އެހެން ވަކީލަކު ވިދާޅުވީ ޗާޓަޑް އެކައުންޓެންޓް އިންސްޓިޓިއުޓް ކައުންސިލަކީ ޕްްރޮފޮޝެނަލް ދާއިރާތައް ރެގިއުލޭޓް ކުރަން އުފައްދާފައިވާ ކައުންސިލަކަށް ވާތީ އެއީ ދައުލަތުގެ މަގާމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީން މަނާކުރާ އެހެން ވަޒީފާއެއް އަދާކުރުމާއި އެހެން މަސްއޫލިއްޔަތެއް އަދާކުރުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އަދި ޗާޓަޑް އެކައުންޓެންޓް އިންސްޓިޓިއުޓްގެ ކައުންސިލްގެ މެމްބަރު ކަން ޔައުގޫބް ނުކުރެއްވިޔަސް، އެކައުންޓެންޓެއްގެ ހައިސިއްޔަތުން އެ އިންސްޓިޓިއުޓްގެ މެމްބަރުކަން އޭނާއަށް ކުރެއްވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ވަކީލް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ބުނަނީ ދައުލަތުގެ ވަޒީފާއެއްގެ ވާހަކައެއް. މަސްއޫލިއްޔަތެއް އަދާކުރުމުގެ ވާހަކައެއް ނެތް. އަޅުގަނޑަށް ވަރަށް އުނދަގޫ މިއީ ވަޒީފާއެކޭ ބުނަން. ވަޒީފާއެއް ކަމަށް ބުނަންޏާ ކޮން ކެޓަގަރީއެއްގެ ވަޒީފާއަކަށްތޯ ފެތެނީ. އެކަން ވެސް އެހެން އެ ވިދާޅުވާ ބަޔަކު ބުނެދޭން އެބަ ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެހެން ވަކީލަކު ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް އެ ކޯޓަށް އެ މައްސަލަ ބަޔަކު ހުށައެޅުމުންނެވެ.

މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަގާމެއް ގަބޫލުކޮށްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.

ޗާޑަޓް އެކައުންޓެންޓް އިންސްޓިޓިއުޓް ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޔައުގޫބު ވިދާޅުވީ، އޭނާ އެކަން ގަބޫލުކުރެއްވީ ގާނޫނީ ލަފާ ވެސް ހޯއްދަވައިގެން ކަމަށެވެ. އޭނާއަށް ލިބިވަޑައިގެންނެވި ގާނޫނީ ލަފާގައި، ކައުންސިލްގެ މެމްބަރަކަށް ހުންނެވުން މައްސަލައަކަށް ނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާއާ ބެހޭ ގޮތުން ގާނޫނީ ބަހުސެއް އުފެދުމުން، އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވާތީ، އެގޮތަށް ނިންމެވީ ކަމަށް، ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން ގަބޫލުކުރީ ގާނޫނީ ލަފާ ވެސް ހޯދައިގެން. އަޅުގަނޑަށް ލަފާ ދެއްވި ގާނޫނީ ބޭފުޅުން ދެކެވަޑައެއް ނުގަންނަވާ އެކަމުގައި މައްސަލައެއް އޮތް ކަމަކަށް. އެކަމަކު ހިޔާލު ތަފާތުވުންތައް އުފެދުމުން އަޅުގަނޑަށް ގަބޫލުކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ދުރަ ޖެހިލުން ކަމަށް،" ޔައުގޫބު ވިދާޅުވި އެވެ.