Roadha Mihaaru
ޖަލަށްް ދާން ބިރެއް ނުގަނޭ: ފާރިސް

ޖަލަށްް ދާން ބިރެއް ނުގަނޭ، އެކަމާ ވެސް ކުރިމަތިލާނަން: ފާރިސް

27 އޮކްޓޯބަރ 2016

ޖަލަށް ދާން ބިރު ނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޖަލަށް ދާން ބިރު ނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މިއަދު މެންދުރު ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ތަފާތު އެކި ސަބަބުތަކާ ހެދި ސަރުކާރަށް ފާޑު ވިދާޅުވާން ކެރިވަޑައިނުގެން އެބަތިއްބެވި ކަމަށެވެ.

"އަޅުގަނޑުމެން ބިރެއް ނުގަނޭ ޖަލަށް ދާން، ﷲ ގެ އިރާދަފުޅުން. ތިިކަމާ ވެސް އަޅުގަނޑުމެން ކުރިމަތިލާނަން. ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރާނަން،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ﷲ ގަންދީ ހުވާކުރެއްވުމަށް ފަހު ވިދާޅުވީ އޭނާ ޖަލަށް ދާން ޖެހޭ ވަރުގެ ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ކުރަންޏާ ކުރަން ޖެހޭނީ ފްރޭމް،" އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ނުހައްގުން އެއްވެސް ބަޔަކާ މެދު ސަލާމަތީ ބާރުތަކުން އަމަލު ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ހުރިހާ މުއައްސަސާއަކުން ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

"ވަކި މީހަކު ދައްކަފާނެ ބިރަކަށް ނުވަތަ ވަކި މީހަކު ދީފާނެ މާލީ ފައިދާއަކަށް ނުބައްލަވައި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރައްވާ،" ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބާއްވަން އުޅުނު ޖަލްސާ ހުއްޓުވާލުމުން ކުރީގެ ރައީސް މައުމޫން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފަ އެވެ.