Roadha Mihaaru
އައިޓީއެފްސީން ބީއެމްއެލް އަށް 5 މިލިއަން ޑޮލަރު ދީފި

ކުދި ވިޔަފާރިތަކަށް އެހީވާން އައިޓީއެފްސީން ބީއެމްއެލް އަށް ފަސް މިލިއަން ޑޮލަރު ދީފި

23 ސެޕްޓެމްބަރ 2020

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއް ކަމަށްވާ، ދަ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއް ކަމަށްވާ، ދަ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.

މިއީ، ރާއްޖޭގެ ގައުމީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާއްޖޭން ބޭރުން މުދާ ގެންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ދޫކުރި ފައިނޭންސިން ފެސިލިޓީއެކެވެ. ބީއެމްއެލް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.

އައިޓީއެސްސީން މި ފައިނޭންސް ހަމަޖެހުނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރި އާއި މާލީ ދާއިރާ އަށް ބޮޑެތި ގެއްލުންތައް ވުމުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މި ދުވަސްވަރު އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަދު ހަމަޖެހުނު ފައިނޭންސްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިޓީއެފްސީ އާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަކޮށް ފަސް މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންއެއް ހަމަޖެހޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ،" ޓިމް ވިދާޅުވި އެވެ.

މި ފެސިލިޓީއާ ގުޅޭގޮތުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ. ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ، އައިޓީއެފްސީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބީއެމްއެލް ފަދަ މާލީ އިދާރާތަކާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެެ. މިއާއެކު، އެފަދަ ވިޔަފާރިތަކުގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި، ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓު ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މި ފައިނޭންސް ތައާރަފު ކުރެވޭ ކަމީ އަޅުގަނޑުމެންނަށް ވެސް ލިބޭ ފަހުރެއް. މީގެ ސަބަބުބް އޯއިސީގެ ގައުމުތަކުގެ މެދުގައި ވިޔަފާރި ގުޅުންތައް ރަނގަޅުވެ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ހުޅުވިގެންދާނެ،" ހާނީ ސަލިމް ވިދާޅުވި އެވެ.

އައިޓީއެފްސީން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޮންސް ޕެކޭޖުގެ ދަށުން ބޭހުގެ ބާވަތްތަކާއި ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ރާއްޖެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.