Roadha Mihaaru
ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ ތަފާތު ޓްރަމްޕެއް

ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ މުޅިން ތަފާތު ޓްރަމްޕެއް

29 ސެޕްޓެމްބަރ 2020

ވޮޝިންޓަން (ސެޕްޓެމްބަރު 29) - ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސްއާ ބެހޭ މައުލޫމާތުތައް ނިއު ޔޯކް ޓައިމްސް އިން އިއްޔެ ހާމަކުރުމުން އޭނާއަކީ އޭނާ ވިދާޅުވާ ކަހަލަ ކާމިޔާބު ވިޔަފާރިވެރިއެއް ނޫންކަން އެނގިއްޖެ އެވެ. އަދި އޭނާގެ ނަމުގައި ނަގާފައިވާ އެތައް ސަތޭކަ މިލިއަން ލޯނެއް، ކުރިއަށް އޮތް މަދު އަހަރުތަކެއްގައި ދައްކަން ފަށަން ޖެހޭތީ، ރައީސްގެ ކުރިމަގުގެ މާލީ ހާލަތު ވަރަށް ގޯސްކަން ވެސް، މީގެ ކުރިން ހާމަވެފައި ނެތް އެ މައުލޫމާތުތަކުން އެނގެ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރިޔާސީ އިންތިހާބަށް މަހަކަށް ވެފައި ވަނިކޮށް އަދި ދެ ކެންޑިޑޭޓުންގެ ފުރަތަމަ ބަހުސް މިއަދު އޮންނަ އިރު، ނިއު ޔޯކް ޓައިމްސްގެ ދިރާސާއަކީ، ޓްރަމްޕަށް ކުރިމަތިވި އިތުރު މައްސަލައެއް ކަމަށް ބެލެވެ އެވެ. ޓްރަމްޕްގެ ޓެކްސް މައުލޫމާތު ހާމަކުރައްވަން އޭނާ އަބަދުވެސް ދެކޮޅެވެ. ނިއު ޔޯކް ޓައިމްސް އިން އެ މައުލޫމާތު ހޯދީ، އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް ނޫހުން ބުނި ގޮތުގައި، ގާނޫނީ ގޮތުން އެ މައުލޫމާތު އެނގި ތިބި ބައެއްގެ ފަރާތުންނެވެ.

އިންތިހާބު ކާމިޔާބުކުރެއްވި އަހަރު 2016 ގައި، ޓްރަމްޕް ޓެކްސްއަށް ދެއްކެވީ އެންމެ 750 ޑޮލަރެވެ. އަދި ރައީސްކަމުގެ ފުރަތަމަ އަހަރު، 2017 ގައި ވެސް ޓެކްސްއަށް ދެއްކެވީ ހަމަ އެ އަދަދެވެ. މިއީ އެމެރިކާގެ ޓީޗަރުންނާއި ފަޔާފައިޓަރުންނާއި ނަރުހުން ފަދަ، ބުރަ މަސައްކަތުގައި އުޅޭ މީހުން ޓެކްސްއަށް ދައްކާ ވަރަށް ވުރެ ވެސް މަދު އަދަދެކެވެ.

މުއްސަނދި މީހެއް ނަމަ، އަދި އޭނާގެ ވިޔަފާރިން ފައިދާ ވާ ނަމަ، ޓެކްސްއަށް ދައްކާ އެއްޗެއް ވެސް ބޮޑުވާނެ އެވެ. އެކަމަކު ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުން އެނގޭ ގޮތުގައި މިދިއަ 18 އަހަރުގެ ތެރެއިން 11 އަހަރު، ޓްރަމްޕް އެއްވެސް ޓެކްސްއެއް ދައްކަވާފައެއް ނުވެ އެވެ. މުޅިން ވެސް ހުރީ ގެއްލުންވާ ކުންފުނިތަކެވެ.

ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ޑޮނަލްޑް ޓްރަމްޕް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ޑޮނަލްޑް ޓްރަމްޕް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޓައިމްސްގެ ރިޕޯޓާ އެކު ޓްރަމްޕް ވަނީ އޭނާގެ އާދަކާދައިގެ މަތިން "ދޮގު ހަބަރު" ކަމަށް އިއުލާންކުރައްވައިފަ އެވެ. ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ ގަވާއިދާ ހިލާފަށް މައުލޫމާތު ހޯދައިގެން، ހާމަކުރަނީ ނުބައި ނިޔަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެކްސްއަށް އެތައް މިލިއަން ޑޮލަރެއް ދައްކަވާފައި ހުންނާނެ އެވެ. އެކަމަކު އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް، ބަދަލު ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުން ނަމަ، ޓްރަމްޕް ވަނީ އިންޓާނަލް ރެވެނިއު ސާވިސް (އައިއާރުއެސް) އިން 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު އަނބުރައި ހޯދައިފަ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސްއާ ބެހޭ މާ ގިނަ ސުވާލުތަކެއް ކުރުމުގެ ފުރުސަތެއް ޓްރަމްޕް ނުދެއްވި އެވެ.

ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އާއި ޓްރަމްޕްގެ ފުރަތަމަ ބުހުސްގައި ޓެކްސްގެ މައްސަލަ ކުރިމަތިވާނެ އެވެ. ޓައިމްސްގެ ރިޕޯޓާ އެކު ބައިޑަން އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމެރިކާގެ ބުރަ މަސައްކަތްތެރިންނަށް ވުރެ ޓްރަމްޕް ދެއްކެވި ޓެކްސް ކުޑަ ކަމަށެވެ.

ޓްރަމްޕްގެ ކެމްޕޭންގެ އިސް މީހުން ބުނަނީ އާ ރިޕޯޓުން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. ނަމަވެސް ރިޕަބްލިކް ޕާޓީގެ މަޝްހޫރު ވެރިން، ރައީސްގެ ޓެކްސްގެ މައްސަލާގައި އެއްވެސް އެއްޗެކޭ ވިދާޅުނުވެ ތިއްބެވީ ހިމޭންކޮށެވެ.

އެމެރިކާގައި އަހަރެއްގެ ތެރޭގައި ޓީޗަރުން އެވްރެޖްކޮށް 7،239 ޑޮލަރު (114،710 ރުފިޔާ)، ފަޔާފައިޓަރުން 5،283 ޑޮލަރު (81،360 ރުފިޔާ) އަދި ނަރުހުން 10،216 ޑޮލަރު (157،530 ރުފިޔާ) އިންކަމް ޓެކްސްގެ ގޮތުގައި ދައްކަ އެވެ. އެކަމަކު ރައީސް އަދި ބޮޑު މަހުޖަނެއް ކަމަށް، އޭނާ އަމިއްލަ އަށް ވެސް ސިފަކުރައްވާ ޓްރަމްޕް އެންމެ 750 ޑޮލަރު (11،565 ރުފިޔާ) ދެއްކެވުމަކީ، އެތައް ބައެއްގެ ނަޒަރުގައި ބޮޑު މައްސަލައެކެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ގެންދަވަނީ ވަގުތުގެ ފައިދާ ނަންގަވަމުންނެވެ. އެގޮތުން 2018 ގައި ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބުކުރެއްވި ޒުވާން މެމްބަރެއް ކަމަށްވާ ނިއު ޔޯކްގެ އެލެގްޒަންޑްރިއާ އޮކާސިއޯ-ކޯޓެޒް ވިދާޅުވީ ބާއެއްގައި އޭނާ މަސައްކަތްކުރެއްވި އިރު 2016 އާއި 2017 ގައި ވެސް، ޓެކްސްގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ދެއްކެވި ކަމަށެވެ.

"މުޖުތަމައު އަށް އެހީވުމުގައި އޭނާ ދައްކަވާފައި އެވަނީ ވެއިޓަރުންނާއި ބޭރު ގައުމުތަކުން ހިޖުރަކުރި މީހުންނަށް ވުރެ ވެސް މަދު އަދަދެއް،" އޮކާސިއާ-ކޯޓޭޒް ވިދާޅުވި އެވެ.

"ޑޮނަލްޑް ޓްރަމްޕަށް ވުރެ މަ ވެސް މާ ގިނައިން އިންކަމް ޓެކްސް ދެއްކީމެވެ،" މިހެން ޖަހާފައި ހުރި ޓީޝާޓާއި ސްޓިކާ ފަދަ އެއްޗެހި ބައިޑަންގެ ކެމްޕޭނުން މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. އޭގެ އިތުރުން ޓްރަމްޕަށް ވުރެ ގިނައިން އިންކަމް ޓެކްސް ދެއްކިކަން އަމިއްލައަށް ޗެކްކޮށްލެވޭ ގޮތަށް، "ޓްރަމްޕް ޓެކްސް ކަލްކިއުލޭޓަރު" ވެސް، ބައިޑަންގެ ކެމްޕޭނުން ނެރުނެވެ.