Roadha Mihaaru
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!

އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!

20 އޮކްޓޯބަރ 2020

ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިއްޖެ އެވެ؛ ކޮންމެ ދުވަހަކު ރާއްޖެ ގުޅައި ރޮއެ އާދޭސްކުރަނީ، ކޮންމެވެސް ވަރެއްގެ ފައިސާއެއް ފޮނުވައިދޭށެވެ. އެކަމަކު، އަލީ ޖަލާލަށް (އަސްލު ނަމެއް ނޫން) ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. އާއިލާ ދޫކޮށްލައި އޭނާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ އާއިލާގެ ފަގީރު ހާލަތެވެ. އެކަމަކު، އެ ކޮޅުގައި ތިބި އާއިލާއަށް އާމްދަނީ ހޯދަން، ރެ އާއި ދުވާލު ރާއްޖޭގައި ކުރި މަސައްކަތަކީ ޖަލާލަށް ވަރަށް ހިތްދަތި ތަޖުރިބާއެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިއްޖެ އެވެ؛ ކޮންމެ ދުވަހަކު ރާއްޖެ ގުޅައި ރޮއެ އާދޭސްކުރަނީ، ކޮންމެވެސް ވަރެއްގެ ފައިސާއެއް ފޮނުވައިދޭށެވެ. އެކަމަކު، އަލީ ޖަލާލަށް (އަސްލު ނަމެއް ނޫން) ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. އާއިލާ ދޫކޮށްލައި އޭނާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ އާއިލާގެ ފަގީރު ހާލަތެވެ. އެކަމަކު، އެ ކޮޅުގައި ތިބި އާއިލާއަށް އާމްދަނީ ހޯދަން، ރެ އާއި ދުވާލު ރާއްޖޭގައި ކުރި މަސައްކަތަކީ ޖަލާލަށް ވަރަށް ހިތްދަތި ތަޖުރިބާއެކެވެ.

އޭނާ އެންމެ ފަހުން މަސައްކަތްކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން އެ ތަނުގައި މަސައްކަތްކުރުވައި ހަތް މަހުގެ މުސާރަ ނުދީގެން ހިތްހަމަނުޖެހުން ފާޅުކުރުމުން، ޖަލާލާ އެކު ގާތްގަނޑަކަށް 170 ބިދޭސީން ބޮޑުފިނޮޅަށް ދޫކޮށްލީ އެވެ. ފުލުހުން އެ މީހުން އެ ރަށުން ބަލައި ހުޅުމާލެ ފެސިލިޓީއަކަށް ގެނައިތާ ވެސް ދެ މަސް ވީ އެވެ. ރިޒް ކުންފުންޏާއި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުން ތިން އިރު ކާން ލިބެ އެވެ. އެކަމަކު ކޮންމެ ދުވަހެއްގެ އިރުއަރައި އޮއްސެނީ، ޖަލާލު ބުނިގޮތުގައި، ހިތްދަތި ކަމުގަ އެވެ.

"އާއިލާ އިން ފޯނުކުރާ ކޮންމެ ފަހަރަކު އަހަރެން މަރުވޭ، މަންމަ އާއި ބައްޕަ ކާނެ އެއްޗެއް ނެތް. ކުޑަދަރިފުޅު ގޮވައިގެން އަންހެނުންނަށް މަސައްކަތެއް ނުކުރެވޭ. ޑޮކްޓަރަށް ނުދެއްކޭ. އެއްވެސް ލާރިއެއް ބަންގްލަދޭޝްއިން ނުލިބޭ. އެ މީހުން ވަރަށް ހާލުގައި ޖެހިފައި ތިބީ. އަހަރެން މުސާރަ ނުފޮނުވާތާ އަހަރެއް ވަނީ،" ޖަލާލު "މިހާރު"އަށް ކިޔައިދިނެވެ.

"ބައްޕަ އަހަނީ ކީއްވެހޭ ލާރި ނުފޮނުވަނީ؟ މަންމަ ބުނަނީ ކާއެއްޗެހި ހުސްވެފައޭ ހުރީ، އަންހެނުން ވެސް ދެރަވެފައި ހުރީ. އަހަރެން ވެސް ދެރަވޭ. މި ހާސްކަމުގައި ކޮންމެ ދުވަހަކު ހިތްދަތިވެގެން މަރުވޭ. ﷲ އަށް ވަކީލުކޮށްގެން ހުރުން ފިޔަވައި އިތުރު ގޮތެއް ނެތް."

ޖަލާލު އެކަންޏެއް ނޫނެވެ؛ ބޮޑުފިނޮޅުން ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ ގިނަ މީހުންގެ ހާލަތު ހުރީ އެގޮތަށެވެ. ބައެއް މީހުން ވަނީ އާމްދަނީ ހޯދާނެ ކޮންމެވެސް ގޮތެއް ހޯދަން އެތަނުން ފިލައިފަ އެވެ. ސައްހަ ޑޮކިއުމެންޓެއް ނެތި މަސައްކަތް ކުރުމަކީ ކުށެއް ކަން ވެސް ފިލި މީހުންނަށް އެނގެ އެވެ.

"މުސާރަ ނުދޭތީ އެއްވެސް ގޮތެއް ނެތީމަ މަސައްކަތެއް ހޯދަން ދިޔައީ،" ބައެއް ރައްޓެހިން ދިޔަ ސަބަބު ޖަލާލު ކިޔައިދިނެވެ.

ޖަލާލު ބުނިގޮތުގައި ރާއްޖޭގައި ހުރި ބަންގްލަދޭޝް މީހަކަށް ފައިސާ ދީ އޭނާގެ އެހީގައި ވޯކްޕާމިޓް ހޯދައިގެން އައިސް ފުރަތަމަ މަސައްކަތް ކުރި ތަނުން ބޮޑުފިނޮޅަށް ބަދަލުވީ 2019ގަ އެވެ. ފުރަތަމަކޮޅުގައި ލަހުން ދިނަސް މުސާރަ ލިބުނެވެ. އެކަމަކު ފަހުން މުސާރަ ނުދޭން ފެއްޓީ އެވެ. އެހެންވިޔަސް މުސާރަ ހަމަޖައްސައިދޭނެ ކަމަށް ކޮންމެ ފަހަރަކު ދޭ ޔަގީން ކަމަކީ، ކެތްތެރިކަން ކޮޅުންލާއިރު ވެސް އެތަނުގައި ހުންނަން މަޖުބޫރުކުރުވި ސަބަބު ކަމަށް ޖަލާލު ބުންޏެވެ.

"އެހާ ދުވަހު މުސާރަ ނުދިނީމަ ދެން ވާނީ ކިހިނެއް؟ ރުޅިއައިސް މުޒާހަރާކުރީމަ މިތަނަށް ގެނައީ. އޭގެ ފަހުން ވެސް މިކިޔަނީ އާއިލާ އަށް ފޮނުވަން މުސާރަ ދޭށޭ. އެކަމަކު އެއްވެސް އެހީއެއް ނުވޭ، ދެން ކާކު ކައިރިއަށް އެހީއަށް އެދި އަހަރެމެން ދާނީ؟" ޖަލާލު ބުންޏެވެ.

ބޮޑުފިނޮޅަށް ދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދެނީ: އެ މީހުން ހަމަނުޖެހުމަށް ނުކުތީ މުސާރަ ނުދޭތާ ހަތް މަސް ވުމުން އައި ރުޅީގައި.

ބޮޑުފިނޮޅަށް ދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދެނީ: އެ މީހުން ހަމަނުޖެހުމަށް ނުކުތީ މުސާރަ ނުދޭތާ ހަތް މަސް ވުމުން އައި ރުޅީގައި.

މުސާރަ ނުދިން މައްސަލައިގައި، ބޮޑުފިނޮޅުގައި ދިވެއްސަކު ރަހީނުކޮށް، ފުލުހުންނާ ވެސް ކުރިމަތިލައި އެ ރަށުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރު ވެސް ކުރި އެވެ. މި މުޒާހަރާ އަށް ފަހު ހުޅުމާލެއަށް އެ މީހުން ގެންނަން ޖެހުނީ ރިޒް ކުންފުނިން ހަވާލުވާން ދެކޮޅު ހެދުމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ސީލް ކުންފުނިން ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކުރީ އެ ކުންފުނީގެ އެންމެ 14 ބިދޭސީންނެވެ.

"ހިއުމަން ޓްރެފިކިންގެ އަމަލުތައް ސީރިއަސްއެއް ނުވި!"

އެކަމަކު ރިޒުން ހެދީ ދޮގެއްކަން، ބިދޭސީންނަށް މުސާރަ ދިން އެ ކުންފުނީގެ ލިއުންތަކުން ހުރީ ފެންނާށެވެ. މުސާރަ ނުދިނުމާއި ސީރިއަސް އެހެން މައްސަލަތަކެއް އެ ބިދޭސީންނާ ދޭތެރޭގައި ހިންގާފައިވާތީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގަ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީއަށް ކަމާ ގުޅޭ އިދާރާތައް ގެންގޮސް ސުވާލުކޮށް ހެދި އެވެ. އެކަމަކު ނެރެވުނު ނަތީޖާއެއް ނެތެވެ.

ފުލުހުން ބުނެފައި ވަނީ، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ރިސޯޓު ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ. ޖުލައި މަހު ފެށި މި ތަހުގީގު ކުރިއަށްދާ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ބިދޭސީންގެ މުސާރަ ހަމަޖައްސައިދޭން ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ރިޒް ކުންފުންޏަށް އެންގި އެވެ.

އެ އޮތޯރިޓީން އެންގީ ރިސޯޓު ހަދަން ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މިދިޔަ އޮގަސްޓަ މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށެވެ. އެކަމަކު އެ އެންގުމަށް ރިޒް ކުންފުނިން އަމަލެއް ނުކުރި އެވެ. މައްސަލަ ބަލަން ރިޒް ކުންފުނިން އެއްބާރުލުން ނުދިން ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމަށް އެލްއާރުއޭ އިން ބުނެފައިވިޔަސް ބިދޭސީންގެ ހައްގުގައި އެޅުނު ފިޔަވަޅެއް މިހާތަނަކަށް ނެތެވެ.

ބިދޭސީންނަށް މުސާރަ ދޭން އެންގި މައްސަލައިގައި ރިޒުން ބުނެފައި ވަނީ، މުސާރައިގެ މައްސަލަ ނިމިގެންދާން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބިދޭސީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ނިމުމުންނެވެ.

ބޮޑުފިނޮޅުގެ ބިދޭސީންގެ ހައްގުގައި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ވެސް ކުރިއަށް ދަނީ ލަސް ދުވެލީގަ އެވެ. ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

މައްސަލަ ހުށަހެޅިތާ ދެ މަސް ވިއިރު އަދި ކުރިއަށް ދިޔައީ ދެ އަޑު އެހުމެވެ.

ޕީއައިއެލްސީގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ބިދޭސީންތަކެއް ބޮޑުފިނޮޅުން ހުޅުމާލެ ފެސިލިޓީއަށް ގެނެސް "ހާލުގައި" ޖައްސާފައިވާ ކަމަށެވެ. އެ މީހުންނާ ދޭތެރޭގައި، އެގޮތަށް އަމަލުކުރުން އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"މުސާރައެއް ނުދޭނެ، ތިބޭކަށް ބޭނުމެއް ނޫން،"

އެ މީހުންނާ ހަވާލުވާން ވެސް ދެކޮޅުހަދާފައިވާ ރިޒާގެ ކުންފުނިން މުސާރަ ދޭނެ ކަމުގެ އެއްވެސް އުއްމީދެއް އެ ބިދޭސީންނަކަށް މިހާރަކު ނެތެވެ. އެ މީހުންގެ ކަންބޮޑުވުމަކީ، އާއިލާތައް ހާލުގައި ޖެހިފައި ތިބުމާއި ބޭސްކުރެވޭނެ ގޮތެއް ނެތުމެވެ. އެހެންވެ ޖަލާލާއި އެތަނުގައި ދެން ތިބި މީހުންގެ ވިސްނުމަކީ އެނބުރި ގައުމަށް ދިއުމެވެ.

އޭނާ ބުނިގޮތުގައި މުސާރަ މިވަގުތަށް ނުލިބުނަސް ބޭނުން ވަނީ އެނބުރި ގައުމަށް ދެވޭނެ ގޮތެކެވެ. މި އަހަރު ނިމެން ގާތްވީ، އާއިލާ އަށް އެއްވެސް އެއްޗެއް ނުފޮނުވި ކަަމަށާއި އެ މީހުންގެ ހާލަތު ގޯސްވެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މުސާރަ ދޭނަމޭ [ރިޒާ ކުންފުނިން ކުރިން] ބުނަނީ، ޓައިމް ދޭށޭ. ފަހުން ދޭނަމޭ. ދެން ވަރަށް ގިނައިން ޓައިމް ދެވިއްޖެ. އެކަމަކު މުސާރައެއް ނުލިބުނު. މި އަހަރު ނިމުނަސް ދެން ވެސް ނުދޭނެ،" ރިޒާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެ ޖަލާލް ބުންޏެވެ.

"އެއްވެސް މަސައްކަތެއް ނެތް، މިތާ ތިބެނީ. ބައެއް މީހުން ވަރަށް ބޮޑަށް ބަލިވެއްޖެ. އަހަރެން ބޭނުމީ އިމަޖެންސީކޮށް ދާން ކޮންމެވެސް މަސައްކަތެއް އެކޮޅުގައި ކުރަން. އަހަރެން ދިޔައަސް އަހަރެންގެ މުސާރަ ރިޒް ކުންފުނިން ދޭން ޖެހޭ. ޓްރައިބިއުނަލް އިން މައްސަލަ ނިމޭ ގޮތަކަށް މަޑުކުރެވޭވަރަށް ވުރެން އާއިލާ ގާތަށް ދާން ބޭނުމީ. އެ މީހުންނަށް ކާ އެއްޗެއް ދޭން ޖެހޭ."

މުސާރަ ނުދީގެން މުޒާހަރާކުރަން ނުކުތް ބިދޭސީންތަކެއް ކޮންޓްރޯލްކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި. ---ފޮޓޯ: މިހާރު

މުސާރަ ނުދީގެން މުޒާހަރާކުރަން ނުކުތް ބިދޭސީންތަކެއް ކޮންޓްރޯލްކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި. ---ފޮޓޯ: މިހާރު

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ވެސް ގިނަ ވިޔަފާރިތަކަށް ގެއްލުންވުމާ އެކު އެތައް ބިދޭސީންނަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެއްޖެ އެވެ. ކުރާނެ މަސައްކަތެއް ނެތި، ގިނަ ބަޔަކު ތިބީ މަގުމަތިވެފަ އެވެ. ބައެއް މީހުންނަށް ތިން އިރު ހަމައަށް ކައިގެން އުޅެލޭވޭނެ ގޮތެއް ނެތިގެން ސަލާން ޖަހަން މަގުތަކަށް ވެސް ނުކުމެ އެވެ.

މިއީ، ރާއްޖޭގައި އެ މީހުންގެ އެކުވެރިންގެ ވެސް ހާލަތުކަން ހުޅުމާލޭގައި ތިބި، ބިދޭސީންނަށް އެނގެ އެވެ. އެނބުރި ގައުމަށް ދާން ބޭނުންވަނީ، ރާއްޖޭގައި މަގުމަތި ނުވެ ގައުމުގައި ތިބެން ކަމަށް ޖަލާލު ބުންޏެވެ.

"ޓިކެޓް ނަގާނެ ފައިސާއެއް ނެތް، އެހީ ނުވަންޏާ ކިހިނެއް ދާނީ. މިތާ ހަމަ ތިބޭނީއެއްނު،" އޭނާ ކިޔައިދިނެވެ.

ޖަލާލާއި އޭނާއާ އެކު ތިބި މީހުން މިހާރު އެދެނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ވެސް ފުރުސަތެއް ހަމަޖައްސައިދޭށެވެ. އެނބުރި ގައުމަށް ދިއުން ނޫން، އިތުރު ގޮތެއް ފެންނާކަށް ނެތެވެ. ރާއްޖޭގައި ހޭދަވި ދުވަސްތައް ބޭކާރުވެފައި، ހިތްދަތި ކަމަށް ޖަލާލު ބުންޏެވެ.