Roadha Mihaaru
ޖީއެމްއާރަށް ފައިސާ ދެއްކޭނެ ގޮތްތައް އެބަހުރި: އާދިލް

ޕްރޮޖެކްޓްތައް ނުހުއްޓި، ޖީއެމްއާރަށް ބަދަލު ދެވޭނެ ގޮތްތައް އެބަހުރި: އެމްޑީ އާދިލް

31 އޮކްޓޯބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން އިންޑިއާގެ ޖީއެމްއާރާއެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭން ޖެހިފައިވާ އިރު، އެއާޕޯޓްގެ އެއްވެސް ޕްރޮޖެކްޓަކަށް ހުއްޓުމެއް ނާންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން އިންޑިއާގެ ޖީއެމްއާރާއެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭން ޖެހިފައިވާ އިރު، އެއާޕޯޓްގެ އެއްވެސް ޕްރޮޖެކްޓަކަށް ހުއްޓުމެއް ނާންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ޖީއެމްއާރަށް ބަދަލު ދޭން ސިންގަޕޫރުގެ އާބިޓްރޭޝަން އިން ނިންމި އިރު އެމްއޭސީއެލް އިން ދަނީ އެއާޕޯޓުގެ އާ ރަންވޭ ހެދުމަށް ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ބިން ހިއްކަމުންނެވެ. އަދި އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވަނީ ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފަ އެވެ.

އެއާޕޯޓް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ޕްރޮޖެކްޓްތައް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިޔަށް ދާނެ ކަމަށާއި އެ ހުކުމާ ގުޅިގެން ޕްރޮޖެކްޓްތަކަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

އާދިލް ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދެއްކުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނިން އައީ ކުރިން ވެސް އެ ފައިސާ ދައްކަން ތައްޔާރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދަދުގެ ގޮތުން އެއީ ބޮޑު އަދަދެއް. ނަމަވެސް އަޅުގަނޑުމެން އައީ ހުކުމް އަންނަން ވާ އިރަށް އެކަމަށް ތައްޔާރުވަމުން. އަދި މިކަމާ ގުޅިގެން މިހާރު ހިންގާ އެއްވެސް ޕްރޮޖެކްޓަކަށް މަޑުޖެހުމެއް ނާންނާނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރަށް ފައިސާ ދެއްކޭނެ ގޮތްތައް އެބަހުރި ކަމަށެވެ.

އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އުވައިލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ. އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހު ކުރުމަށެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައި އިރު އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ. އެއީ 250 މިލިއަން ޑޮލަރެވެ.