Roadha Mihaaru
ވަގުތު ޖެހިއްޖިއްޔާ ޕީސީސީއާރު އުވާލަންވީ: އަސްއަދު

ވަގުތު ޖެހިއްޖެ ނަމަ ޕީސީސީއާރު އުވާލިޔަސް މައްސަލައެއް ނެތް: އަސްއަދު

21 އޮކްޓޯބަރ 2020

ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތްތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން (ޕީސީސީއާރު) އުވާލާ ވަގުތު ޖެހިއްޖެ ނަމަ، މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުކޮށް އުވާލިޔަސް މައްސަލައެއް ނެތް ކަަމަށް ޕީސީސީއާރުގެ ރައީސް އަހްމަދު އަސްއަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތްތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން (ޕީސީސީއާރު) އުވާލާ ވަގުތު ޖެހިއްޖެ ނަމަ، މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުކޮށް އުވާލިޔަސް މައްސަލައެއް ނެތް ކަަމަށް ޕީސީސީއާރުގެ ރައީސް އަހްމަދު އަސްއަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލަން އެ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން އަދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ގުޅިގެން ހިންގާ ތަހުގީގު ލަސްވާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި ޕީޖީ އަދި އޭސީސީ އަށް ފާޑުވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީ މައްސަލަ އާއި ކުރީގެ ސަރުކާރުގެ ހިޔާނާތްތައް ނުބެލި މުއައްސަސާތައް ފެއިލްވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ފެއިލްވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ވާން ދޫކޮށްނުލައި، ޒިންމާއަދާނުކުރާ ނަމަ މުއައްސަސާތަކުގެ ވެރިން މަޖިލީހުން ވަކިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަ އަށް ޖަވާބު ދެއްވަމުން އަސްއަދު ވިދާޅުވީ މެމްބަރުންގެ ފެއިލްވުމުގެ ސަަބަބަކަށް ވާން އެދިވަޑައިނުގަންނަވާ ކަަމަށާއި އެގޮތަށް ހީފުޅުވާ ނަަމަ މަގާމުން ވަކިކުރިޔަސް މައްސަލަައެއް ނެތް ކަަމަށެވެ.

"ފަސް އަހަރު ތިބޭކަށެއް ބޭނުމެއް ނޫން، އަޅުގަނޑުމެން މިތިބީ އެކަހެރިވާން ތައްޔާރަށް. ފެއިލިއާއެއްގެ ސަބަބަކަށް ވާން ނެތިން،" އަސްއަދު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް އަހަރުވި އިރު ނެރެވުނު ނަތީޖާއެއް ނެތް ކަމަށް އަމާޒުކުރި ފާޑުކިއުމާ ގުޅިގެން ވިދާޅުވީ އެ ކޮމިޝަން އުފެއްދީ ތަހުގީގީ އިދާރާތަކަށް އޭރު އިތުބާރު ނެތިގެން ކަމަށެވެ. އެކަމަކު ކޮމިޝަންތަކާއި އިދާރާތަކަށް މިހާރު ބަދަލު އައިސްފައިވާތީ، ޕީސީސީއާރުގެ މަސައްކަތް ވެސް ފުރޮޅެން ވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑަށް ހީވަނީ، މިތިބީ ދޮންވެ ފައްކާވެފައިހެން ފުރޮޅުމަށް. ދެން އެއަަށް ވަގުތެއް ކަނޑައެޅިފައި ނިމިގެންދާނީއޭ. މީގައި ތިބުމަށް ގަސްތެއް ނުކުރަން،" އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން ކަމަށާއި އެއީ، ދެ އިދާރާއަކުން އެއް މަސައްކަތެއް ކުރާތީ ކަމަށެވެ.

"ރައްޔިތުންގެ ފައިސާ އިން ކަމެއް ޑުބްލިކޭޓްކޮށްގެން ގެންދާކަށް އަޅުގަނޑުގެ ޒަމީރު ތަނެއް ނުދޭ، އެހެންވީމާ އުވާލަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށް ވަންޏާ އެ ހިސާބުން އުވާލަންވީ. އަޅުގަނޑުމެންގެ އުއްމިދަކީ މާދަމާ ވެސް އޭސީސީއާ މަސައްކަތްތައް ހަވާލުކޮށްފައި ކޮމިޝަން އުވާލުމޭ،" އަސްއަދު ވިދާޅުވި އެވެ.

ޕީސީސީއާރުން ބުނި ގޮތުގައި އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނީ ޖުމްލަ 40 މައްސަލަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލާއިރު، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް އޭސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އޭސީސީގެ ކުރީގެ މެމްބަރުން ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ވެސް ބައެއް މައްސަލަތައް ޕީސީސީއާރުން އެދިގެން އޭސީސީން އަލުން ތަހުގީގު ފަށާފައިވެ އެވެ. އެކަމަކު ކޮމިޓީގައި އަދަދެއް ނުބުނެ އެވެ.

އަސްއަދު ވިދާޅުވި ގޮތުގައި ބައެއްގެ މައްޗަށް ދައުވާކޮށް ހުރަގެއަށް ވައްދާފައި ނިންމާލުމަކީ ކޮމިޝަންގެ ތަހުގީގުގެ މަގްސަދެއް ނޫނެވެ. ތަހުގީގު ކުރިއަށް ގެންދަނީ މުސްތަގުބަލް ކުރިއަށް ގެންދަން ވެސް ފިޔަވަޅުތައް އަޅަމުން ކަމަށާއި ރައްޔިތުންނަށް ފައިދާ އޮތީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި މައްސަލައިގައި، ކޮމިޝަނަށް ފެންނަ ގޮތް ރައީސަށް ދަންނަވާފައި ކަމަށެވެ. އަދި ކުރަން ހުރި ކަންކަން ވެސް ވާނީ ފަށައިފަ އެވެ. އޭނާ މަސައްކަތް ކުރައްވަނީ ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް މައްސަލަތަކެއްގައި ދައުވާ އުފުލޭ ވަރަށް ތަހުގީގުކުރުން ކަމަށް ވިދާޅުވި އެވެ.

ވެރިކަމުގެ ހުވާކުރައްވައި 2018ގެ ނޮވެމްބަރު މަހު އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ [އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިނެވެ.

އެކަމަކު މިހާތަނަށް އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރާކަށް ނުފޮނުވަ އެވެ.