Roadha Mihaaru

ސަފާރީ ކޭސްގައި ވިކްޓިމަށް މަރުގެ އިންޒާރު ވެސް ދިން: ވަކީލުން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލައަކީ ކުޑަ ކަމެއްގެ ގޮތުގައި، ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވިއިރު، ވިކްޓިމް މަރާލާނެ ކަަމަށް ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދަން މަސައްކަތްކުރި ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ސަފާރީ ކޭސްގައި ވިކްޓިމަށް މަރުގެ އިންޒާރުދިން: ވަކީލު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

25 އޮކްޓޯބަރ 2020

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލައަކީ ކުޑަ ކަމެއްގެ ގޮތުގައި، ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވިއިރު، ވިކްޓިމް މަރާލާނެ ކަަމަށް ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދަން މަސައްކަތްކުރި ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ މީގެ ކުރިން ވަކީލުންނާއި ފުލުހުން ވެސް ހާމަކޮށްފައިވާ ވާހަކަތަކެއް ނޫނެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވެފައި ވަނީ ސަފާރީ ކޭސް އަކީ އަޑު ފެތުރުނުހާ ބޮޑު ކަމެއް ނޫން ކަމަށެވެ. ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ، ތަހުގީގަށް ފަހު ދައުވާކުރަން ފޮނުވޭވަރަށް ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ މައްސަލައިގައި، ޖިންސީ ގުނަވަނުގައި އަތްލައި، ގޯނާކުރަން އުޅުމުން ސަލާމަތް ހޯދަން މޫދަށް ފުންމާލި ކަމަށް ވިކްޓިމްގެ އިންޓަވިއުގައި ވެސް ބުނެފައި ވަނިކޮށެވެ.

އިމްރާންގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި، ވަކީލުން ވިދާޅުވެފައިވާ ގޮތުގައި، ކެންޔާގެ 27 އަހަރުގެ އަންހެން މީހާއަށް ސަފާރީގައި ކުރިމަތިވީ ކުޑަ ކަމެއްގެ ގޮތުގައި ވާހަކަ ދައްކާ ވަރަށް ވުރެން މާ ސީރިއަސް މައްސަލައެކެވެ.

ވަކީލުން ވިދާޅުވީ މި މައްސަލައިގައި ތަހުގީގަށް މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި ވެސް އެ ފަރާތް މަރާލާނެ ކަމަށް ބިރު ދައްކައި އެ ފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެ ފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަން ހާމަވާން އޮތް ކަމަށެވެ.

"މި ހާދިސާއަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފައި ވެސް ބައެއްގެ ތެރޭގައި ހުރެފައި ވެސް މީހަކު ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށާއި އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނޭނގޭވަރުގެ ކަމެއް ހިނގާފައި އޮތީ ކަމަށް މި މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން ހަމަ ގައިމުވެސް މިނިސްޓަ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައި އެވަނީ، މި މައްސަލައިގެ ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫން ކަން ފާހަގަކުރަމެވެ،" ވަކީލުންގެ ސިޓީގައި ވެ އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ހެދި ވަޒީފާ ގެއްލި، ރާއްޖޭގައި އިތުރަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ކެންޔާއަށް ދިޔަ ވިކްޓިމްގެ ލޯޔަރުން ވިދާޅުވި ގޮތުގައި އެފަދަ ހައްސާސް މައްސަލައެއް އެއްވެސް ކަމަކަށް ނުވާ މޭރަމުން އިމްރާން ވާހަކަ ދެއްކެވީ، ކުށް މަދުކުރުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުން ކަން އެއްވެސް މިންވަރަކަށް ފެނިވަޑައިނުގަންނަވާތީ އެވެ.

ޖިންސީ ގޯނާގެ މި މައްސަލައިގައި ވިކްޓިމްގެ ބަޔާން ބަދަލުކުރަނީ ކަމުގެ ތުހުމަތާ އެކު ވަކީލުން މީގެ ކުރިން ވަނީ ވީޑިއޯއެއް އާއްމުކޮށް ފުލުހުންގެ ތަހުގީގާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. އެ މައްސަލަ ބަލައިދޭން ފުލުހުންނާއި އިންޓަގްރިޓީ ކޮމިޝަންގައި ވެސް އެދިފައިވެ އެވެ.

ވިކްޓިމްގެ ވަކީލުން ކަމަށްވާ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީގެ ސިޓީގައި ވިދާޅުވި ގޮތުގައި ފުލުހުންގެ އިހުމާލު ބަލައިދޭން ހުށަހަޅައިފައިވާ ދަނޑިވަޅެއްގައި އިމްރާން ވާހަކަ ދެއްކެވީ އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް އަދި ތުހުމަތުކުރެވޭ މީހުން ކުށުގެ ޒިންމާއިން ބަރީއަވާގޮތަށެވެ. މިއީ، ހޯމް މިނިސްޓަރުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ އަދި މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމާ މެދު ވެސް ޔަގީންކަން ގެއްލުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ އިމްރާން ވާހަކަ ދެއްކި ގޮތުން އެ މައްސަލަ އަދުލުވެރިކަމާ އެކު ތަހުގީގުކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރަކު ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސަފާރީގައި އޭނަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ކުރެ އެވެ. ފުލުހުން މި ތުހުމަތު ވެސް ދޮގުކުރެ އެވެ.

ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ "ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ.

ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީ އަށް ދިޔައީ ޕާޓީކުރަން ކަމަށާއި ބަނގުރާ ބޭނުންކުރި ކަމަށް ވިކްޓިމް ބުނާއިރު، ސަފާރީގައި ތިބި މީހުން ބަނގުރަލަށް ޓެސްޓް ނުކުރީ ކީއްވެތޯ އެހުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައި ވަނީ އެ މީހުން ތިބީ ބަނގުރާ ބޭނުންކޮށްގެން ކަމަށް އެ ސީނަށް ދިޔަ ފުލުހުންނަށް ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކުރިއިރު ވިކްޓިމްގެ ފަރާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސަފާރީ ކޭސްގެ ތަހުގީގުގައި ބަނގުރަލާ ގުޅުން ހުރި މައްސަލައެއް ފުލުހުން ނުބަލަ އެވެ.

ފުލުހުން ބުނެފައި ވަނީ ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.