Roadha Mihaaru
ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާ އަށް ގެންދަނީ

ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާ އަށް ގެންދަނީ

31 އޮކްޓޯބަރ 2020

އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވައި މި މަހުގެ 23 ވަނަ ދުވަހު ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲ، 31، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން، މި ފެށޭ ހަފުތާގައި އިންޑިއާއަށް ގެންދެވޭތޯ މަސަައްކަތް ކުރަމުުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވައި މި މަހުގެ 23 ވަނަ ދުވަހު ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲ، 31، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން، މި ފެށޭ ހަފުތާގައި އިންޑިއާއަށް ގެންދެވޭތޯ މަސަައްކަތް ކުރަމުުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިދުރަތުﷲގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދިއުން ލަސްވީ ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުންނާނީ އެ ކަންތައްތައް ނިންމަން ކަމަށެވެ. އޭގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމަކީ ވެސް އެކަން ލަސްވި ސަަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރޭތީ އިންޑިއާ ވެސް ހިމެނޭ ގޮތުން ގިނަ ގައުމުތަކުގައި އަދިވެސް ގިނަ ފިޔަވަޅުތަކެއް ހުރީ އަޅައިފަ އެވެ. ވައިގެ ދަތުރުފަތުގެ އިންތިޒާމްތައް ވެސް އާއްމު ހާލަތަށް ވުރެ އަދިވެސް އުނދަގުލެވެ. އެކަމަކު މި ފެށޭ ހަފުތާގައި ސިދުރަތުގެ ހަށިގަނޑު އިންޑިއާއަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހަދައި، މަރު ތަހުގީގު ކުރުމަށް އޭނާގެ އާއިލާ ދެކޮޅެވެ. އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް ސިޓީއެއް ހުށަހަޅާފައިވާ ކަން ފުލުހުން ކަށަވަރުކޮށްދީފައި ވެ އެވެ.

ފުލުހުން ބުނީ އާއިލާ އިން އެހެން އެދުނަސް ފުލުހުންގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި ޕޯސްޓްމޯޓަމަށް ހަށިގަނޑު ބާއްވާފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

ފުލުހުން މިދިޔަ އަންގާރަ ދުވަހު އާއްމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ، މިދިޔަ ބުރާސްފަތިދުވަހު ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ދިމާލުން މޫދަށް ދިމާލަށް ދަނިކޮށެވެ.

އެ ވީޑިއޯ އިން ފެންނަނީ ބްލޫކިޔާ މަގުން ސިދްރަތު ހިނގަމުން ގޮސް، ކަނބާ އައިސާ ރަނި ހިނގުމުން ލާފައި އައިޖީއެމްއެޗުގެ ކަންމައްޗަށް އޮންނަ މުރަނގަ މަގުން ރަސްފަންނަށް ދާ މަންޒަރެވެ. އެ ވީޑިއޯ ނިމެނީ އޭނާ މޫދަށް އެރޭ ހިސާބުންނެވެ.