Roadha Mihaaru
ރެއާލް އެއް ވަނައިގައި، ބާސެލޯނާ އަށް ޕްރެޝަރު

ރެއާލް އެއް ވަނައިގައި، ބާސެލޯނާ އަށް ޕްރެޝަރު

01 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 1) - ސްޕެނިޝް ލީގުގައި ރޭ ހުއެސްކާ އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑް އެއް ވަނައިގައި އޮތްއިރު، ޑިޕޯޓިވޯ އަލަވޭސްއާ 1-1 އިން އެއްވަރުވެ ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މެޑްރިޑް (ނޮވެމްބަރު 1) - ސްޕެނިޝް ލީގުގައި ރޭ ހުއެސްކާ އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑް އެއް ވަނައިގައި އޮތްއިރު، ޑިޕޯޓިވޯ އަލަވޭސްއާ 1-1 އިން އެއްވަރުވެ ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ރޭގެ ނަތީޖާއާ އެކު ބާސެލޯނާ ވަނީ ލީގުގެ 12 ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ރެއާލަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ 40 ވަނަ މިނިޓްގައި އެޑެން ހަޒާޑް އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފަސް ވަނަ ދުވަހުގެ ފަހުން ހަޒާޑް ރެއާލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޭނާ މި ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުންނެވެ. މި ދިޔަ ސީޒަނުގައި ރެއާލާ ގުޅުނު ހަޒާޑަށް އަނިޔާގެ ސަބަބުން ރެއާލްގައި އޭނާގެ އަސްލު ކުޅުން އަދި ދެއްކޭ ގޮތެއްނުވެ އެވެ.

ފުރަތަަމަ ހާފް ނިމުމުގެ ކުރިން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ފެޑޭ ވަލްވޭޑޭ ވަނީ ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ހުއެސްކާ ޑޭވިޑް ފެރޭރޯ ގޯލެއް ޖަހާފައިވަނިކޮށް އިތުރު ވަގުތުގައި ބެންޒެމާ ވަނީ ރެއާލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭނާ މި ގޯލު ޖެހީ ރޮޑްރީގޯ ދިން ބޯޅައަކުންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ އަނިޔާއިން ރަނގަޅުވެގެން ހަޒާޑް ދައްކާ ކުޅުން ރަނގަޅުކަމަށް ބުނެފަ އެވެ. އަދި މަަޑުމަޑުން ފިޓްނަސް އެއްކޮށް ރަނގަޅުވާ ވަރަކަށް ހަޒާޑް ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

އަލަވޭސްގެ ރޮޑްރީގޯ (ވ) ކައިރިން ބާސެލޯނާގެ ފާޓީ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަލަވޭސްގެ ރޮޑްރީގޯ (ވ) ކައިރިން ބާސެލޯނާގެ ފާޓީ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ ރޭގެ މެޗު ފަށައިގެން ކުޅެމުން ދަނިކޮށް 15 ވަނަ މިނިޓްގައި އަލަވޭސް އިން ވަނީ ލީޑުނަަގައިފަ އެވެ. ބާސެލޯނާގެ ކީޕަރު ނޭޓޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަލަވޭސްގެ ގޯލު ޖެހީ ލުއިސް ރިއޯޔާ އެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކުރެވުނީ އަލަވޭސްގެ ކުޅުންތެރިއަކު މަދުވި ފަހުންނެވެ. މެޗުގެ 62 ވަނަ މިނިޓްގައި އަލަވޭސްގެ ޔޮޓާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އޭގެ މިނިޓެއް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

މެޗުން ބާސެލޯނާ މޮޅުކޮށްދޭން އަންސޫ ފާޓީ ފޮނުވާލި ބޯޅަ އަލަވޭސް ކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ މަތަކޮށްފަ އެވެ.

ބާސެލޯނާ ކޯޗު ރޮނާލްޑް ކޫމަން ބުނީ މެޗުން މޮޅުވެވޭ ވަރުގެ ކުޅުމެއް ފެނުނު ކަމަށާއި އެކަމަކު ނަތީޖާ ނުނެރެވޭނަމަ ހަމައެކަނި ކުޅުމުގެ ވާހަކައިން ފަރުޖައްސާލެވެން ނެތް ކަމަށެވެ. އަދި ޖެހިޖެހިގެން ލީގުގައި ހަތަރު މެޗުން މޮޅެއް ނުލިބި ދިއުމަކީ ކޮންފިޑެންސަށް އަސަރުކުރާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް އުނދަގޫވާކަން ކޫމަން ފާހަގަކުރި އެވެ.