Roadha Mihaaru
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ

އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ

10 ނޮވެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އަށް މަގުފަހިކޮށްދިން މައްސަލަ ކްރިމިނަލް ކޯޓުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އަށް މަގުފަހިކޮށްދިން މައްސަލަ ކްރިމިނަލް ކޯޓުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އޭނާގެ މައްޗަށް ކުރަނީ ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ އާއި މަނީލޯންޑަރިން އަށް މަގުފަހިކޮށްދިން ކަމުގެ ދައުވާ އެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވީ ގާޒީ ހައިލަމް އެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެ މައްސަލަ ބެއްލެވީ ގާޒީ ހަސަން ސައީދެވެ. އޭނާ ވެސް މިހާރު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފަ އެވެ.

އެހެންވެ، އާޒިމާގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނީ ގާޒީންނަކީ އެ ބޭފުޅުން ބައްލަވާ މައްސަލަތައް ވަކިން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނަ ބައެއް ނޫން ކަމަށެވެ. މައްސަލައަކުން ތަނާޒުލްވެވަޑައިގެން އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެވޭނީ ވެސް ވަކި ހަމައެއްގެ މަތިން ކަމަށް އާޒިމާގެ ފަރާތުން ނެރުނު ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނީ އާޒިމާގެ މައްޗަށް ދައުވާކުރާ ދެ މައްސަލަ އިން ގާޒީ ހަސަން ތަނާޒުލްވެވަޑައިގަތީ އެކަމުގައި އަމަލުކުރާ ގާނޫނީ ޖާގަ އިން ބޭރުން ކަމަށެވެ. އެ ތަނާޒުލްވެވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގަތީ ވެސް ގާނޫނީ އުސޫލުން ބޭރުން ކަމަށް ބުންޏެވެ.

އާޒިމާގެ ވަކީލުން ބުނީ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ނިންމީ، އެ ދެ މައްސަލަ ބަލަމުން އަންނަތާ އަހަރެއްހާ ދުވަސްވެ، މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ގާތްވެފައި ވަނިކޮށް، ގާޒީ ހަސަން ގާނޫނީ އިމުން ބޭރުން މައްސަލަ އިން ތަނާޒުލްވެވަޑައިގެން ކޯޓުން އެކަން ބަލައިގެންފައިވާތީ ކަމަށެވެ. އެހެން ގާޒީ އަކާ އެ މައްސަލަ ހަވާލުކުރުމުން މައްސަލަ އަށް އެހެން ނުފޫޒެއް ފޯރައި، މިނިވަންކަން ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވުމަކީ ވެސް ހައި ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމި ސަބަބެއް ކަމަށް އާޒިމާގެ ވަަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ވެ އެވެ.

މައްސަލަ އިން ތަނާޒުލްވެވަޑައިގެންނެވި ގާޒީ ހަސަން ސައީދަކީ ކުރިން ފެމިލީ ކޯޓުގެ އިސް ގާޒީ އެވެ. އާޒިމާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަލީ ސައީދަކީ ހަސަން ސައީދާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އާޒިމާގެ ފާރާތުން ބަޔާން ނެރުނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހުމަދު އަދި ވަކީލް އަލީ ސައީދެވެ.

އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުން އަންނަތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. މައްސަލަ ދިގުލައިގެން ދިޔުމުގައި އާޒިމާ ކޯޓަށް ހާޒިރު ނުކުރެވުމާއި އޭނާގެ އެދިވަޑައިގަތުމަށް އިތުރު ވަގުތު ދިނުން ފަދަ ކަންކަން ހިމެނެ އެވެ. އެ ޝަރީއަތް މިހާރު ހިންގަނީ ވެސް އަލުން ޝަރީއަތް ފަށައިގެން ކުރިއަށް ގެންދަން އާޒިމާ އެދިވަޑައިގެންފައި ވަނިކޮށެވެ.