Roadha Mihaaru
ގްރޭޑް 11، ވަގުތު ބޭކާރު ނުކުރޭ!

ގްރޭޑް 11، ވަގުތު ބޭކާރުނުކޮށް ފަށާ!

04 ޑިސެމްބަރ 2016

ގްރޭޑް 10 އެއް ނިންމި އެތައް ހާސް ކުދިންނެއް 2017 ގައި ކިޔަވަން ފަށާނީ ގްރޭޑް 11 ގަ އެވެ. އެއީ އަަނެއްކާވެސް ދަރިވަަރުންގެެ ތައުލީމީ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެހެން މަރުހަލާއެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގްރޭޑް 10 އެއް ނިންމި އެތައް ހާސް ކުދިންނެއް 2017 ގައި ކިޔަވަން ފަށާނީ ގްރޭޑް 11 ގަ އެވެ. އެއީ އަަނެއްކާވެސް ދަރިވަަރުންގެެ ތައުލީމީ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެހެން މަރުހަލާއެކެވެ.

އޯ ލެވެލްއާ އަޅާބަލާއިރު އޭ ލެވެލް އަކީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އޯ ލެވެލް އިން ރަނގަޅު ނަތީޖާ ހޯދަން ބުރަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ބައެއް ދަރިވަރުން އޭ ލެވެލްގެ ދެ އަހަރު މާ ބޮޑަށް ފަސޭހަކޮށްލަ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 11 ގައި، 2016 ވަނަ އަހަރު ކިޔަވަމުން އައި، އިސްމާއިލް ލީވާން ވެސް ފުރަތަމަ ހީކުރީ އޭލެވެލްގެ ފުރަަތަމަ އަހަރު އެހާ އުނދަގޫ ނުވާނެ ކަމަށެވެ. ނަމަވެސް އެ ދެ އަހަރެއްގެ ބުރަކަން އޭނާ އަށް އިހްސާސްކުރެވުނީ އޭލެވެލް އަށް ކިޔަވަން ފެށުމުންނެވެ.

ފުރަތަމަ ހަފުތާގައި ތަންކޮޅެއް ލުއިކޮށް ދިޔައަސް ދެ ވަނަ ހަފުތާގައި ކިޔެވުމުގެ ތެރެއަށް ރަނގަޅަށް ވަދެވުމާ އެކު، ކިޔަވަން ޖެހޭ އެއްޗެހި ގިނަ ކަން އެނގޭނެ އެވެ. އެއީ، އޭ ލެވެލްގައި ކިޔަވާ ބައިތަކާއި ޔުނިޓްތައް ގިނަކަމުންނެވެ. އެ ހަގީގަތް އެނގުމުން، އޯ ލެވެލްގެ ރަނގަޅު ނަތީޖާ އޭ ލެވެލް އިން ނުލިބިދާނެތީ ލީވާން ކުޑަކޮށް ހާސްވި އެވެ. އެކަމަކު 11 ގެ ޓެސްޓްތައް ނިމުނުއިރު އޭނާގެ ނަތީޖާ ރަނގަޅެވެ. ކަނޑައެޅި އަމާޒަށް ވާސިލްވި އެވެ.

އޭ ލެވެލް އަށް ތައްޔާރުވުން ތަފާތު

"ޓެސްޓް ކައިރިވީމަ ރޭގަނޑު ނުނިދާ ހޭލާ ހުރެފައި ކިޔަވާލައިގެން އޯ ލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދުނަސް މިހާރު ވިސްނޭ މި ލެވެލްގައި އެހެން ނޫޅެވޭނެ ކަން. ރަނގަޅު ނަތީޖާއެއް ވެސް ނުލިބޭނެކަން. ވަގުތު ހޯދައިގެން ކިޔެވީމަ ނަތީޖާ ރަނގަޅު ވާނީ،" ލީވާން ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް ލީވާން ވަކި ޓާގެޓެއް ކަނޑައަޅަ އެވެ. އެއީ، އެ ދުވަހަކު ދޭ ފިލާވަޅުތައް ހެދުމަށް ފަހު ސިލަބަސްގެ ވަކި ވަރެއް ކިޔެވުމެވެ. ޝެޑިއުލަކަށް ކިޔެވުން ފައްތަން ޖެހެނީ، ލީވާން ބުނި ގޮތުގައި، ހުރިހާ ފިލާވަޅެއް އެއްފަހަރާ ދަސްކުރަން ޖެހުމުގެ ހާސްކަން ކުރިމަތިވެ، ސިކުނޑި ސުމަކަށް ދިޔަ ނުދޭށެވެ.

އޭނާ ބުނި ގޮތުގައި އަސްލު މަސައްކަތް ކުރަން ޖެހޭ ވަރަށް ނުކޮށް ފަރުވާކުޑަކޮށްލައިފި ނަމަ އޭ ލެވެލް ވަރަށް އުނދަގޫވާނެ އެވެ.

"ޓާގެޓްތަކެއް ކަނޑައަޅައި ޝެޑިއުލަށް ކުރިއަށް ގެންގޮސްފި ނަމަ އޭ ލެވެލް ވެސް ވަރަށް ފަސޭހަވާނެ. އޯ ލެވެލް އިން ހޯދި ރަނގަޅު ނަތީޖާ ތަކުރާރުކުރަން ވިސްނުން ބަހައްޓައިގެން ކިޔެވީމަ އެއްވެސް މާއްދާއެއް އުނދަގުލެއް ނުވާނެ،" ލީވާން ބުންޏެވެ.

ދެން އޮތީ އަލަށް 11 ގައި ކިޔަވަން ފަށާ ކުދިންނަށް ލީވާންގެ މުހިއްމު ނަސޭހަތެވެ؛

އޭނާ ބުނީ އޭ ލެވެލް އަށް ވަނުމުގެ ކުރިން އެ މީހަކު ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ ނިންމަން ޖެހޭނެ ކަމަށެވެ. ނަމަކަށް އޭ ލެވެލް ހެދުމަށް ވުރެ ބޮޑަށް ސީރިއަސްވާން ވެސް ޖެހޭނެ އެވެ.

"އެ ކުއްޖަކު ކުރިއަށް ދާން ބޭނުންވާ ރޮނގެއް ކަނޑައަޅައިގެން އޭ ލެވެލް އަށް ދިޔައިމަ ޓާގެޓަށް މަސައްކަތް ކުރަން ފަސޭހަވާނެ. ދެން ބުނެލަން އޮތީ އޭލެވެލް އަށް ދޭން ޖެހޭ ވަގުތު ފުރިހަމަ އަށް ދީގެން، ތާވަލެއް ކަނޑައަޅައިގެން ކިޔަވައްޗޭ. އޭރުން ރަނގަޅު ނަތީޖާއެއް ހޯދޭނެއޭ. ކޮންމެ ކަމެއްގައި ވެސް މުހިއްމީ ގަދައަޅައި މަސައްކަތް ކުރުން،" ލީވާން ބުންޏެވެ.