Roadha Mihaaru
ފާސްކުރި ބަޖެޓުގައި އޮތީ ޓީބިލާއި ކަޑަޖެހުން: އިދިކޮޅު

ބަޖެޓަށް އިދިކޮޅުގެ ފާޑުކިއުން: ކުރިއަށް އޮތީ ކަޑަ ޖެހުމާއި ޓީ ބިލްގެ އަހަރެއް!

30 ނޮވެމްބަރ 2020

ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު އަންނަ އަހަރަކީ ކަޑަ ޖެހުމާއި ޓްރެޝަރީ ބިލް ވިއްކުމުގެ އަހަރެއް ކަމަށާއި ދަރަނި ބޮޑުވެ ރައްޔިތުންނަށް އޮތީ ނިކަމެތިކަން ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު އަންނަ އަހަރަކީ ކަޑަ ޖެހުމާއި ޓްރެޝަރީ ބިލް ވިއްކުމުގެ އަހަރެއް ކަމަށާއި ދަރަނި ބޮޑުވެ ރައްޔިތުންނަށް އޮތީ ނިކަމެތިކަން ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ކޮވިޑު-19ގެ ހާލަތުން އަރައިގަނެ އިގްތިސާދު ކޮޅަށް ޖެހޭގޮތަށް، މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެ، ބަޖެޓް ފާސްކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށް އެމްޑީޕީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ބަޖެޓް ފާސްކޮށްފަ އެވެ. މި ބަޖެޓަށް އިދިކޮޅުގެ އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބަޖެޓު ފާސްކުރުމުގެ ވޯޓުގައި ބައިވެރިވެވަޑައި ނުގަތް ސަބަބު ސާފުކޮށްދެއްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވީ އަންނަ އަހަރަށް ފާސްކުރި ބަޖެޓުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެ ބަޖެޓާ އެކު ކުރިއަށް ދެންވެސް އޮތީ ދަތި އަހަރެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން ސިފަކުރި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި ހުރި ހަތް ބޭންކުން އަންނަ އަހަރު ފައިސާ ހޭދަކުރާނީ ޓީ ބިލް ގަތުމަށް ކަމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބި ނުރައްކާތެރި އަހަރަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް މާލީ އެހީދޭ އައިއެމްއެފާއި ވޯލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާ އާއި ޗައިނާ ފަދަ ތަންތަނުގެ ވެސް ލަފަޔަކީ މިހާރު އޮތް ގޮތަށް ބަޖެޓް ފާސްނުކުރުން ނުވަތަ ދަރަނީގެ މައްޗަށް ދަރަނި އަރުވަމުން ނުދިއުމެވެ. އޭނާގެ ފާޑުކިއުން އަމާޒުކުރެއްވީ މިއަދު ފާސްކުރީ ރައްޔިތުންނަށް ފައިދާއެއް ނެތް ދަރަނި ބަޖެޓެއް ކަމަށް ވިދާޅުވަމުންނެވެ.

ސައީދު ވިދާޅުވީ މި ބަޖެޓާ އެކު 2023 ނިމޭއިރު، ރައްޔިތުން ބިރުގަންނަން ޖެހޭ މިންވަރަށް ދަރަނި އަރާނެ ކަމަށެވެ. އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ އަތްމަތި ހުސްވެފައި ވަނިކޮށް މާލެ ސަރަހައްދު ގުޅާލާ ބްރިޖެއް، ދަރަނިން މިވަގުތު އަޅަން ޖެހޭ ސަބަބާ މެދު ސަައީދު މިއަދު ވެސް ސުވާލު އުފެއްދެވި އެވެ.

މި ސަރުކާރުގެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމަނާފައިވާ އެ ބްރިޖު އެޅުމަށް ހިނގާ ހަރަދުގެ 80 ޕަސެންޓަކީ ލޯނު ކަމަށާއި މިއާ އެކު ދަރަނި 120 ބިލިއަނަށް ވުރެން މައްޗަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ކަންބޮޑުވަނީ މީހުން ދިރިނޫޅޭ ރަށަކަށް މާލެ އިން އަޅަން އެ އުޅޭ ބްރިޖް، ކަޑައެއް ޖަހާފައި ހުއްޓާލާނެތީ. އަޅުގަނޑު ގޮވާލަން ބްރިޖް އަޅާ ފައިސާ އެމްއެމްއޭގެ އެކައުންޓަކަށް ޖަމާކޮށްފައި ނޫނީ ފެށުން ވާނީ ބޮޑު ނުރައްކަލަކަށޭ، މުޅި ގައުމު ދަރަނިވެރިވާނެ،" ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި ބަޖެޓުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލޭނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ބޮޑު ބަޖެޓް މަޖިލީހަށް ފޮނުވުމާ އެކު ސަރުކާރުގެ ހިންގުމުގެ ހަރަދުކުޑަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި ވަޒީފާ ގެއްލިފައި ތިބި މީހުންނަށް އެހީވެވޭ ގޮތަށް ބަޖެޓް އެކުލަވާލަން ޕީޕީއެމާއި ޕީއެންސީން އެދުނު ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް ބަޖެޓުގައި ސަމާލުކަމެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތަށް ބަޖެޓް ފާސްކުރުމުން ކަންބޮޑުވޭ. ތަންފީޒު ނުކުރެވޭ ހާލަތުގައި ރާއްޖޭގައި ހައިޕަ އިންފްލޭޝަންއަކަށް ގޮސް ރާއްޖެ އެއްކޮށް ބަނގުރޫޓުވެގެން ހިނގައިދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބަޖެޓަށް ފާޑުވިދާޅުވިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީން މި ބަޖެޓަށް ތާއީދުކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މެމްބަރުން ކަމަށެވެ. ބޭނުމަކީ ސަރުކާރުގެ ހިމާޔަތް ހޯދުން ކަމަށް ވިދާޅުވި އެވެ.

އާދަމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި މި ބަޖެޓް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގޮނޑިތައް ކޮންޓްރޯލްކުރައްވާ އެމްޑީޕީގެ ގަދަ 10 ގައި ތިއްބެވި މެމްބަރުންގެ ދާއިރާތަަކަށް ވިސްނައިގެންނެވެ. އެ ނޫން ދާއިރާތަކަށް އިންސާފުވެރިކަމާ އެކު މަޝްރޫއުތައް ތަރުތީބުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ދައުލަތުން ބަޖެޓެއް ހުށަހަޅަން ޖެހޭ ސަބަބަކީ ގައުމު އާރާސްތުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރާށެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުންނަށް ނާއުއްމީދާއި މާޔޫސްކަން ކަމަށް ވިދާޅުވި އެވެ.

މި އަހަރު ވެސް ފައިސާ ޗާޕްކޮށްފައިވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި އަންނަ އަހަރު ވެސް އެ ބިރު އެބައޮތް ކަމަށާއި އެއީ ދިވެހި ރުފިޔާގެ އަގު ދަށްވާނެ ކަޅު އަހަރަކަށް ވެދާނެ އެވެ.

އެކި ދާއިރާތަކުގެ މަޝްރޫއަށް ފައިސާ އިތުރުކޮށްފައިވާ ކަމަށާއި އެއީ ވެސް ވަރަށް ގޯސްކޮށް ހިންގި ކަމެއް ކަމަށް އިދިކޮޅުން ބުންޏެވެ. ބޭނުމަކީ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ތުހުމަތު ކުރި އެވެ.

ސަރުކާރުގެ އޮފީސްތަކުން އާއްމު އަހަރަށް ވުރެން އެތައް ގުނަ އިތުރަށް ފައިސާ ހަރަދުކުރަން ރާވާފައިވާ ކަމަށް އިދިކޮޅުން ބުންޏެވެ. ސަރުކާރުގެ ހިންގުމުގެ ހަރަދާއި ސިޔާސީ މަގާމްތަކުގެ މުސާރަ ކުޑަކޮށްގެން ނަމަވެސް ރައްޔިތުންގެ ފައިދާ އަށް ފިޔަވަޅުތަކެއް އަޅަން އިދިކޮޅުން މިއަދު ވެސް ގޮވާލި އެވެ.

ބަޖެޓަށް އިދިކޮޅުން ފާޑުކިޔަމުން ދިޔަ ނަމަވެސް ރައީސް އިބްރާހިމް ވިދާޅުވެފައި ވަނީ ބަޖެޓުން ރައްޔިތުންގެ ހާލަތު ރަނގަޅުވާނެ އެވެ. ބަޖެޓުގައި ސިއްހީ ދާއިރާ އަށް ހަތަރު ބިލިއަން، ތައުލީމީ ދާއިރާ އަށް 3.9 ބިލިއަން، އިޖުތިމާއީ ދާއިރާ އަށް 3.7 ބިލިއަން، ގެދޮރު އިމާރާތްކުރަން 3.2 ބިލިއަން، ތިމާވެށި ރައްކާތެރިކުރަން 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރިކަރަކަންޓު ހަރަދުގެ ގޮތުގައި މުސާރަ އާއި ހިންގުމާއި އާސަންދަ އާއި އިނާޔަތްތައް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.