Roadha Mihaaru
ފުލުހުންގެ ޑްރަގް އޮޕަރޭޝަން މެދުކަނޑާލައިފި

ނޫސްވެރިން ބައިވެރިކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން، ކަންބޮޑުވުންތަކާ ހެދި މެދުކަނޑާލައިފި

03 ޑިސެމްބަރ 2020

ނޫސްވެރިން ބައިވެރިކޮށްގެން ފުލުހުން ހިންގި "އެންޓި-ސްޓްރީޓް ޑީލިން" އޮޕަރޭޝަން، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި މެދުކަނޑާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނޫސްވެރިން ބައިވެރިކޮށްގެން ފުލުހުން ހިންގި "އެންޓި-ސްޓްރީޓް ޑީލިން" އޮޕަރޭޝަން، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި މެދުކަނޑާލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި 72 ގަޑިއިރުގެ އެ އޮޕަރޭޝަނުގައި ނޫސްވެރިން ބައިވެރިކުރީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތާއި އެ ފަދަ އަމަލުތައް ހިންގާ ތަންތަން ރެއިޑްކޮށް، މީހުން ހައްޔަރުކުރުމަށް ފުލުހުން އޮޕަރޭޝަންތައް ހިންގާ ގޮތް ދެއްކުމަށެވެ. ނޫސްވެރިން ބައިވެރިކޮށްގެން ފުރަތަމަ ފަހަރަށް ހިންގި މި އޮޕަރޭޝަނުގައި ހަތަރު މީޑިއާއެއް ބައިވެރިކޮށްފައި ވެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި، އިތުރު މީޑިއާތައް ބައިވެރިކޮށްގެން، މި ހަފުތާ ބަންދުގައި ވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި އޮޕަރޭޝަން މެދުކަނޑައިލީ، ސަރުކާރުގެ ބައެއް އިދާރާތަކާއި އެހެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެންމެ ބޮޑު ސަބަބަކީ، ބަޔަކު ހައްޔަރުކުރުމަށް ހިންގާ މި ފަދަ ބޮޑު އޮޕަރޭޝަނެއްގައި ނޫސްވެރިން ސަބަބުން، ހެކި ހޯދުމަށް ހުރަސް އެޅި އަދި ކޯޓުތަކުން އެ ހެކި ގަބޫލުކުރުމާ މެދު ސުވާލު އުފެދުމެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، އޮޕަރޭޝަނުގައި ބަލައި ފާސްކުރުމުގެ ކަންކަން ބެލުމަށް ނޫސްވެރިން ބައިވެރިކުރި އިރު، ކޯޓުގެ ހުއްދަ ހޯދަން ނުޖެހޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ނޫސްވެރިން ބައިވެރިކުރުމުގެ ސަބަބުން، އެތަންތަނުން ހޯދި ހެކި ކޯޓުން ގަބޫލުނުކުރުމުގެ ފުރުސަތު ގެއްލިގެން ނުދާނެ ކަމަށް ދެކޭކަމަށް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން އެހެން ގާނޫނީ ބޭފުޅުން ވެސް ވަނީ އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، މަސްތުވާތަކެތި ބޭނުން ކުރާ ގޮތާއި އޭގެ ވިޔަފާރި އާއި ޑީލް ކުރާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށެވެ. ހެކި ހޯދުމަށާއި މީހުން ހައްޔަރު ކުރުމަށް ފުލުހުން ދިޔައީ، އެ އޮޕަރޭޝަނުގެ ދަށުން އެންމެ ތަނަކަށެވެ. ނަމަވެސް، އޮޕަރޭޝަނުގައި ފެނުނު މަންޒަރުތައް މީޑިއާތަކުން ރިޕޯޓުކުރި ގޮތާ މެދު ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.