Roadha Mihaaru
ރާއްޖޭގައި އިންސާނީ ހައްގުތައް ނުލިބެނީ ކީއްވެ؟

ރާއްޖޭގައި އިންސާނީ ހައްގުތައް ނުލިބެނީ ކީއްވެ؟

10 ޑިސެމްބަރ 2020

ދުނިޔޭގެ އިންސާނީ ހައްގުތައް ފުރަތަމަ ފަހަރަށް ފާހަގަކުރީ ޑިސެމްބަރު 10، 1948ގަ އެވެ. ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް)އަށް 72 އަހަރު ފުރޭ އިރު ރާއްޖޭގައި އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދިފައިވާ ވަރާއި، ލިބޭ ވަރާއި ހޯދަން ކުރާ މަސައްކަތްތަކާ މެދު އެތައް ސުވާލެއް އެބަ ހުއްޓެވެ. މި ލިޔުމުގައި އަލިއަޅުވައިލާނީ، ރާއްޖޭގައި މިނިވަންކަމާއި އިންސާނީ ހައްގުތައް ހޯދުމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކުގެ މައްޗަށެވެ.

ދުނިޔޭގެ އިންސާނީ ހައްގުތައް ފުރަތަމަ ފަހަރަށް ފާހަގަކުރީ ޑިސެމްބަރު 10، 1948ގަ އެވެ. ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް)އަށް 72 އަހަރު ފުރޭ އިރު ރާއްޖޭގައި އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދިފައިވާ ވަރާއި، ލިބޭ ވަރާއި ހޯދަން ކުރާ މަސައްކަތްތަކާ މެދު އެތައް ސުވާލެއް އެބަ ހުއްޓެވެ. މި ލިޔުމުގައި އަލިއަޅުވައިލާނީ، ރާއްޖޭގައި މިނިވަންކަމާއި އިންސާނީ ހައްގުތައް ހޯދުމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކުގެ މައްޗަށެވެ.

އިންސާނީ ހައްގުތައް މައިގަނޑު ގޮތެއްގައި ބެހިގެން ދަނީ ފަސް ބަޔަށެވެ. އެއީ އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، މަދަނީ އަދި ސިޔާސީ ހައްގުތަކެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންސާނީ ހައްގުތައް އަބަދުމެ އެއްގޮތަށް ނޯންނަކަމެވެ. ޒަމާން ބަދަލުވާހެން ހައްގުތައް ވެސް އެކި ގޮތްގޮތަށް ބަދަލުވަމުންދާ ކަމެވެ. ހައްގުތަކުން މަހުރޫމްވާ ވަރާއި، ހައްގުތައް ލިބޭ މިންވަރާއި، ހައްގުތަކަށް އިންސާނުން އަހައްމިއްޔަތުކަން ދޭވަރާއި، ކުރިން ފަހުމުވެފައިނުވާ ހައްގުތައް އުފަންވުމާއި، މި ކަންކަމާ ގުޅޭ މައުލޫމާތާއި ތައުލީމު އަދި ތަޖުރިބާތަކާއި މިކަހަލަ އެތައް ކަމެކެވެ.

އިންސާނީ ހައްގުތައް މާނަކުރަނީ ހަނި ގޮތަކަށް

ރާއްޖޭގައި ސިޔާސީ ޕާޓީތައް 2005ގައި ރެޖިސްޓާ ކުރެވި ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިހާބުތައް ބޭއްވުނު ކަމަށް ވިޔަސް މިނިވަންކަމާއި ހައްގުތަކާ މެދު ސިޔާސީ ފަރާތްތަކުން ދެކެނީ ވަރަށް ހަނި ގޮތަކަށެވެ. ހައްގުތައް ކަމުގައި ދެކެނީ މަދު ސިޔާސީ ހައްގުތައް އެކަންޏެވެ. މިސާލަކަށް އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމާއި ވޯޓުލުމާއި މި ކަހަލަ ހައްގުތަކެވެ. މި ހައްގުތައް ބޭނުންކުރަނީ ވެސް ސިޔާސީ މަންފާއަށް، އަމިއްލަ ފައިދާއަށް އެކަންޏެވެ. އާއްމުން މި ހައްގުތައް ބޭނުންކުރުން ހުއްޓުވުމަށް އެތައް ހުރަސްތަކެއް ކުރިމަތިކޮށް، އޮބިއަޅާ ހިފަހައްޓަން މަސައްކަތް ކުރެ އެވެ.

އެއިރެއްގައި އޮންނަ ސަރުކާރަކުން އަބަދުވެސް ބަލަނީ އަސާސީ ހައްގުތައް ވެސް ހިފެހެއްޓުނު ގޮތަކުން ހިފެހެއްޓުމަށެވެ. މިސާލަކަށް އެއްވެއުޅުމުގެ ހައްގު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހަނިކޮށްފައި އޮތް އޮތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ވެސް ދަނީ ދަމަހައްޓަމުންނެވެ. ހުރިހާ ސަރުކާރަކުން ވެސް ހިޔާލު ފާޅުކުރުމުގެ ހައްގުތައް އެތައް ގޮތަކުން ހަނިކުރެ އެވެ. މިސާލަކަށް ނޫސްތަކުގެ އެޑިޓޯރިއަލް އަށް ނުފޫޒު ފޯރުވުން އަދި ސަރުކާރު ޕްރޮމޯޓު ކުރުމަށް ކުރާ އެތައް ހަރަދުތަކެވެ. އަދި ހައްގުތަކާ މެދު އަމިއްލަ ފަރުދުން ދައްކާ ވާހަކަތައް ޕާޓީގެ ގުނަވަންތައް ބޭނުންކޮށް ބާރު ކަނޑުވާލުމަށް މަސައްކަތްކުރެ އެވެ. ބޭނުމަކީ ހައްގުތައް ހަނިކޮށް ރައްޔިތުން ކޮންޓްރޯލް ކުރުމެވެ.

އެއްވެސް ސިޔާސީ ޕާޓީއަކުން އިޖްތިމާއީ، އިގްތިސާދީ، ސަގާފީ އަދި މަދަނީ ހައްގުތައް ކުރިއަރުވައި، ރައްޔިތުނަށް ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ސާފު ބޯފެން ލިބުމާއި، ހިޔާވަހިކަމާއި، މަސައްކަތްތެރިންނަށް ލިބެން ޖެހޭ ހައްގުތަކާއި، އަރާމު ކުރުމުގެ ހައްގުތަކުން އެތައް ރައްޔިތުން ވަނީ މަހުރޫމުކޮށްފަ އެވެ. މިސާލަކަށް ހިޔާވަހިކަމުގެ ހައްގަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހައްގެއް ކަމުގައިވިޔަސް މި ހައްގުން އެތައް ފަރާތްތަކެއް ވަނީ މަހްރޫމްކޮށްފަ އެވެ.

މަސައްކަތު މާހައުލަކީ އެންމެ ގިނަ ވަގުތު މަސައްކަތްތެރިޔާ ހޭދަކުރާ މާހައުލު ކަމުގައި ވިޔަސް އިގްތިސާދީ ގޮތުން އެއްވެސް މިނިވަންކަމެއް އަދި ހައްގުތަކެއް ވެސް ނުލިބެ އެވެ. މަސައްކަތާ ގުޅޭ ގޮތުން ބަސް ބުނުމާއި، ހިޔާލު ފާޅުކުރުމާއި، އަދި ކުޑަމިނުން މަސައްކަތް ހުއްޓާލާފައި ހަޅުތާލުކުރުމުގެ ހައްގު ވެސް މަސައްކަތްތެރިޔާއަށް ނުލިބެ އެވެ. މިސާލަކަށް ކަނޑިންމަ ރިޒޯޓުގައި ކޮވިޑް ޖެހިގެން ދ. މާއެނބޫދޫ އާދަމް ނަސީރު ދުނިޔެ ދޫކުރީ ބޭސްފަރުވާގެ ހައްގު ނުލިބި މަސައްކަތު މާހައުލުގަ އެވެ.

ބޮޑެތި ފައިސާވެރިންގެ ނުފޫޒު

ވިޔަފާރި ކުރުމާއި ވިޔަފާރިން ފައިދާ ނެގުމަކީ އިންސާނީ ހައްގެއް ނޫނެވެ. ނަމަވެސް ވިޔަފާރިވެރިންނާއި އެ ފަރާތްތަކަށް ނިސްބަތްވާ ފަރާތްތަކުން ވިޔަފާރި ފައިދާ އިތުރުކުރުމަށް އާއްމު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަތަން ފެނުމަކީ އާންމު ކަމެކެވެ. މިސާލަކަށް ކޮވިޑް19ގައި އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކޮށް، އަދި ބައެއް މަސައްކަތްތެރިންނަށް މުސާރަ ނުދީ ހިފެހެއްޓި އެވެ. އެތައް މަސައްކަތްތެރިންނެއް ކުލި ނުދެއްކި އާއިލާތައް މަގުމަތިވީ އިރު ވެސް ސަރުކާރަށާއި މަޖިލީހަށް މުހިންމުވީ ރައްޔިތުންގެ ފައިސާއިން އަދި ރައްޔިތުންގެ ނަމުގައި ނެގި ބޮޑެތި ލޯނުތަކުން ވިޔަފާރިތައް ދަމަހައްޓައި ބޮޑެތި ފައިސާވެރިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށެވެ.

ރިޒޯޓުތައް ހިންގުމުގައި ބޮޑެތި ކުންފުނިތަކުން މަސައްކަތްތެރިންގެ އިންސާނީ އެތައް ހައްގަކަށް އަރައިގަންނައިރު އިންސާނީ ހައްގުތަކުގެ ވާހަކައެއް ނުދެކެވެ އެވެ. އަދި މަސައްކަތްތެރިންނަށް ކުރިމަތިކުރުވާ އެކި ކަހަލަ އަޅުވެތިކަމާ ދެކޮޅަށް ތެދުވެ، މަސައްކަތްތެރިން އެއްވެ، ހަޅުތާލުކޮށް، ހިޔާލު ފާޅުކޮށް، ޖަމިއްޔާ ޖަމާއަތްތަކާއި ޔޫނިއަންތައް ހަދަން މަސައްކަތްކުރާ ހިސާބުން އެފަދަ ކަންކަން ގާނޫނުގެ ބާރުން މަނާކޮށް، މަސައްކަތްތެރިން އިތުރަށް ހާލުގައި ޖައްސަ އެވެ. މިސާލަކަށް ވަޒީފާއާ ބެހޭ ގާނޫނުތަކަށް ގެނައި ބަދަލުތަކުން އެތަކެއް މަސައްކަތްތެރިންގެ ބައެއް ހައްގު ވަނީ ގެއްލުވާލައިފަ އެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި ހިމާޔަތްކުރާނީ ހަމައެކަނި ވިޔަފާރިތަކުން ހޯދާ ފައިދާ އެކަންޏެވެ.

މިފަދަ ކަންކަމުން ވެސް ދޭހަވަނީ ފައިސާވެރިން ހައްގުތައް ކޮންޓްރޯލް ކުރަނީ ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވައިގެން އެމީހުން ބޭނުންވާ ކަންކަން ކުރުމަށް ކަމެވެ. ސިޔާސީ މަގާމުތަކަށް އާދެވެނީ ވެސް ބޮޑެތި ފައިސާވެރިންގެ ފައިސާ އާއި ބާރު ބޭނުންކޮށްގެނެވެ. މިހެންކަމުން ސިޔާސީ ފަރާތްތަކަށް ބޮޑެތި ފައިސާވެރިންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. އަދި މި ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީ ނުކުރެވެ އެވެ. ސިޔާސީ ޕާޓީތަކަށާއި އިންތިހާބުތަކަށް ބޮޑެތި ފައިސާވެރިން ހަރަދުކުރާވަރު މި ވީހާތަނަށް ބެލިފައެއް ނުވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން

ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދީ ސެޕްޓެމްބަރު، 19 2003 ގައި ހަސަން އީވާން ނަސީމް މާފުށީ ޖަލުގައި އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެންނެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން ގާނޫނެއްގެ ދަށުން ހިންގަން ފެށީ 2006 ގަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނާ މެދު ރައްޔިތުން އެއްވެސް އިރެއްގައި އިތުބާރު ނުކުރެ އެވެ. ކޮމިޝަންގެ އެންމެ ބޮޑު އެއް މައްސަލައަކީ މެމްބަރުންނަށް ރައްޔިތުން އިތުބާރުނުކުރުމާއި މެމްބަރުން ސިޔާސީ ވަކި ފަރާތްތަކަށް ބުރަވުމާއި، އަމިއްލައަށް ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ނުކުރުމާއި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ނުކުރުމާއި، އެތައް ހައްގުތަކަށް ދައުލަތުން އިހުމާލުވަމުން ދާއިރު ޖަވާބުދާރީކޮށް، ޒިންމާދާރު ނުކުރެވުމެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތައް އަދި ޔޫނިއަންތަކާ އެކު މަސައްކަތް ނުކުރުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ވަކާލާތުކުރާ އަދި އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކަަށް ރައްކާތެރިކަން ނުދެވުމަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލަތަކެވެ.

މިވީހާތަނަށް އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ އިންސާފު ގާއިމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވުނު އެއްވެސް ކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް 15 އަހަރު ވެގެންދާއިރު ފެންނަން އޮތް ހަގީގަތަކީ މިނިވަން މުއައްސަސާތަކާއި އިދާރާތައް ހެދި ކަމަށް ވިޔަސް މިނިވަންކަމާއި ހައްގުތައް ރައްޔިތުންނަށް ނުލިބޭ ކަމެވެ. ރާއްޖޭގެ ފަގީރުކަމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 10 މީހުންގެ ތެރިއިން ތިން މީހުންނަކީ ފަގީރުންނެވެ. މިއީ މުޅި އާބާދީގެ 28 ޕަސެންޓް ރައްޔިތުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން 2008ގައި އެކުލަވާލި ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން 12،000 މީހުން ދިރިއުޅޭނެ ތަނެއް ނެތް ކަމަށާއި މާލޭގައި އުޅޭ 68 ޕަސެންޓް ރައްޔިތުން އުޅެނީ އުޅެން ހެޔޮނުވާވަރު ތަންތަނުގައި ތޮއްޖެހިގެން ކަމަށެވެ. ގާނޫނުއަސާސީގެ ދެވަނަ ބާބު، އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ 54 މާއްދާ އޮތް އިރު، އިޖްތިމާއީ، އިގްތިސާދީ، ސަގާފީ އަދި މަދަނީ ހައްގުތައް ރައްކާތެރިކުރަން ކުރެވުނު ކަމެއް ނެތެވެ.

ޔޫނިއަންތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ނެތުން

މަސައްކަތްތެރިންގެ ޔޫނިއަންތަކާއި މަދަނީ ޖަމިއްޔާތަކަކީ އަބަދުވެސް މިނިވަންކަމާއި ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށް، ރައްކާތެރިކޮށް އަދި ދެމެހެއްޓުމަށް އެންމެ މުހިންމު ރޯލެއް ކުޅެން ޖެހޭ އެއް ފަރާތެވެ. މި ދާއިރާގެ އެންމެ ބޮޑު އެއް މައްސަލައަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާނެ ގްރާސްރޫޓްސް ޖަމިއްޔާ ޖަމާއަތްތަކާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި މިކަމާ ގުޅޭ ގައުމީ ހަރަކާތްތަކާއި ކެމްޕޭނުތައް ނެތުމެވެ. ރާއްޖޭގައި އުފެދިފައި ހުރި ބޮޑެތި ގިނަ ޖަމިއްޔާ ޖަމާއަތްތަކަކީ ވެސް މާލޭގެ ފައިސާވެރިންނާއި ބޮޑެތި ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮންނަ ޑިމޮކްރެޓިކް އުސޫލުން ހިންގާ މުއައްސަސާތަކެއް ނޫނެވެ.

ޖަމިއްޔާތަކުން މިވީހާތަނަށް އިންސާނީ ހައްގުތަކުގެ ނަމުގައި މަސައްކަތްތަކެއް ކޮށްފައި ވީނަމަވެސް، ދެން ކުރެވޭ ސުވާލަކީ މި މަސައްކަތްތަކުން އާންމު ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވިފައިވަނީ ކިހާ މިންވަރަކަށް ބާވަ އެވެ؟ ހައްގުތަކަށް މަސައްކަތްކުރުމޭ ކިޔާފައި އެންމެ ގިނައިން ކުރެވޭ މަސައްކަތްތަކަކީ ސިޔާސީ ފަރާތްތައް ހިމާޔަތްކުރުމާއި، ވަކި ސިޔާސީ ފިކުރެއް ދަމަހައްޓަން މަސައްކަތް ކުރުމެވެ. މިފަދަ ކަންކަން ކުރުމުގައި އިންސާނީ ހައްގުތަކުގެ ވިއުގައިގެ ކުޑަ މިންވަރެއް ބޭނުންކޮށްގެން މަސައްކަތް ކުރިޔަސް، ރައްޔިތުންގެ ރައްކާތެރިކަމާއި ކަރާމާތްތެރިކަން ނެގެހެއްޓޭ ފަދަ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، އިންސާނީ ހައްގުތަކަކީ ރައްޔިތުން ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމަކަށް އަލިއަޅުވާލާ ކަމަކަށް ވާއިރު، އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރަން އިޖްތިމާއީ އަދި އިގްތިސާދީ އެތައް މަސައްކަތްތަކެއް ކުރުމަށް މަޖުބޫރު ވާއިރު ވެސް، މިފަދަ ޖަމާއަތްތަކުން އިންސާނީ ހައްގުތަކާއި، އިގްތިސާދީ އަދި އިޖުތިމާއީ ހާލަތާއި ގުޅިލާމެހިފާވާ ގޮތަށް އަޅާނުލާ ކަމެވެ. އެތައް ދިރާސާތަކުން ދައްކާ ގޮތުން ބޮޑެތި ކުށްތައް ކުރުމަށާއި، ހަރުކަށި ފިކުރަށް އިންސާނުން ދަނީ ވެސް އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ އިންސާފު ނުލިބުމުންނެވެ. ތަފާތު ކުރުން ގިނަވެ، ނަހަމަ ކަން އިތުރުވެ، ރައްޔިތުންގެ މެދުގައި ފަރަގު ބޮޑުވެ އާއިލާތައް ފަގީރު ވުމުންނެވެ. ދިރިއުޅޭނޭ ގޮތް ހުސްވުމުންނެވެ.

މިނިވަންކަމާއި ހައްގުތަކާ މެދު މަސައްކަތްތެރިންގެ ޔޫނިއަންތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދެކެނީ ހަނި ނަޒަރަކުންނެވެ. މި ފަރާތްތަކުން އަސާސީ މިނިވަންކަމާއި ހައްގުތައް ކަމަށް ގަބޫލުކުރާވަރާ މެދު ސުވާލު އުފެދެ އެވެ. ބައެއް ހައްގުތައް ގަބޫލުކޮށް އަނެއް ބައި ހައްގުތައް ލިބެން ޖެހޭނެ ކަމަށް ގަބޫލެއްނުކުރެ އެވެ. މިހެން ވަނީ މަދަނީ ޖަމިއްޔާތަކާއި ޔޫނިއަންތައް ވެސް ފައިސާވެރިންނަށް ބަރޯސާވާން ޖެހުމުގެ ސަބަބުން އަމިއްލަ މިނިވަންކަން ވެސް ނެތުމުންނެވެ. މިސާލަކަށް ސިނާއަތްތަކުގެ ކޮންޓްރޯލު މަސައްކަތްތެރިންނަށް ލިބެން ޖެހޭނެ ކަމަށް ގަބޫލެއްނުކުރެ އެވެ. އަދި ދައުލަތުގެ މުދަލާއި ދައުލަތަށް ލިބޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ލިބެން ޖެހޭނެ ކަމަށް ވެސް ގަބޫލެއްނުކުރެ އެވެ.

ހައްގުތައް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ

އިންސާނީ ހައްގުތައް ހޯދައި ކުރިއެރުވުމަށް އެތައް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ބޮޑެތި ފައިސާވެރިންނާއި، ބޮޑެތި ސިޔާސީ ފަރާތްތަކާއި، ގައުމުތަކުގެ ހިއުމަންރައިޓްސް ކޮމިޝަންތަކާއި، ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އޮނިގަނޑުތަކާއި މުއާހަދާތަކުގައި ވެސް އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ.

ޕްރޮފެސަރު ސެމިއުލް މޮއިންގެ "ނޮޓް އިނަފް: ހިއުމަން ރައިޓްސް އިން އެން އަންއީކުއަލް ވޯލްޑް" ފޮތުގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ އޮނިގަނޑުގަނޑާއި ހަރަކާތުގައި ހުރި އެތައްއް މައްސަލައަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ލިޔެފައިވެ އެވެ. އޭނާ ބުނާ ގޮތުން އެންމެ ބޮޑު މައްސަލައަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އެކަށީގެންވާ ވަރާ ގާތަށް ވެސް އިޖްތިމާއީ އަދި އިގްތިސާދީ ނަހަމަކަން ހުއްޓުވަން މަސައްކަތް ނުކުރާކަމެވެ. ހާއްސަކޮށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ރައްޔިތުންގެ މެދުގައި މުދާ ބެހިގެންދާ ނަހަމަ ގޮތާ މެދު ޖަދަލުނުކޮށް ތިބޭކަމެވެ. އަދި ހަމަހަމަކަމަށް ވާސިލުވުމަށް ބޭނުންވަނީ ވަކިވަކިން ބަޔާން ކުރެވިފައިވާ ހައްގުތަކާ އަދި އިންސާފު ގާއިމު ކުރުމަށް ހަދާ ގާނޫނުތަކެއް ނޫންކަމާއި، ހަމަހަމަކަން ގާއިމްކުރުމަށް އިންސާނީ މުޅި ހަލޯރާތް ރޭވިފައިވާ ގޮތް ބަދަލުކުރަން މަޖުބޫރުވާކަމަށް މޮއިން ބުނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލްސަފާވެރިޔާ އަދި ޕްރޮފެސަރު އެންޖެލާ ޑޭވިސް ބުނަނީ "މިނިވަންކަމުގެ ފިކުރުން ހިތްވަރު ލިބޭ ކަމަށް. އެކަމަކު ސިޔާސީ ގޮތުން މިނިވަންކަން އިހުސާސް ވިޔަސް ކާނެ އެއްޗެއް ނެތިއްޔާ އޭގެ މާނައަކީ ކޮބާހޭ؟ އެއީ ބަނޑުހައި ހޫނު ކަމުގެ މިނިވަންކަންހޭ؟"

ފުރިހަމަ މިނިވަންކަމާއި ހައްގުތައް ހޯދޭނީ ރައްޔިތުން އަޑުއުފުލައި، މިނިވަންކަމާއި ހައްގުތައް ހޯދުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކޮށްގެންނެވެ. އަދި ހައްގުތަކާއި މިނިވަންކަން ހިފަހައްޓަން މަސައްކަތްކުރާ ފަރާތްތަކަށް ހަރު އަޑުން ނޫނެކޭ ބުނެގެންނެވެ. ޑިމޮކްރަޓިކް މަސައްކަތްތެރިންގެ ޔޫނިއަންތައް އުފައްދައި، ގްރާސްރޫޓްސް މަދަނީ ޖަމިއްޔާ ޖަމާއަތްތައް އިންތިޒާމު ކުރެވިގެން އެކުއެކީގައި ހިންގޭ ސިޔާސީ ހަރަކާތްތަކާއި ގައުމީ ލެވެލްގައި ކެމްޕޭންތައް ހިންގައިގެނެވެ. މިނިވަންކަމާއި ހައްގުތަކާ މެދު ފުޅާ ވިސްނުމަކުން ވިސްނައިގެނެވެ. ހައްގުތައް ހޯދުމާއި، ރައްކާތެރިކުރުމާއި އަދި ދެމެހެއްޓުމަކީ ރައްޔިތުން ކުރާ ކަމެއްގެ ގޮތުގައި އޮވެގެނެވެ.

އެޑިޓަރުގެ ނޯޓު

އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ.