Roadha Mihaaru
ޓްރަމްޕުގެ ވެރިކަންނިމެނީ، އީރާނުގެ އިންޒާރު އިޒްރޭލަށް

ޓްރަމްޕުގެ ވެރިކަމުގެ ފަހު ދުވަސްވަރު އީރާނުގެ އިންޒާރެއް އިޒްރޭލަށް

29 ޑިސެމްބަރ 2020

ތެހެރާން (ޑިސެމްބަރު 29) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ފަހު ދުވަސްވަރާ ދިމާކޮށް، ގަލްފުގެ "ރަތް ރޮނގު" ހުރަސް ނުކުރުމަށް އިޒްރޭލަށް އީރާނުން އިންޒާރު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޑިސެމްބަރު 29) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ފަހު ދުވަސްވަރާ ދިމާކޮށް، ގަލްފުގެ "ރަތް ރޮނގު" ހުރަސް ނުކުރުމަށް އިޒްރޭލަށް އީރާނުން އިންޒާރު ދީފި އެވެ.

އީރާނުން މި އިންޒާރު ދީފައި ވަނީ އިޒްރޭލުން ސަބްމެރިނެއް ފޮނުވާލާފައިވާ ކަމުގެ ރިޕޯޓްތަކެއް އާއްމުވުމާ ގުޅިގެންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައިދު ޚަތިބްޒާދާ ވިދާޅުވީ ޖެނުއަރީ 20 ގައި ޓްރަމްޕުގެ ވެރިކަން ބަދަލުވުމުގެ ކުރިން، އެމެރިކާ އިން އަޅައިފާނެ އަސްކަރީ ކޮންމެ ފިޔަވަޅެއް ތެހެރާނުން ދިފާއު ކުރާނެ ކަމަށެވެ. ތަރުޖަމާން އެހެން ވިދާޅުވި އިރު، ހަފުތާއެއް ކުރިން އެމެރިކާގެ ނޭވީން ވަނީ ގަލްފަށް ނިއުކްލިއާ ސަބްމެރިނެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އިޒްރޭލުގެ މީޑިއާތަކުން ވެސް ވަނީ އެ ގައުމުގެ ސަބްމެރިނެއް ސުއޭޒް ކެނަލް ހުރަސްކޮށް ގަލްފަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެފަ އެވެ.

"ކޮންމެ މީހަކަށް ވެސް އެނގެންޖެހޭނެ ޕާސިއާން ގަލްފަކީ އީރާނަށް ކިހާ މުހިންމު ތަނެއްކަން،" ޚަތިބްޒާދާ ވިދާޅުވި އެވެ. "އެންމެންނަށް ވެސް އެނގޭން ޖެހޭނެ ރަތް ރޮނގު ހުރަސްކޮށްފި ނަމަ ދެން ކުރިމަތިލާން ޖެހޭނެ ނުރައްކާ ބޮޑުވާނެކަން."

އީރާނުން ތުހުމަތު ކުރަނީ އެ ގައުމާ ދެކޮޅަށް ހިންގާ ހަރާތްތަކުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށެވެ.

"ޓްރަމްޕުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އާ ކުރިމަތިލުމަކަށް ނުދިއުމަށް އެދި، އެމެރިކާ ސަރުކާރަށާއި މެދުއިރުމަތީގެ ގައުމުތަކަށް މިހާރު ވަނީ އިންޒާރުގެ މެސެޖެއް ފޮނުވާފައި،" ޚަތިބްޒާދާ ވިދާޅުވި އެވެ.

ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ އާއި އީރާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ އުއްމީދު ކުރައްވަނީ ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާ އާއި އީރާނުގެ ގުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.