Roadha Mihaaru
އާރްއޭސީގެ ޗެއާމަނަކަށް ބޭފުޅަކު ހަމަޖައްސައިފި

އާރްއޭސީގެ ޗެއާމަނަކަށް ބޭފުޅަކު ހަމަޖައްސައިފި

07 ޖެނުއަރީ 2021

ރީޖަނަލް އެއާޕޯޓުތައް ހިންގުމަށްޓަކައި އުފެއްދި ކުންފުނި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ) ގެ ޗެއާމަނަކަށް އަބްދުލް ލަތީފު ގާސިމް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރީޖަނަލް އެއާޕޯޓުތައް ހިންގުމަށްޓަކައި އުފެއްދި ކުންފުނި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ) ގެ ޗެއާމަނަކަށް އަބްދުލް ލަތީފު ގާސިމް ހަމަޖައްސައިފި އެވެ.

އޭނާ ވަނީ 2009 ވަނަ އަހަރު، އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ބަންގްލަދޭޝް ހައި ކޮމިޝަންގެ ކައުންސެލާ ކަމާއި އިންޑިޔާގެ ކެރެލާގައި ހުންނަ ކޮންސިއުލޭޓްގެ ކޮންސުލްގެ މަގާމު ފުރުއްވި އެވެ.

އަބްދުލް ލަތީފް ގާސިމް އާރްއޭސީގެ ޗެއާމަންގެ މަގާމަށް އައްޔަނު ކުރެއްވި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޒްވީ ވަނީ ހަމަޖައްސައިފަ އެވެ. ރިޒްވީ މި މަގާމަށް ބަދަލު ކުރުމުގެ ހުރިން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މިދިޔަ ދެ ތިން އަހަރުގައި އައިލެންޑް އޭވިއޭޝަނަށް މާލީ ބޮޑު ގެއްލުންތަކާ ވަނީ ކުރިމަތިވެފަ އެވެ. ރިޒްވީ އެ މަގާމުން ވަކި ކުރުމަށް ފަހު އައިލެންޑް އޭވިއޭޝަން ހިންގަން ހަވާލު ކުރީ މުހައްމަދު މިހާދާ އެވެ.

މީގެ އިތުރުން އާރްއޭސީގެ ބޯޑަށް މުހައްމަދު ޝަފާއު ހަސަން ވެސް އައްޔަނުކޮށްފައިވެ އެވެ. އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން މިދިޔަ ސަރުކާރުގައި ފުރުއްވައިފަ އެވެ.