Roadha Mihaaru
ޑޮނަލްޑް ޓްރަމްޕު ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި

ޑޮނަލްޑް ޓްރަމްޕު ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި

14 ޖެނުއަރީ 2021

އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް މިއަދު ވެވަޑައިގެންފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް މިއަދު ވެވަޑައިގެންފި އެވެ.

އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން މިދިޔަ ހަފްތާގައި ކޮންގްރެސްގެ އިމާރާތް، ކެޕިޓަލް ތެރެއަށް ވަދެގަނެގެން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވުމުގެ ތުހުމަތުގައި ހައުސް އިން ޓްރަމްޕް އިމްޕީޗުކުރިޔަސް އޭނާ މަގާމުން ދުރުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ޓްރަމްޕް އިމްޕީޗްކުރަން ފާސްވިކަން ހައުސްގެ ރައީސް ނޭންސީ ޕެލޯސީ އިއުލާންކުރައްވަނީ

ޓްރަމްޕްގެ ދައުރު ހަމަވާން ހަތް ދުވަހަށް ވުރެ ވަގުތު ކުޑަތަން ވެފައިވާ އިރު، އޭގެ ކުރިން ސެނެޓުގެ ބައްދަލުވުމެއް ނުބާއްވަވަން މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވަނީ ނިންމަވައިފަ އެވެ. މެކޮނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ގޮތަށް ނިންމެވީ އާ ރައީސް ޖޯ ބައިޑަން އަންނަ ބުދަދުވަހު ހުވާކުރެއްވުމުގެ ކުރިން ސެނެޓުން އިމްޕީޗްމެންޓް ޓްރަޔަލްއެއް ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ވަގުތު ނެތުމުން ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ އިމްޕީޗްމެންޓްގައި، އޭނާ ވެރިކަމުން ދުރު ނުކުރަން ސެނެޓުން ނިންމީ 21 ދުވަހުންނެވެ. ކުރިން އިމްޕީޗްކުރި ދެ ރައީސުންގެ ސެނެޓް ޓްރަޔަލް އަށް 83 ދުވަހާއި 37 ދުވަސް ހޭދަވި އެވެ.

ޖޯޖިއާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކުރުމާ އެކު ސެނެޓުގައި އޮތް ރިޕަބްލިކަން މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. މި ބަދަލާ އެކު، ވެރިކަން ބަދަލުވާ ދުވަހުން ފެށިގެން ސެނެޓުގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ އަދަދު ހަމަހަމަވާނެ އެވެ. ގޮތް ނިންމާ ވޯޓު ދެއްވާނީ ނާއިބު ރައީސްގެ ހައިސިއްޔަތުން ސެނެޓުގެ ރައީސް ކަމަށް ވަޑައިގަންނަވާ ކަމަލާ ހެރިސް އެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުން ނިންމައިފި ނަމަ އިތުރު ވޯޓެއް ނަގައި އޭނާ އަށް ދެން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ފާސްކުރެވިދާނެ އެވެ. ޓްރަމްޕްގެ ދައުރު ހަމަވިޔަސް އޭނާގެ އިމްޕީޗްމަންޓް ޓްރަޔަލް ސެނެޓުގައި ކުރިއަށް ގެންދާނީ މި ސަބަބަށެވެ.

ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސް އިން ފުރަތަމަ ޓްރަމްޕް އިމްޕީޗްކުރީ 2019ގަ އެވެ.

އެމެރިކާގެ ތާރީޚުގައި ޓްރަމްޕް ފިޔަވައި އިމްޕީޗްކޮށްފައި ވަނީ އެންމެ ދެ ރައީސުންނެވެ. އެއީ 1868ގައި އެންޑްރޫ ޖޯންސަން އާއި 1998ގައި އިމްޕީޗްކުރި ބިލް ކްލިންޓަން އެވެ. އިމްޕީޗްކުރަން މަސައްކަތްކުރަނިކޮށް ރިޗަޑް ނިކްސަން 1974ގައި އިސްތިއުފާދެއްވީ އެވެ.

ކޮންގްރެސް އިން މިހާތަނަށް އެއްވެސް ރައީސަކު ވެރިކަމުން ދުރުކޮށްފައެއް ނެތެވެ.