Roadha Mihaaru
ތައުލީމުގެ ހާއްސަ މަސައްކަތެއް، ބަދަލުތައް ވެސް ފެނޭ

އުނގަންނައިދިނުމުގެ ހާއްސަ މަސައްކަތެއް، ބަދަލުތައް ވެސް އެބަ ފެނޭ

19 ޖެނުއަރީ 2021

ބައެއް ފަހަރަށް ރުޅި އައިސް އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ފަދަ ކަމެއް ކޮށްލަފާނެ އެވެ. އެއީ ގޭގައި ނުވަތަ ކްލާސްރޫމުގައި ވިޔަސް މެ އެވެ. ނޫނީ ހަމަ ހުރެލާފައި ރޯން ފަށައި ކްލާސްރޫމުން ބޭރަށް ހިނގައިދާނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ފަހަރަށް ރުޅި އައިސް އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ފަދަ ކަމެއް ކޮށްލަފާނެ އެވެ. އެއީ ގޭގައި ނުވަތަ ކްލާސްރޫމުގައި ވިޔަސް މެ އެވެ. ނޫނީ ހަމަ ހުރެލާފައި ރޯން ފަށައި ކްލާސްރޫމުން ބޭރަށް ހިނގައިދާނެ އެވެ.

އެފަދަ ހާލަތުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަކީ އުނދަގޫ މަސައްކަތެކެވެ. ނަމަވެސް އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމު އުނގަންނައިދިނުމުގެ ސިޔާސަތުގެ ދަށުން ސްކޫލުތަކުގައި އަންނަނީ އެފަދަ ކުދިންނަށް ކިޔަވައިދެމުންނެވެ. އޭގެ ތެރެއިން އެއް ސްކޫލަކީ އިއްމާދުއްދީން އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެ ސްކޫލްގައި ކިޔަވައިދޭން ފެށީ މީގެ 17 އަހަރު ކުރިންނެވެ.

އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރު ރަހްމާ އީސާ ވިދާޅުވި ގޮތުގައި ކިޔެވުން ކުރިއަށް ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ "ސްޕެޝަލް އެޑް" އަދި "ރެޑިނަސް" އެވެ..

ރެޑިނަސް އަކީ، ކިޔަވައިދޭން ތަންކޮޅެއް އުނދަގޫ ނުވަތަ ސިވިއާ ކުދިންނެވެ. ޓީޗަރުންގެ ހާއްސަ ސަމާލުކަން އެކުދިންނަށް ބޭނުންވެ އެވެ. ސްޕެޝަލް އެޑަކީ، އިތުރަށް އެހީތެރިކަން ދީގެން އާއްމު ކްލާސް ނުވަތަ މެއިންސްޓްރީމް ބަޔަށް ފަސޭހައިން ގެންދެވިދާނެ ކުދިންނެވެ.

އިމާދުއްދީނުގައި މިހާރު ވެސް އުމުރުން 6-18 އަހަރާ ދެމެދުގެ 82 ކުދިންނަށް، އަށް ކްލާސްރޫމްގައި އަންނަނީ ކިޔަވަމުންނެވެ. އޭގެ އިތުރުން އާއްމު ކްލާސްރޫމުގައި އެފަދަ 35 ވަރަކަށް ކުދިންނަށް ކިޔަވައިދެ އެވެ.

ވަކި ބައެއްގެ ގޮތުގައި "ޖްވެލް ސެންޓަރު" 2017 ގައި ހުޅުވުމާ ހަމައަށް، އެފަދަ ދަރިވަރުންނަށް އެ ސްކޫލްގައި ކިޔަވައިދިނީ އިމާދުއްދީންގެ މައި އިމާރާތުގަ އެވެ.

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގައި ޓީޗަރަކު ދަރިވަރަށް ކިޔަވައިދެނީ - ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގައި ޓީޗަރަކު ދަރިވަރަށް ކިޔަވައިދެނީ - ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރަހްމާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވާން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިހާރު ކުރިއަށް ގެންދަނީ ކްލާސްތައް ދެ ބަޔަށް ބަހާލައިގެން ކަމަށެވެ. އެއާ އެކު، ކޮންމެ ދެ ހަފުތާއިން ފަސް ދުވަހު އެ ދަރިވަަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެ އެވެ. މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމާ އެކު އެހެން ދަރިވަރުންނެކޭ އެއްގޮތަށް އެ ކުދިންނަށް ވެސް އޮންލައިންކޮށް އައީ ބަރާބަރަށް ކިޔަވައިދެމުންނެވެ. އެހެންވެ ސްކޫލަށް ހާޒިރުނުވިއަސް ކުދިންގެ އުޅުމަށް މާ ބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށް ރަހްމާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޓީޗަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށް ވިޔަސް އޮންލައިންކޮށް ކިޔަވައިދިނުމުގައި، ގިނަ ކުދިންގެ ފަރާތުން މާ ބޮޑު އުނދަގުލެއް ދިމާނުވި ކަމަށެވެ. އަދި ސްކޫލް ހުޅުވި އިރު ހުރިހާ ދަރިވަރުން ހެން ތިބީ ސްކޫލަށް ގޮސް ކިޔަވަން ކެތްމަދުވެފައި ކަމަށް ވިދާޅުވި އެވެ.

"ބައެއް ކުދިން ގަބޫލުކުރޭ އޮންލައިން ކްލާހަކީ ކްލާހެއް ނޫނޭ. އެއްގޮތަކަށް ވެސް [އޮންލައިންކޮށް] ބައިވެރިނުވި ކުދިން ތިބި. މިސާލަކަށް، އަޅުގަނޑުމެން ސްކޫލުން ގުޅައިގެން ވެސް ހަމަ ޕޭރެންޓުންނާ ވަރަށް ވާހަކަދައްކައިގެން ވެސް އޮންލައިންކޮށް ވީމަ އޭގެ ތެރެއިން އެއްބައި ކުދިން ނުވަދޭ...އެ ގޮންޖެހުން އައި،" ރަހްމާ ވިދާޅުވި އެވެ.

"އެކަމަކު ހުރިހާ ކުދިން ވެސް ތިބީ ސްކޫލަށް އައިސް ކިޔަވަން ވަރަށް ބޮޑަށް ބޭނުންވެފައި."

އޭނާ ވިދާޅުވި ގޮތުގައި އޮންލައިން ކްލާސްތަކުގައި ބައިވެރިނުވާ ދަރިވަރުންގެ ހާލު ބެލުމަށް އެހެން ކުދިންނަށް އިރުޝާދު ދިނެވެ. އެ ގޮތަށް، ޓީޗަރުންނާއި ދަރިވަރުން ވެސް ދިޔައީ ހުރިހާ ކުދިންގެ ކަންކަން ބަލަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ފެށި ދުވަސްވަރުގެ ހަނދާންތައް އާކުރައްވައި ރަހްމާ ވިދާޅުވީ އޭރު އެ ކުދިން ތިބޭ ކްލާސް ރޫމް ކައިރިން ދާން ވެސް ފަސްޖެހޭ ކަމަށެވެ. އޭގެ އިތުރުން، ފީލްޑް ޓްރިޕްތަކަށް ގެންދާއިރު، މަގުމަތީގައި ބަލަން ތިބެ އެ ކުދިންނަށް ނިސްބަތްކޮށް "މޮޔަ ކުދިންނޭ" ބައެއް މީހުން ކިޔައި އަޑުއިވޭ ކަމަށް ވިދާޅުވި އެވެ.

"އޭރު ވެސް ލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ ކުއްޖަކަށް އެ އަޑު އިވިއްޖެއްޔާ އެ ކުދިން ޑިފެންޑަށް ބުނާނެ މޮޔައިންނެއް ނޫނޭ،" ރަހްމާ ވިދާޅުވި އެވެ.

ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން ސްކޫލުގައި ކިޔަވައިދެ އެވެ. އޭގެ ކުރިން ދަރިވަރުންނަށް ކޮންމެވެސް މަސައްކަތެއް ދަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަށް އަމާޒުކޮށް، އިމާދުއްދީންގެ ޖްވެލް ސެންޓަރުގައި ކިޔަވާ 15 އަހަރުން މަތީގެ ދަރިވަރުންނަށް އެޑިއުކޭޝަންގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވްއާ އެކު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރު ރަހްމާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރު ރަހްމާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ދަރިވަރުންނަށް މަސައްކަތެއް ދަސްކޮށްދިނަސް ވަޒީފާގެ ބާޒާރަށް ނެރެން އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެ އެވެ. އިމާދުއްދީނުން ކިޔެވި ދަރިވަރުންނަށް މިހާރު ވެސް ސަރުކާރުގެ އެކި ތަންތަނުން ވަޒީފާ ލިބިފައި ވެ އެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވީތީ ތަފާތުކުރާކަން ފާހަގަކުރައްވައި، މިސާލެއްގެ ގޮތުން ރަހްމާ ދެއްކެވީ ކިޔެވުމަށް ވެސް މޮޅުވުމުގެ ސަބަބުން ސަރުކާރު ކުންފުންޏަކުން ވަޒީފާ ލިބުނު ކުއްޖަކަށް މުސާރައަށް އެންމެ 3،000ރ. ދިނުމެވެ.

"އެ ކުއްޖާއަށް ހުރިހާ އެއްޗެއް އެނގޭ. އެކި ފަހަރުމަތިން އަޅުގަނޑުމެން ވެސް ވާހަކަދައްކަން ކީއްވެގެންތޯ އޭނާއަށް [ކުޑަ މުސާރައެއް ދެނީ]،" ރަހުމާ ވިދާޅުވި އެވެ.

"ގައިޑްކޮށްލަ ދޭއިރަށް ކުރާނެ. ވަރަށް މޮޅުވާނެ. އެކަމަކު އޭނައަށް މަހަކު މި ލިބެނީ 3،000ރ. އަބަދުވެސް އަޅުގަނޑުމެންނަށް އެ އިޝޫ އާދޭ. އެ ކުދިންނަކީ ވިސްނޭ ކުދިން."

ގައުމީ ޔުނިވާސިޓީގައި ޓީޗިން ކިޔަވާ ދަރިވަރުންނަށް 2012 އިން ފެށިގެން ސްޕެޝަލް ނީޑް ޓީޗިން ކިޔަވައިދެ އެވެ. ޖްވެލް ސެންޓަރުގައި މި ވަގުތު ތިބި 25 ޓީޗަރުންނަކީ އެފަދަ ކުދިންނަށް ކިޔަވައިދޭން ޓްރެއިނިން ވެފައި ތިބި މީހުންނެވެ.

ބެލެނިވެރިއެއްގެ ޝަކުވާ

އޭއެޗްޑީ އާއި އޭއެސްޑީ ހުންނަ ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމައަކު ބުނީ ކުރިން ގެންދިޔަ ސްކޫލުން ތަފާތުކުރުން ގެންގުޅުނު ކަމަށެވެ. އާއްމުކޮށް އެހެން ކުދިން ކްލާހަށް ދާ ގަޑިއަށް އެ ކުއްޖާ ގެންދަން ފެށުމުން ސްކޫލުން އެންގީ އެއް ގަޑިއިރު ފަހުން ސްކޫލަށް ގެންދިއުމަށެވެ.

"އެ ސްކޫލަށް ގެންދިޔައީ ވެސް އެހެން ކުދިންނާ ބައިވެރިކޮށްގެން ކިޔަވައިދޭން ބޭނުންވާތީ. އެކަމަކު ސްކޫލުން އެންގީ އެއް ގަޑިއިރު ފަހުން ސްކޫލަށް ގެންދަން. އެކަމާ ގުޅޭ ގޮތުން ސުވާލުކުރީމަ ވިދާޅުވި އެއީ އެހެން ކުދިންނަށް އުނދަގޫވާތީ އަދި ސެން ޓީޗަރެއް ނެތީމަ ހާއްސަ ސަމާލުކަން ނުދެވޭތީ ކަމަށް. ނަމަވެސް ދަރިފުޅުގެ އުޅުމަށް ބަދަލު އަންނާނީ ވެސް އެހެން ކުދިން ބައިވެރިކޮށްގެން އުޅުނީމަތާ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ފަހުން އޭނާގެ ހަގު ދަރިފުޅު ބަދަލުކުރީ ކެއާ ސޮސައިޓީން ހިންގާ ސެންޓަރަށެވެ. އެ ތަނަށް ބަދަލުކޮށް، ތެރަޕީއާ އެކު ކިޔަވައިދޭން ފެށުމުން ވަރަށް އުފާވެރި ބަދަލުތަކެއް އަ އެވެ. އެކަމަކު ޖެހިޖެހިގެން ދެ އަހަރު ކިޔަވައިދިން ފަހުން ކޮވިޑްގެ ސަބަބުން ކެއާ ސޮސައިޓީގެ އެ ސެންޓަރު ބަންދުކުރި އެވެ.

"ބިޒީކޮށް އުޅުމަށް ފަހު ތެރަޕީތަކާއި އެއްޗެހި ހުއްޓާލުމުން ވަރަށް ބޮޑު ބަދަލެއް އައި. ލޮކްޑައުންގައި ގޭގައި ތިބެން ޖެހުނަސް ހަގު ދަރިފުޅުގެ ފަރާތުން ފެނުނީ އުފާވެރި ބަދަލެއް. ދަރިފުޅަށް ވާހަކަ ނުދެކެވުނަސް ގޭގައި ތިބެން ޖެހުމުން، ގިނަ ވަގުތު ދަރިފުޅަށް ދެވި ކޮމިއުނިކޭޓްކުރަން ފަސޭހަވި. ކިޔާ އެއްޗެހި ނަގައިގަންނަން ފަސޭހަވި" އޭނާ ބުންޏެވެ.

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ދަރިވަރުން ތައްޔާރުކުރި އެއްޗެހިތަކެއް ކުލާހުގައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ދަރިވަރުން ތައްޔާރުކުރި އެއްޗެހިތަކެއް ކުލާހުގައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ ބެލެނިވެރިޔާ ބުނިގޮތުގައި، އޭނާގެ ދަރިފުޅަށް ކިޔަވައިދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއް ތަނެއްގައި ގިނައިރު ބޭންދުމެވެ.

"އަޅުގަނޑަށް [ކިޔަވައިދިނުމުގައި] އެންމެ އުނދަގުލީ ތަނެއްގައި ގިނައިރު ބައިންދަން. ގިނަ އިރެއް ވެސް ނުވާނެ. ވަރަށް އަވަހަށް ފޫހިވާނެ. އަބަދުވެސް ބޭނުންވާނީ ދުވަން. އިށީންދެގެން އިންނާކަށް ބޭނުމެއް ނުވާނެ. އިށީންދެގެން، އިނދެގެންދޯ ފަސޭހައިން އެއްޗެއް ކިޔައިދެވޭނީ ވެސް، ބުނެދެވޭނީ ވެސް. އެއީ އެންމެ އުނދަގޫ ތަންކޮޅު،" އޭނާ ބުންޏެވެ.

އެކަމަކު ހުއްޓާނުލައި އެގޮތަށް ކިޔަވައިދޭން ފެށުމުން ކުރިއަށް ވުރެ ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި ކުރިއަށް ވުރެ ގިނައިރު ވަންދެން މިހާރު އިށީނދެ އިންނަ ކަމަށް ވެސް ބުންޏެވެ.

"އިންސްޓްރަކްޝަން ފޮލޯކުރަން ފަސޭހަވި ދަރިފުޅަށް. އިށީންނާށޭ ބުނީމަ އިށީންނާނެ. އެ ބައި ވަރަށް ރަނގަޅުކަން ފާހަގަކުރެވުނީ،" އޭނާ ބުންޏެވެ.

"ނަމާދުކުރާށޭ ބުނީމަ ނަމާދު ވެސް ކުރާނެ. ބޭނުންވާ ކަމެއް ނުވީމަ ވަރަށް ރުޅި އަންނާނެ. ކުރީގައި ރުޅިއައިސް ބިންމަތީގައި އޮވެ ބޯ ޖަހާ ކަންތައްތައް ކުރާނެ. މިހާރު އެކަހަލަ ކަންކަމެއް ނުކުރޭ."

"ކޯ-ޓީޗިން" ތައާރަފްކުރުން، އެޑިއުކޭޝަންގެ ވިސްނުން

އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަބްދުﷲ އިމްރާން ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަކި ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ބަދަލުގައި މެއިންސްޓްރީމްކޮށް ކޯ-ޓީޗިން މެތަޑް ބޭނުންކޮށްގެން ކިޔަވައިދިނުމެވެ. މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނީ ހާއްސަ ކްލާސްރޫމެއްގައި، ހާއްސަ ޓީޗަރުންނާއި ހާއްސަ ވަސީލަތްތަކާ އެކު ވަކިންނެވެ.

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި ޓީޗަަރަކު ދަރިވަރުންނާ އެކު .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި ޓީޗަަރަކު ދަރިވަރުންނާ އެކު .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޓީޗަރުން މިހާރު އަންނަނީ ކޯ-ޓީޗިންނަށް ޓްރެއިން ކުރަމުންނެވެ. އެއާ އެކު، މެއިންސްޓްރީމްގައި ތިބި ޓީޗަރުންނަށް އިންކްލޫޝަންގެ ބަޔާއި އެ ކުދިންނަށް ކިޔަވައިދޭނެ އުކުޅުތައް ދަސްކޮށްދިނުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ހާއްސަ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ސްކޫޫލެއްގައި ތިބި މެއިންސްޓްރީމް ޓީޗަރުންގެ ތެރެއިން ވަކި އަދަދެއްގެ ޓީޗަރުންނަށް ކުރިއަށްގެންދާނެ އެވެ.

އިމްރާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްފައިވާ ސިޔާސަތު ތަންފީޒުކުރަން އެ ސިޔާސަތުގައި ހުރި ބައިތައް ޕްރިންސިޕަލުންނަށް ކިޔައިދޭނެ ކަމަށެވެ. އޭގެ ފުރަތަމަ ޓްރެއިނިން މިހާރު ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން، ސްކޫލުތަކުގައި އިންކްލޫޝަން ތައާރަފުވެފައި ހުރިވަރު ބެލުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ގެންދަން ނިންމާފައިވަނީ ތިން އަހަރަށް ބަހާލައިގެންނެވެ.

ކޯ ޓީޗިންގެ އަޖުމަބެލުމުގެ ކަންކަން މިހާރު ވެސް މާލޭގެ ބައެއް ސްކޫލުތަކުގައި ގެންދެ އެވެ. އޭގެ ޕައިލެޓް ޕްރޮގްރާމް މިދިޔަ އަހަރު ފަށަން މަސައްކަތްކުރި އެވެ. އެކަމަކު ކޮވިޑްގެ ސަބަބުން އެކަން ހުއްޓިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ކުދިންނާ އެއްކޮށް މެއިންސްޓްރީމްކޮށް ކިޔަވައިދިނުމަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އަންނާނެ ހެޔޮ ބަދަލެއް ކަމަށެވެ.

"ވަރަށް ބޮޑަށް ސޯޝަލައިޒްވުމުގެ ފުރުސަތެއް މި ލިބެނީ އާއްމު ކުދިންނާ އެކީގައި. މީގައި ތަފާތުކުރާނީ ކުއްޖާއަށް ކިޔަވައިދޭ ލެސަން. ބައެއް ކުދިންނަކީ އުނގެނުމުގައި ދަތިތައް ހުންނަ ކުދިން. އެ ކުދިން ތަފާތުވާނެ، އާއްމު ކުއްޖަކާ. އެހެންވެ ކޯ-ޓީޗިން އެތަނަށް އަންނަނީ. އިތުރު ޓީޗަރެއްގެ އެހީތެރިކަން މި ގެންނަނީ،" އިމްރާން ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެންމެ ކުއްޖަކު ހުއްޓަސް ސްކޫލުތަކުގައި މިހާރު ސެން ޓީޗަރެއް ހުންނާނެ އެވެ. މި ވަގުތު ދިމާވާ ގޮންޖެހުމަކީ، އިމްރާން ވިދާޅުވި ގޮތުގައި، ސްކޫލުތަކުގައި ޓްރެއިން ވެފައި ތިބި ޓީޗަރުން ނެތުމެވެ. އެހެންވެ މި ވަގުތު އެ ކުދިންނަށް ކިޔަވައިދެމުން އަންނަނީ، ތަފާތު އެކި ތަމްރީނުތައް ދީ ވަގުތީ ޓީޗަރުންނާ އެކުގަ އެވެ.

ކްލާހެއްގައި ތިބޭނެ ޓީޗަރުންގެ އަދަދު ކަނޑައަޅާނީ ކުދިންގެ ސިވިއަރިޓީއަށް ބިނާކޮށެވެ. ކޯ ޓީޗިން ތައާރަފުކުރުމުން ކްލާސް ރޫމުގައި ތިބޭނީ އާއްމު ޓީޗަރާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރެވެ.

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި ދަރިވަރަކަށް ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި ދަރިވަރަކަށް ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރާއްޖޭގައި ފެށުނީއްސުރެ ވެސް އޮތީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކިން ކިޔަވައިދިނުމުގެ ސަގާފަތެކެވެ. އެކަމަކު މިހާރު ގެންގުޅެނީ މެއިންސްޓްރީމަށް ކުދިން ނެރުމުގެ ވިސްނުމެވެ.

"ސެގްރިގޭޓްކޮށްގެން ކިޔަވައިދިނުން އެއީ ތަންކޮޅެއް ކުރީގެ މޮޑަލްއެއް. މިހާރު ގަބޫލުކުރާ މޮޑެލްއެއް ނޫން އެއީ. މިހާރު އިންނަނީ ޔުނިވާސަލް ޓީޗިން ފޯ ލާނިން. އެ މޮޑަލް އަށް އަޅުގަނޑުމެން ބަދަލުވަނީ. މިހެން ހެދީމަ، އާއްމު ކުއްޖެކޭ އެއްގޮތަށް [ނުކުޅެދުންތެރިކަން ހުންނަ] އެ ކުއްޖާއާ ދޭތެރޭ ޓްރީޓްކުރަން ފަށާނީ. އެ ކުއްޖާއާ ދޭތެރޭ މުއާމަލާތްކުރުމާއި އެ ކުދިން ތިބޭ ތަންތަން ވަކިކުރުމާ މި ބައިތައް މި ދަނީ،" އިމްރާން ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ސްކޫލު މާހައުލު އިންކްލޫސިވް ތަނަކަށް މި ބަދަލުވަނީ. ހުރިހާ ކުދިންގެ ސްކޫލަކަށް މި ބަދަލުވަނީ. ހުރިހާ ފެސިލިޓީއަކީ ވެސް ހުރިހާ ކުދިންގެ ތަންތަން. ވަކި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ވީމަ އެ ގޮތަކަށް ނުހުންނާނެ. އަލަށް އަންނަ ސްކޫލުތައް ވެސް ވަރަށް ބޮޑަށް މި ގޮތަށް ބަދަލުވަމުން އަންނާނީ. އެކްސެސް ފަސޭހަވަމުން އަންނާނީ."

އެކަމަކު ބައެއް ކުދިންނަށް މެއިންސްޓްރީމް ކްލާހުގައި ކިޔަވައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާލޭގައި އިމާދުއްދީނާއި ޖަމާލުއްދީން ސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަކިން ކިޔަވައިދެމުން އަންނައިރު، ޖަމާލުއްދީން ސްކޫލުގައި އެ ބައި ވަނީ ވަރަށް ބޮޑަށް މެއިންސްޓްރީމްކޮށްފަ އެވެ.

އިމްރާން ވިދާޅުވީ ކުރިން އެ ކުދިން އެކަހެރި ކުރިއަސް މިހާރު އެގޮތް އެ ދޫކޮށްލަނީ ކަމަށެވެ. އެއީ ތައުލީމީ ނިޒާމަށް ވެސް އަންނަ ވަރަށް ބޮޑު ބަދަލެކެވެ.