Roadha Mihaaru
މާދަމާ ވެކްސިން ފޮނުވަން ފެށޭނެ، މިއީ ފަޚުރެއް: މޯދީ

އަވަށްޓެރި ގައުމުތަކަށް މާދަމާ ވެކްސިން ފޮނުވަން ފަށާނަން، މިއީ ލިބޭ ފަޚުރެއް: މޯދީ

19 ޖެނުއަރީ 2021

ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން، އަވަށްޓެރި ގައުމުތަކަށް މާދަމާ ފަށާނެ ފޮނުވަން ފަށާނެކަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ މިއަދު އިއުލާނުކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން، އަވަށްޓެރި ގައުމުތަކަށް މާދަމާ ފަށާނެ ފޮނުވަން ފަށާނެކަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ މިއަދު އިއުލާނުކުރައްވައިފި އެވެ.

މިކަން ހާމަކުރައްވައި މޯދީ ކުރެއްވި ޓްވީޓްގައިއި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަށް ކުރާ އިތުބާރަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"ބައެއް ގައުމުތަކަށް ވެކްސިން ފޮނުވަން މާދަމާ ފަށާނެ. އެހެން ގައުމުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ފޮނުވާނެ،" މޯދީ ވިދާޅުވި އެވެ.

ޢިންޑިއާގެ ވެކްސިންތައް އަވައްޓެރި ގައުމުތަކަށް ފޮނުވަން ފަށާކަން ހާމަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ކުރެއްވި ޓްވީޓް

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އުފައްދާ ވެކްސިން ހޯދަން އަވަށްޓެރި ގައުމުތަކުންނާއި އިންޑިއާއާ ގާތް ގުޅުން ބާއްވާ އެހެން ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ. މާދަމާ ވެކްސިން ފޮނުވަން ފަށާއިރު ރާއްޖޭގެ އިތުރުން ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މިއަންމާ އަދި ސީޝެލްސް އަށް ވެކްސިން ފޮނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން، ސްރީ ލަންކާ އާއި އަފްޣާނިސްތާނާއި މޮރިޝަސް އަށް ވެކްސިން ފޮނުވާނީ އެ ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ލިބުމުންނެވެ.

އިންޑިއާ އިން ދެނީ ކޮން ވެކްސިނެއް ކަމެއް ބަޔާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެއީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ކަމަށެވެ. މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓަކީ އިންޑިއާގައި އުފައްދާ ވެކްސިނެވެ. ކޮވިޑާ ދެކޮޅަށް އިންޑިއާގެ އަމިއްލަ ވެކްސިނެއް ވެސް ވަނީ އުފައްދައިފަ އެވެ. އެއީ "ކޮވެކްސިން" އެވެ. އެ ވެކްސިނަށް ހުއްދަ ދީފައި ވިޔަސް އެއާ ބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އިންޑިއާ އިން ބުނީ އެ ގައުމުގައި ވެސް ވެކްސިން ދެނީ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މަސައްކަތްތެރިންނަށް އިސްކަންދީގެން ކަމަށެވެ. އެހެންވެ، އަވަށްޓެރި ގައުމުތަކަށް ވެކްސިން ދޭއިރު އިންޑިއާ އަށް ބޭނުންވާ ވަރަށް ސަޕްލައި ކަށަވަރުކުރަމުން ގެންދާނެ ކަމަށާއި ވެކްސިން ފޮނުވާނީ ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް ބުންޏެވެ.

ވެކްސިންތައް ފޮނުވުމުގެ ކުރިން މިކަމުގައި ބައިވެރިވާ އެންމެންނަށް ހާއްސަ ތަމްރީން ދޭނެ ކަމަށް އިންޑިއާ އިން ބުންޏެވެ.