Roadha Mihaaru
ޓެނިސް ތަރި އޮސާކާ ފުޓްބޯޅަ ޓީމަކަށް އިންވެސްޓްކޮށްފި

ޓެނިސް ތަރި އޮސާކާ އަންހެން ފުޓްބޯޅަ ޓީމަކަށް އިންވެސްޓްކޮށްފި

02 ފެބުރުއަރީ 2021

މިދިޔަ އަހަރު އެންމެ ބޮޑު އާންދަނީއެއް ލިބުނު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނު ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމަކަށް އިންވެސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އެންމެ ބޮޑު އާންދަނީއެއް ލިބުނު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނު ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމަކަށް އިންވެސްޓްކޮށްފި އެވެ.

ތިން ފަހަރަށް ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ 23 އަހަރުގެ ކުޅުންތެރިޔާ އިންވެސްޓްކުރީ ނެޝަނަލް ވިމެންސް ސޮކާ ލީގް (އެންޑަބްލިއުއެސްއެލް) ގައި ވާދަކުރާ ޓީމް ނޯތު ކެރޮނައިލާ ކަރޭޖަށެވެ.

އެ ޓީމަށް އޮސާކާ އިންވެސްޓްކުރީ ނަސްލީ ތަފާތުކުރުންތަކާއި އެ ނޫން ވެސް އިޖުތިމާއީ ގިނަ މައްސަލަތަކާ ދެކޮޅަށް ޓީމުން އަދާކުރާ ދައުރަށް ވެސް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޮސާކާ ބުނީ މުޖަތައުމުގެ އަމާންކަމާއި ރައްކާތެރިކަމާއި ހަމަހަމަކަމާއި އެއްބައިވަންތަކަމަށް ކަރޭޖުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ކަރޭޖަކީ މި ފަހުން އެމެރިކާގައި ކަޅުނަސްލުގެ މީހުންގެ ހައްގުތަކަށް ކަށަވަރުކޮށް ދޭން ވަކާލާތުކުރާ ޓީމެކެވެ.

"އެހެންވީމާ އެ ޓީމަށް އިންވެސްޓްކޮށްގެން އެ މީހުން ކުރާ މަސައްކަތުގައި ހިއްސާވުމަކީ އަހަންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޮސާކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީމަށް އިންވެސްޓްކުރީ ހަމައެކަނިި ޓީމެއްގެ އިސްވެރިއެއްގެ ގޮތުގައި ހިއްސާވާކަށް ނޫނެވެ.

"އަހަރެން އިންވެސްޓްކުރީ ހަގީގަތުގައި ނަމޫނާ ދައްކާ ރޯލް މޮޑެލުންތަކަކަށް. ވަކިން ހާއްސަކޮށް އެއީ އަންހެނުންނަށްވުމަކީ މަސައްކަތުގައި ކުރިއަށްދާން ވެސް ލިބޭ ހިތްވަރެއް،" އޮސާކާ ބުންޏެވެ. "އަދި މިއީ ޒުވާން އެތައް އަންހެނުންނަށް އިންސްޕިރޭޝަނަކަށް ވާނެ."

ނޯތު ކެރިލައިނާ ކަރޭޖަކީ 2017 ގައި އުފަންވި ޓީމެކެވެ. އޭގެ ވެރިޔަކީ ސްޓީވް މާލިކެވެ. އޮސާކާ އަކީ ސްޓީވް އެ ޓީމް އުފެއްދި ފަހުން އެއަށް އިންވެސްޓްކުރި ފުރަތަމަ މީހާ އެވެ. އެހެންވެ އޭނާ ވަނީ އޮސާކާ އަށް ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

"އަހަރެން ވަރަށް އުފާކުރަން އޮސާކާ ކަހަލަ ކުރިއަރަމުން ޒުވާން އުންމީދީ ކުޅުންތެރިޔަކު އަހަރެމެންގެ ޓީމަށް އިންވެސްޓްކުރީތީ. މިއިން ދައްކުވައި ދެނީ ޓީމްގެ ކުރިމަގާއި އަންހެނުންގެ ފުޓްބޯޅައިގެ ކުރިމަގު ވެސް ވަރަށް އުޖާލާކަން." އޭނާ ބުންޏެވެ.

ޓެނިހުގެ ދުނިޔޭގައި މިހާރު އެންމެ ގަދައަށް ފިޔަޖަހާ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އޮސާކާ ޕްރޮފެޝަނަލެއްގެ ގޮތުގައި ސީނިއާ ކެރިއަރުގައި މެޗަކަށް ނުކުތީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގަ އެވެ.

އޮސާކާ އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން އާއި 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުމުންނެވެ. އޭނާ އަކީ އެ ކާމިޔާބީ ހާސިލްކުރި ޖަޕާނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.