Roadha Mihaaru
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"

ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން: ރައީސް ޔާމީން

11 ނޮވެމްބަރ 2016

ޖުމްހޫރީ ވެރިކަމެއްގައި، ދިވެހި ގައުމު ބިނާކުރުމަކީ ހަމައެކަނި ރައީސްގެ ޒިންމާއެއް ނޫން ކަމަށާއި ހިޔާލު ތަފާތުވުންތައް ސިކުނޑިން ބޭރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދިކޮޅު ފަރާތްތަކުން ވެސް ވިސްނުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ވެރިކަމެއްގައި، ދިވެހި ގައުމު ބިނާކުރުމަކީ ހަމައެކަނި ރައީސްގެ ޒިންމާއެއް ނޫން ކަމަށާއި ހިޔާލު ތަފާތުވުންތައް ސިކުނޑިން ބޭރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދިކޮޅު ފަރާތްތަކުން ވެސް ވިސްނުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ޖުމްހޫރިއްޔާގެ ބާނީއަކީ ކުރީގެ ރައީސް މުހައްމަދު އަމީން ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އޭރުގެ ނިޒާމް ހަމަޖެހިފައި އޮންނަނީ ވެރިކަމުގެ ހުރިހާ ޒިންމާތަކެއް ރައީސް އުފުއްލަވާ ގޮތަށް ކަމަށެވެ. ވެރިކަމުގެ ނިޒާމް އެގޮތަށް ބައްޓަންވެފައި އޮތަސް މިހާރު ހަމަޖައްސާފައި އޮތް ގޮތުން ޖުމްހޫރިއްޔަތެއްގައި ޒިންމާ އުފުލަން ޖެހެނީ ރައީސުލް ޖުމްހޫރިއްޔާ އެކަނި ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާލަތު ބަދަލުވާއިރު، އެންމެ ކުރިން ވެސް ވެރިކަމާއި ވެރިކަމަށް ޝައުގުވެރިވާ މީހުންގެ ހާލަތާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށެވެ. މުހައްމަދު އަމީންގެ އެންމެ ގާތް ބޭފުޅެއްގެ ގޮތަށް އިސްކުރެއްވި ނައިބު ރައީސް "ބަޣާވާތެއް" ގެންނެވިކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ހާދިސާއެކު އަމީން ދީދީ އަވަހާރަވީ، އުފާވެރި ގޮތަކަށް ނޫނެވެ. މިފަދަ ކަންކަން ކުރައްވަނީ ވެރިކަމުގެ ތެރޭގައި އިސްކޮށް އުޅުއްވާ ބޮޑުންގެ ތެރޭގައި ފިތުނަ އުފެދިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު އެއްގޮތަކަށް ވެސް މި ދަންނަވަނީ ނައިބު ރައީސް ޖިހާދު ވާހަކައެއް ނޫން އެއްގޮތަކަށް ވެސް. އަޅުގަނޑުގެ ނައިބު ރައީސް ޖިހާދު އަޅުގަނޑަކަށް ކެއްސެއް ނުދެއްވާނެ،" ރައީސް ވިދާޅުވި އެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ، ޖުމްހޫރީ ދުވަހެއްގައި، ސަމާލުވާން ޖެހެއޭ ނައިބު ރައީސުންނާ ދޭތެރޭ."

ރައީސްގެ ވާހަކަފުޅުގެ ހުލާސާ:

- ޖުމްހޫރީ ވެރިކަމުގައި މަސްއޫލިއްޔަތު އުފުލަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ނޫން. ގައުމު ބިނާ ކުރުމަކީ އެއް ފަރުދެއްގެ ޒިންމާއެއް ނޫން. އެންމެންގެ ބައިވެރިވުން މުހިއްމު.

- ގައުމީ ފާލަން އަޅަން ޕާޓީތަކަށް ދައުވަތު ދިނިން. އަޅުގަނޑަށް ވެސް ސަލާން ކުރެވޭނީ ދިއްކުރާ އަތުގައި ހިފިއްޔާ.

- ގާނޫނަށް ބޯލަނބައި، ސިޔާސީ ލީޑަރުން ގައުގެ މަސްލަހަތު އިސްކުރަން ޖެހޭ

- ވަކި ކުށްތަކެއް ހިމެނޭ މީހުންނަށް ލުއި ދޭން މި ރައީސަށް އުނދަގޫ، އެކަމެއް ނުކުރެވޭނެ.

- ރާއްޖޭގައި އުޅެން މިހާރު ފަސޭހަ، ކޮމަންވެލްތުން ވަކިވީ އުފާވެރިކަމާއި ފަހުރުވެރިކަމާ އެކުގައެއް ނޫން، ހިތްދަތިކަމާއި އުނދަގުލާ އެކު. އެކަމަކު ދާހިލީ ކަންކަމާ ބެހެން ޖާގަ ދޭން ބޭނުން ނުވީ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެންމެ މީހެއްގެ ގައުމެއް ނޫނެވެ. މިއީ އެންމެ ގައުމު ކަމަށްވާއިރު ގައުމަށް ހެޔޮއެދޭ މީހުންނާއި ހަލާކަށް ބޭނުންވާ މީހުންގެ ވެސް ތިބި ކަން ހިޔާލަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ހިދުމަތް ފާހަގަކުރައްވަމުން، ހާއްސަ ގޮތެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ތައުރީފްކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މިއަށް ވުރެ ވަރުގަދަ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ގައުމު ފަހަތަށް ޖެހިފައި ވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކަމަށާއި އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ގެއްލިގެން ދިޔަ އަހަރުތަކެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ގައުމު ބިނާކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ވެސް ހިތާމައަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އައިޖީއެޗުގެ 25 ބުރީގެ އިމާރާތް ގޮއްވާލަން ބޭނުންވާ ބަޔަކު ތިބުމެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ހޮސްޕިޓަލް ގޮއްވާލާނެ ކަމަށް މި ހަފުތާގައި ސޯޝަލް މީޑީއާގައި މީހަކު އާއްމުކުރި ޕޯސްޓަކަށެވެ.

ބްރިޖް އަޅަންވީ ސިޔާސީ ފިކުރުގެ ތަފާތު ކުޑަކުރަން

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ "މިއަދު ބްރިޖް އަޅަންވީ ކަނޑަކު ނޫން" ކަމަށެވެ. ބްރިޖް އަޅަން ޖެހެނީ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރަން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ފިކުރުގެ ތަފާތު ކުޑަކުރާއިރު ވެސް އެންމެ އިސްކަން ދޭން ޖެހޭނީ ގާނޫނަށް ބޯލެނބުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިޔާސީ ލީޑަރެއްގެ މަސްލަހަތަށް ވުރެން އިސްކުރަން ޖެހޭނީ ގައުމު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ ކުށަކަށް އަދަބު ލިބޭއިރު އެއީ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ރަނގަޅު ގޮތަކަށް ވެގެން ނުދާނެ. ސަރުކާރަކުން ނޫން ޝަރީއަތް ކުރަނީ. ސަރުކާރަކުން ނޫން މައްސަލަ އުފުލަނީކީ ވެސް،" ރައީސް ވިދާޅުވި އެވެ.

މަސްއޫލިއްޔަތު މުޅިން ފުށުއަރަނީ. ލޮލަށް ފުސް ފައިބަނީ. ސިޔާސީ ވިސްނުމާ ހެދި އަޅުގަނޑުމެންނަށް އެއް ފޫޓު ދުރަށް ފެނުން އަޅުގަނޑުމެންނަށް މުޅިން މަހްރޫމްވެގެން މިދަނީ. --ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނީ ރޮނގު ހުރަސްކުރާއިރު މި ކުރަނީ ކޮންކަމެއް ކަން ގިނަ ބަޔަކު ނުވިސްނަ އެވެ.

"މަސްއޫލިއްޔަތު މުޅިން ފުށުއަރަނީ. ލޮލަށް ފުސް ފައިބަނީ. ސިޔާސީ ވިސްނުމާ ހެދި އަޅުގަނޑުމެންނަށް އެއް ފޫޓު ދުރަށް ފެނުން އަޅުގަނޑުމެންނަށް މުޅިން މަހްރޫމްވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ބައެއް ވަޒީރުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ބައެއް ވަޒީރުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކި ބޭފުޅުންނަށް އެކި ކަހަލަ ހަމަޖެހުން ހޯދަން ވަކާލާތު ކުރަމުން އަޔަސް އެކަހަލަ އިންސާފެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ގާނޫނުތަކާއި އިޖުރާއަތުތައް އޮތް ގޮތަށް ބަލާއިރު ކުށެއް ކޮށްފި ނަމަ އަދަބު އޮންނާނީ ހަމަހަމަ އުސޫލުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކުށް ގިނަ ވާހަކަ އަޑުއިވޭ ކަމަށާއި އެހެން ވެއްޖެ ނަމަ ރާއްޖޭގައި ގިނަ ކުރަންވީ ޖަލުތައްތޯ ނުވަތަ އަމަން ބަލަހައްޓާ މީހުންތޯ ރައީސް ސުވާލު އުފެއްދެވި އެވެ. އެމަނިކުފާނުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ނަފްސު އިސްލާހުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ހެވަށް ފާލަން އެޅުމުގެ ދައުވަތު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކަށް ދީފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ވެސް ދިއްުކުރާ އަތުގައި ހިފިއްޔާ ދޭއްތޯ، ސަލާމް ކުރެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނުއުފުލޭ ވަރުގެ ކަންކަން އެމަނިކުފާނަށް ހުށަހަޅައިގެން ނުވާނެ އެވެ. އެކި ކުށްތަކަށް އަރައިގަތުމުން ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަނީ އެ މީހަކަށާއި މުޖުތަމައަށް ވެސް ފިލާވަޅެއް ނަގައިދޭން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް ކަހަލަ ހައްގުތަކަށް އަރައިގެންފައި ތިބި މީހުންނަށް ލުއި ދޭން "މި ރައީސަށް ވަރަށް އުނދަގޫވާނެ" ކަމަށް ވިދާޅުވި އެވެ.

"ކޮމަންވެލްތުން ވަކިވީ ހިތްހަމަޖެހުމާއި ފަހުރުވެރިކަމާ އެކު ނޫން"

ކޮމަންވެލްތުން ވަކިވުމުން އަމާޒުކޮށްފައިވާ ފާޑުކިއުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވި ގޮތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެކެވެ. އެއީ ހިތްދަތިކަމާއި އުނދަގުލުގެ ތެރެއިން ނިންމަން ޖެހުނު ކަމެއް ކަަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދާހިލީ އެއްވެސް ކަމަކާ އެއްވެސް ޖަމިއްޔާއަކުން ބެހުމުގެ ޖާގަ އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.

ކޮމަންވެލްތުން ރާއްޖެއާ މެދު އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުކޮށްފައި ހުރި މައްސަލައިގަ އެވެ. އެ އެޖަމާއަތުން ފުރަތަމަ އެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާ ގުޅޭ މައުލޫމާތު ދޭން އެ މީހުން އެދުނު މިންވަރަށް ފޮތް ހުޅުވާލި ކަމަށް ރައީސް ވދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ، ގައުމަށް ހެޔޮ އެދޭނަމަ މަސްލަހަތު ނަގާނުލައި، ތަރައްގީ އަށް ޖާގަ ދެއްވުމަށެވެ.