Roadha Mihaaru
ކަނޑަށް ކުނިއަޅާ ގަވައިދު އުވައިލަން މަޝްވަރާ ކުރަނީ

ކަނޑަށް ކުނިއަޅާ ގަވައިދު އުވައިލަން މަޝްވަރާ އެބަ ކުރަން: ހުސައިން ރަޝީދު

03 މާޗް 2021

ރިސޯޓްތަކުން ބާކީވާ ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަން ހުއްދަކޮށް، ޓޫރިޒަމް މިނިސްޓްރީން މާކުރިއްްސުރެ އަމަލުކުރަމުން އަންނަ ގަވައިދު އުވައިލަން މަޝްވަރާކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިސޯޓްތަކުން ބާކީވާ ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަން ހުއްދަކޮށް، ޓޫރިޒަމް މިނިސްޓްރީން މާކުރިއްްސުރެ އަމަލުކުރަމުން އަންނަ ގަވައިދު އުވައިލަން މަޝްވަރާކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުއްޖެ އެވެ.

ރިސޯޓްތަކުގެ ފަސޭހައަކަށް ހަދާފައިވާ އެ ގަވައިދު އުވައިލުމަށް ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަމުން އަންނަ ކަމަށްް އެންވަޔަރްމެންޓް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ވެސް ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އެހެން ބުނެފައި ވާތީ، އެ ގަވައިދާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. ޔައުގޫބަކީ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރެކެެވެ.

މަޖިލީހުގައި ވަޒީރުުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން މިނިސްޓަރު ވަޑައިގެންނެވުމުން، އިތުރު ސުވާލު ކުރުމުގެ ވަގުުތުގައި ޔައުގޫބް އެއްސެވީ ޓޫރިޒަމް ދާއިރާއިން ކަނޑަށް ކުނިއަޅާ މައްސަލައަށް މިހާރު ހައްލެއް ލިބިއްޖެތޯ އެވެ.

އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ނޫސްވެެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކަނޑަށް ކުނި އަޅަން ހުއްދަކުރާ ގަވައިދު އުވައިލަން ވާހަކަދައްކަމުންް އަންނަ ކަމަށް.

އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ނޫސްވެެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކަނޑަށް ކުނި އަޅަން ހުއްދަކުރާ ގަވައިދު އުވައިލަން ވާހަކަދައްކަމުންް އަންނަ ކަމަށް.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް އެދެވޭ ހައްލެއް އަވަހަށް ލިބުން އެދޭ ކަމަށާއި އެކަމާ ބެހޭ ގޮތުން މޯލްޑިވްްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީއާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މިކަން އިސްލާހުކުރުމަށް ޓަކައި އަޅުގަނޑުމެން ކަމާ ބެހޭ ވުޒާރާއާއި ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން އެބަދަން. އަޅުގަނޑުމެން އުއްމީދުކުރަނީ ޓޫރިޒަމް މިނިސްޓްރީން ހަދާފައި އޮތް އެގަވައިދު ދާދި އަވަހަށް އިސްލާހު ކުރެއްވި އެމައްސަލަ ހައްލުވެެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓްތަކުން ކަނޑަށް ކުނި އަޅަން ހުއްދަވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަދާފައި އޮންނަ އެ ގަވައިދު އުވައިލުން ލަސްވެގެން، އެންވަޔަރްމްނެޓް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ކުރިން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖެނުއަރީ 18 ގައި ބޭއްވި އެ ބައްދަލުވުމުގައި ޔައުގޫބް އޭރު ވިދާޅުވީ ގަވައިދެއް ހަދަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް އެ މަސައްކަތުގެ ޓައިމްލައިނުން އެނގޭ ކަމަށެވެ.

"މިއީ ހަމަ ކުޑަކުޑަ ގަވާއިދެއްގެ ކަންތަކަށް އަހަރުތަކެއް މިދަނީ. އަދިވެސް ޓޫ ޓު ތުރީ މަންތުސް ވީމަ އަދި އަޅުގަނޑަށް މާ ލަސް. އެހެންވީމާ މިއަށް ތަންކޮޅެއް ސީރިއަސްކޮށް ވިސްނައިގެން މިކަހަކަ ކަންތައް ކުރަންޏާ އަޅުގަނޑަށް ހީވަނީ ދުވަސްތަކެއް ނޫނީ ހަފްތާތަކެއްގެ ތެރޭގައި މިކަން ނިންމައިލެވިދާނެހެން،" އޭނާ އޭރު ވިދާޅުވި އެވެ.

އެ ގަވައިދު ކުއްލިއަކަށް އުވައިލުމާ ދެކޮޅަށް އެ ދުވަހު މަޓީން ވާހަކަ ދެއްކި އެވެ. މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އެކަން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށާއި ހާއްސަަކޮށް ސަފާރީތަކަށް ވަރަށް އުނދަގޫ ކަަމަކަށް އެކަން ވާނެ ކަމަށެވެ.