Roadha Mihaaru
"އަހަރު ނިމޭއިރު ޓޫރިޒަމް ކުރިން އޮތް ހިސާބަށް ދާނެ"

އަހަރު ނިމޭއިރު ޓޫރިޒަމް ކުރިން އޮތް ހިސާބަށް ދާނެ: އަފީފް

10 މާޗް 2021

ކޮވިޑްގެ ސަބަބުން ދިމާވި ގެއްލުމުން އަރައިގަނެ ޓޫރިޒަމް ދާއިރާއަށް ފުލް ރިކަވަރީއެއް މި އަހަރު ފަހުކޮޅު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު، ޗަމްޕާ ހުސެއިން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ސަބަބުން ދިމާވި ގެއްލުމުން އަރައިގަނެ ޓޫރިޒަމް ދާއިރާއަށް ފުލް ރިކަވަރީއެއް މި އަހަރު ފަހުކޮޅު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު، ޗަމްޕާ ހުސެއިން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވީ، ޔޫރަޕްގެ ބޯޑަރު ހުޅުވުމާ އެކު ދާއިރާ ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު ޓޫރިސްޓުން މިއަންނަނީ އީސްޓާން ޔޫރަޕުން. އެއީ ބޯނަހެއް. ކުރީގެ އެންމެ ބޮޑު މާކެޓް ޔޫރަޕް ހުޅުވައިލުމުން ރާއްޖޭގެ ޓޫރިޒަމް ފެންނާނީ ވަރަށް ފެހިކޮށް،" އޭނާ ވިދާޅުވި އެވެ.

އީސްޓާން ޔޫރަޕްގެ ގައުމުތަކަކީ ކޮވިޑްގެ ހާލަތަށް ފަހު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތައް ހިމެނެ އެވެ. އެގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 21 ޕަސެންޓް ހިއްސާވަނީ ރަޝިއާ އެވެ. އޭގެ އިތުރަށް ޔޫކްރެއިން އާއި ކަޒަގިސްތާން ޗެކް ރިޕަބްލިކް ފަދަ ގައުމުތައް ހިމެނެ އެވެ.

އަފީފް ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު، ޑިސެމްބަރުގައި ރާއްޖޭގެ ޓޫރިޒަމް އިޔާދަވާނީ އެހެން ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލެވިގެން ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު މިހާރު އޮތް ހިސާބުން، ވެކްސިން ޖެހި ގައުމުތަކުން ބޮޑެތި ލުއިތައް އަންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ، މިއަދު ގައުމުތަކުގެ ރައްޔިތުން ތިބީ ބޯޑަރު ހުޅުވައިލާނެ ދުވަހަކަށް ބަލަބަލައި ކަމަށެވެ. އަދި ގައުމުތައް ހުޅުވާލުމުން ރާއްޖޭގެ މަގްބޫލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އިރު ޓޫރިޒަމް ދާއިރާ އޮތީ ދުނިޔޭގެ އެންމެ ކުރީގައި ކަމަށެވެ. އަދި މިގޮތަށް "ނަންބަރު ވަން" ގައި ދެމެހެއްޓުމަކީ އެންމެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.