Roadha Mihaaru
މާޒިޔާ އަށް ސްޕެއިނުގެ ފިޓްނަސް ކޯޗެއް

މާޒިޔާ އަށް ސްޕެއިނުގެ ފިޓްނަސް ކޯޗެއް

11 މާޗް 2021

މާޒިޔާ އިން ސްޕެއިނުގެ ފިޓްނަސް ކޯޗެއް ކަމަށްވާ ޕަބްލޯ އަރާންސް ރަމިރޭޒް ގެނެސްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާޒިޔާ އިން ސްޕެއިނުގެ ފިޓްނަސް ކޯޗެއް ކަމަށްވާ ޕަބްލޯ އަރާންސް ރަމިރޭޒް ގެނެސްފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޕަބްލޯ ގެނައީ މާޒިޔާ އިން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މާޒިޔާގެ ކޯޗަކަށް ޖެނުއަރީ މަހުގެ ކުރީކޮޅުގައި ހަމަޖެއްސި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ ޓީމުގައި ފިޓްނަސް އަށް ހާއްސަ ކޯޗެއްގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ.

ޕަބްލޯ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ބާސެލޯނާގެ ގޯލްސް ޓްރެއިނިން ސެންޓަރުގައި އެއީ ސްޓްރެންތު އެންޑް ރިހެބިލިޓޭޝަން އެންޑް ރިހެބް ކޯޗެއްގެ ގޮތުގަ އެވެ. ގޯލްސް ޓްރެއިނިން ސެންޓަރުގައި ޕަބްލޯ ދެން އަދާކުރި ޒިންމާތަކުގެ ތެރޭގައި ރިސާޗް އެންޑް ޑިވެލޮޕްމަންޓާއި ޓެކްނިކަލް ސަޕޯޓާއި ކުޅުންތެރިންނަށް އިންޖަރީ ޕްރިވެންޝަން ކިޔައިދިނުމުގެ އިތުރުން އެތުލީޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިމެނެ އެވެ.

މީގެ ކުރިން ސެވިއްޔާގެ ބެލެންސް ސްޕޯޓްސް ކްލިނިކްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕަބްލޯ ވަނީ ސްޕެއިނުގެ ތިން ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކަސްޓިލޭޔާގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އޭނާ ވަނީ ބާސެލޯނާގައި ހުންނަ ޔޫރޮޕާ އިންޓަނޭޝަނަލް ސްކޫލްގައި ވެސް ފިޓްނަސްގެ ކަންކަމާ ގުޅޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުތަކާއި ކްލަބްތަކުގައި ވެސް ވަނީ ފިޓްނަސް ކޯޗުން މަސައްކަތްކޮށްފަ އެވެ. ފިޓްނަސް ކޯޗުން ކުރި މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ގެނައުމަކީ ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ކްލަބްތަކުން ކުރާ ކަމެކެވެ. އެއީ އާންމު ގޮތެއްގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭ ދުވަސްވަރުތަކުގައި ކުޅުންތެރިން ރަނގަޅު ފިޒިކަލް ކޮންޑިޝަނެއްގައި ބެހެއްޓުމުގެ އަމާޒުގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލައިފަ އެވެ. މި މަހު 21 ވަނަ ދުވަހު ލީގު ފެށުމުގެ އަމާޒުގައި އެފްއޭއެމާއި އެޗްޕީއޭ އިން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިހާރު ކްލަބްތަކުގެ ޕްރެކްޓިސް ވަނީ ފަށައިފަ އެވެ.

ލީގު ދެން އަލުން ފަށައި ކަނޑައަޅާފައިވާ ތާރީހުގައި ސީޒަން ނިންމާލަން އަމާޒުހިފާނަމަ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މާޒިޔާ އިން ވަނީ މިހާރު ހުޅުވިފައިވާ ޓްރާންސްފާ މާކެޓްގައި ޓީމުގެ ބިދޭސީ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. އެ ގޮތުން މިހާތަނަށް ވަނީ ޖަޕާންގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ އާއި ސީރިއާގެ ގައުމީ ޓީމަށް ކުޅޭ އަދި ކުރިން މާޒިޔާ އިން ވެސް ފެނުނު ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފަ އެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ މި ފަހަރު ވެސް ލީގުގެ އެއް ވަނައިގައި އޮތްއިރު، މެއި މަހު ރާއްޖޭގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ. މާޒިޔާގެ އިތުރުން ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ދެން މި ގްރޫޕުގައި ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.