Roadha Mihaaru
ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލަން އަންގައިފި

ލޯކަލް ޓްރާންސެކްޝަންތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލަން އަންގައިފި

14 މާޗް 2021

ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި މުއާމަލާތް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް އަންގައިފި އެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި މުއާމަލާތް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް އަންގައިފި އެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

އެމްއެމްއޭ އިން ބޭންކްތަކަށް ފޮނުވާފައިވާ އިންޓާނަލް އެންގުމުގައި ބުނެފައިވަނީ ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކަށް ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވިސާ ކާޑުން ހިންގާ ފައިސާގެ މުއާމަލާތްތައް ވެސް ހިންގަން ވާނީ ރުފިޔާއިން ކަމަށް ބުނެފައި ވެ އެވެ.

މިގޮތަށް ހަމަޖެއްސުމުން، ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލޭގައި ހިންގާ ބައެއް ރެސްޓޯރެންޓްތަކުގައި ވެސް ރާއްޖޭގައި ދޫކޮށްފައިވާ ވިސާ ކާޑަކުން ދެން ޑޮލަރުން ފައިސާއެއް ނުދެއްކޭނެ އެވެ.

ޑޮލަރުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވުމާ ގުޅިގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމާ ގުޅޭ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖެ އަށް ވަންނަ ޑޮލަރު އެކި ގޮތްގޮތަށް ބޭރުވެގެން ދާތީ އެކަމަށް އެމްއެމްއޭ އިން ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

"މިގޮތަށް ހަމަޖެއްސުމުން މާލޭގައި ހިންގާ ބައެއް މަޝްހޫރު ފުޑް ޗެއިންތަކަށް ވެސް ރާއްޖޭގެ ވިސާ ކާޑަކުން ޑޮލަރަކުން ފައިސާއެއް ނުދެއްކޭނެ،" އޮފިޝަލަކު ވިދާޅުވި އެވެ.

"މަނިޓަރީގެ ގާނޫނު ބުނާ ގޮތުން މިހާރު ވެސް އެއީ ކުރެވިގެން ވާނެ ކަމެއް ނޫން. އެކަމަކު އެކަން ކުރަމުން ދަނީ."