Roadha Mihaaru
ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި

ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި

20 މާޗް 2021

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އެ ކޯޓުން އުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އެ ކޯޓުން އުވާލައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް 2019 ގައި ގެނައި އިސްލާހުތަކާ އެކު، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި ގިނަ މަސައްކަތްތަކަކާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ޖޭއެސްސީގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ބުނީ އެ ކޯޓުގެ ކުރީގެ ބައެއް ސާކިއުލާތަކާއި ރޫލިންތަކާއި އާންމު ސިޓީތަކަށް، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން މިހާރު އަމަލުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ނިންމުންތައް އުވާލަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް، ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުންޏެވެ.

އުވާލީ އެއް ރޫލިން އާއި ފަސް އުސޫލަކާއި ގަވާއިދެއްގެ އިތުރުން ތިން ސާކިއުލާއަކާއި އާންމު ނުވަ ސިޓީއެކެވެ. އޭގެ ތެރޭގައި 2008 ގައި ޑީޖޭއޭ ހިންގުން ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކުރި ރޫލިން ހިމެނެ އެވެ.

އުވާލި ކަންކަމުގެ ތެރޭގައި ފަނޑިޔާރުންގެ ޗުއްޓީ ނެގުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސި އާންމު ސިޓީ ހިމެނެ އެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު، ޑީޖޭއޭ މިހާރު ހިންގަނީ ޖޭއެސްސީގެ ދަށުންނެވެ. އެ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ބާތިލްކުރަން ވަކީލަކު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޯޓުން އަދި ނުނިންމަ އެވެ.