Roadha Mihaaru
ފްލެޓަށް 7،500ރ. އަކީ ހިތްދަތިކަމެއް: މުއިއްޒު

ހިޔާ ފްލެޓުގެ ކުލި 7،500ރ. ހަމަޖެއްސުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް: ޑރ. މުއިއްޒު

08 އެޕްރީލް 2021

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތަކުގެ މަހު ކުއްޔަށް 7،500ރ. ހަމަޖެއްސުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތަކުގެ މަހު ކުއްޔަށް 7،500ރ. ހަމަޖެއްސުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރަތްކުރަން ފެށި ފްލެޓުތަކަށް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ. ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓް ދައްކާނަމަ ކުލި ކުޑަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން، ހިޔާ ޕްރޮޖެކްޓް ފެށިއިރު މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް މަހަކު 5،600ރ. އަށްވުރެ ބޮޑު އަދަދެއް ދެއްކުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. ދޮރު ހަރުކޮށް މުށި ޖަހައި ނިންމުމަށްފަހު 5،600ރ. އަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަދި 25 އަހަރަށް ބަހާލާނަމަ 3،800ރ. އަށް [ފްލެޓު] ދެވޭނެ،" ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ހިޔާ ފްލެޓަށް ދައްކަންޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓުގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި މި މަޝްރޫއުގެ އަނދަގޫ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ވަރަށް ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ހިޔާ ފްލެޓުތައް އިމާރާތްކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލެޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ.

އެޗްޑީސީން މިއަދު ވަނީ ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިއަދު ފަށައިފަ އެވެ. އެންމެ ފުރަތަމަ ގުރުއަތު ނަގަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ. އެއީ 188 ފްލެޓެވެ.

ފްލެޓު ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެ ތަނުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.