Roadha Mihaaru
އިޒްރޭލުގެ ފިޔަވަޅުތައް ހުއްޓަން ފަލަސްތީނުން އދ އަށް

އިޒްރޭލުން އަޅާ ފިޔަވަޅުތައް ހުއްޓުވުމަށް ފަލަސްތީނުން އދ. އަށް

15 ނޮވެމްބަރ 2016

ގުދުސް (ނޮވެމްބަރު 15) - ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އދ. އަށް އެ މައްސަލަތައް ގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ނޮވެމްބަރު 15) - ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އދ. އަށް އެ މައްސަލަތައް ގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

ފަލަސްތީނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ޔަހޫދީންނަށް ގެ އަޅައިދީ އަދި އެއީ ގާނޫނީ ހަމައިން ކުރާ ކަމެއްކަން ދައްކަން އުޅުމާއި މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވާލުމަކީ މުޅި ސަރަހައްދަށް މުސީބާތެއް ގެނުވާނެ ކަންކަން ކަމަށެވެ.

އިޒްރޭލުގެ ކެބިނެޓުން އާދިއްތަ ދުވަހު ވަނީ ދެ ބިލަކަށް ތާއީދު ކުރަން ނިންމައިފަ އެވެ. އެއީ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ނަމަވެސް ހަދާފައިވާ ޔަހޫދީ ގެތައް ތަޅާ ނުލުމަށާއި މިސްކިތްތަކުން ބަންގި ދޭ އިރު އަޑު މަޑު ކުރުމަށެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މި ދެ ބިލަށް ތާއީދު ކުރައްވައިފަ އެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ ބަންގީގެ އަޑު މަޑު ކުރަނީ ވަރަށް ގިނަ ޝަކުވާތައް ލިބުމުން ކަމަށެވެ.

އިޒްރޭލުގެ އާބާދީގެ ގާތްގަނޑަކަށް 20 ޕަސެންޓަކީ އަރަބިންނެވެ. މީގެ ތެރޭން ވެސް ގިނައީ މުސްލިމުންނެވެ. އެހެންވެ އަޅުކަންކުރާ ތަންތަނުގެ އަޑު މަޑު ކުރުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް އިޒްރޭލުން ކުރާ ކަމެކެވެ.

ފަލަސްތީނުގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޔޫސުފް އިދީސް ވިދާޅުވީ އިޒްރޭލުން އުޅެނީ "ދީނީ ހަނގުރާމައެއް" ފަށަން ކަމަށެވެ.

ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ރުދައިނާ ވިދާޅުވީ އިޒްރޭލުން ކުރަން އުޅޭ ކަންކަން ހުއްޓުވުމަށް އދ.ގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކަށް ވެސް އިޒްރޭލުގެ މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.