Roadha Mihaaru
ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ނާއިލާ އަވަހާރަވެއްޖެ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ނާއިލާ އަވަހާރަވެއްޖެ

17 އެޕްރީލް 2021

އަމީނިއްޔާ ސްކޫލްގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކުރައްވައި، އެތައް ހާސް ކުދިންނަކަށް ތައުލީމު އުނގައްނައިދެއްވި އަދި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، ނާއިލާ އިބްރާހިމްކަލޭފާނު މިއަދު އަވަހާރަވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަމީނިއްޔާ ސްކޫލްގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކުރައްވައި، އެތައް ހާސް ކުދިންނަކަށް ތައުލީމު އުނގައްނައިދެއްވި އަދި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، ނާއިލާ އިބްރާހިމްކަލޭފާނު މިއަދު އަވަހާރަވެއްޖެ އެވެ.

"މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިނާއި މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިންގެ މަންމާފުޅު ނާއިލާ 72، އަވަހާރަވި އިރު އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުން އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ޑރ. ޒާހިރުގެ އަނބިކަނބަލުން ނާއިލާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އިނގިރޭސި އަދި ހިސްޓަރީ ޓީޗަރެއްގެ ގޮތުން ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އެވެ. އޭގެ ފަހުން ޣިޔާސުއްދީން ސްކޫލްގައި ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ.

ނާއިލާ، ރަށަކަށް ކުރެއްވި ދަތުރެއްގައި ބައެއް ކުދިންނާއެކު ފޮޓޯފުޅެއް ނަންގަވަނީ.

ނާއިލާ، ރަށަކަށް ކުރެއްވި ދަތުރެއްގައި ބައެއް ކުދިންނާއެކު ފޮޓޯފުޅެއް ނަންގަވަނީ.

އަމީނިއްޔާގެ ދަރިވަރުންގެ މެދުގައި ނާއިލާ މަޝްހޫރުވީ "ނާއިލާ މިސް" ގެ ނަމުގަ އެވެ. ސްރީ ލަންކާ އާއި ނިއު ޒީލެންޑުން ކިޔަވައި ވިދާޅުވުމަށް ފަހު، ރާއްޖެ ވަޑައިގެން ތައުލީމީ ދާއިރާއާ ނާއިލާ ގުޅިވަޑައިގަތީ 1972 ހިސާބުގަ އެވެ.

އެކުވެރި، ހިތްހެޔޮ ޓީޗަރެއް

ނާއިލާ ކިޔަވައި ދެއްވި ދަރިވަރުންގެ ތެރެއިން، އަމީނިއްޔާގެ ކުރީގެ ޕްރިންސިޕަލް ޑރ. އާމާލް އަލީ ވިދާޅުވީ "އެއީ އަބަދުވެސް ވަރަށް ހިތްހެޔޮ، ކަންކަމުގައި އުފާވެރިކަން ގެނުވާ ޝަހުސިއްޔަތެއް" ކަމަށެވެ. ކަންކަމުގައި އަބަދުވެސް މަޖާކުރައްވާ، ވަރަށް އެކުވެރި ބޭފުޅެއް ކަމަށް ވެސް އާމާލް ވިދާޅުވި އެވެ.

"ނާއިލާ މިސްއަކީ އަޅުގަނޑަށް ގްރޭޑް 5،6،7 ގައި ކިޔަވައި ދިން އިރު ވެސް ވަރަށް މަޖާ، އެކުވެރި މިސްއެއް. އަބަދުވެސް ކުދިންނާއެކު އޮންނާނީ އެކުވެރި ގުޅުމެއް. އެކުވެރި މިޒާޖެއް ގެންގުޅުއްވާނީ،" ކިޔަވައި ވިދާޅުވުމަށް ފަހު ޓީޗަރެއްގެ ގޮތުން ވެސް ނާއިލާއާ އެކު އަމީނިއްޔާގައި އުޅުއްވި ޑރ. އާމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލް ދައުރުގެ ބައެއް ކަންކަމާ ނާއިލާއާ ގުޅުން ބޮޑުކަމުން ހަނދާން ނައްތާލަން އުނދަގޫ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އާމާލް އޭރު ހުންނެވި ކްލާހުގެ ފުރަތަމަ ޕިކްނިކް ދަތުރެވެ.

ނާއިލާ ރޭއްވެވި، އެ ޕިކްނިކް ދަތުރުގައި ވެސް އާމާލަށް ނާއިލާ ފެނިވަޑައިގަތީ މިސްއަކަށް ވުރެ ބޮޑަށް ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ. މަޖާ ވާހަކަތައް ކިޔައި ދެއްވުމާއި ހީސަމާސާ ކުރެއްވި އެވެ.

ރާއްޖެ އިން ބޭރުގައި އޮތް ބައްދަލުވުމެއްގައި ނާއިލާ އާއި ކުރީގެ ޕްރިންސިޕަލް ޖަމީލާ ބައިވެރިވެވަޑައިގަންނަވަނީ.

ރާއްޖެ އިން ބޭރުގައި އޮތް ބައްދަލުވުމެއްގައި ނާއިލާ އާއި ކުރީގެ ޕްރިންސިޕަލް ޖަމީލާ ބައިވެރިވެވަޑައިގަންނަވަނީ.

އާމާލްގެ އަނެއް ހަނދާނަކީ، ގްރޭޑް 8،9،10 ގައި އޭނާ ކިޔަވައި ވިދާޅުވިއިރު، ސްކޫލުން ބޭރުގައި ނާއިލާ އަމިއްލަފުޅަށް ހިންގެވި ލައިބްރަރީ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ލައިބްރަރީ އަށް އާމާލް ވަޑައިގަންނަވަ އެވެ.

"ލޯބީގެ ސީރީޒެއްގެ ގޮތަށް ހުންނަ ފޮތްތައް އެ ލައިބްރަރީގައި ހުންނާނެ. ޒުވާން ކުދިންނަށް ބައެއް މީހުން ކިޔަައިދޭން ބޭނުން ނުވާ، އެކަމަކު ކޮންމެހެން އެނގެންޖެހޭ ވާހަކަ ސީރީޒްތައް އެ ލައިބްރަރީގައި ހުންނާނެ. އަޅުގަނޑުމެން ގޮސް ކޮންމެ ދުވަހަކު އެ ސީރީޒް ކިޔައި، މައުލޫމާތު މުއްސަނދިވި،" ޑރ. އާމާލް ވިދާޅުވި އެވެ.

"ނާއިލާ މިސްއަކީ ކިޔަވައި ދެއްވުމުގައި އާދަޔާ ހިލާފު އުކުޅުތައް ގެންގުޅުއްވި ބޭފުޅެއް. އެ ހަނދާންތައް އަބަދުވެސް އަޅުގަނޑުގެ ހުރޭ."

އާމާލް ދޭތެރެދޭތެރެއިން ވަރަށް ފަަހަކާ ޖެހެންދެން ވެސް ނާއިލާގެ އަރިހަށް ވަޑައިގަންނަވަ އެވެ. މީގެ ދެ އަހަރު ކުރިން ވެސް އޭރުގެ ބައެއް ދަރިވަރުންނާ އެކު ނާއިލާގެ އަރިހަށް ވަޑައިގަތެވެ.

"އޭރު ވެސް އަޅުގަނޑުމެންނާ އެކު އުޅުނު ކުދިންގެ ނަންތައް ނާއިލާގެ މިސްގެ ހަނދާނުގައި ހުރޭ. ނަންތައް ވަކިވަކިން ވިދާޅުވި. އެކަމަކު، މީގެ ހަތަރުވަރަކަށް މަސް ކުރިން އަޅުގަނޑުމެން ދިޔައިރު ކުޑަކޮށް އުނދަގޫކޮށް އުޅުއްވީ. ވަކިވަކި ކުދިންގެ ނަންތައް ވިދާޅުވާން ދަތިވި،" ޑރ. އާމާލް ވިދާޅުވި އެވެ.

ނާއިލާ އަކީ ކެއްކުމުގައި ވެސް މަޝްހޫރު ބޭފުޅެކެވެ. މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން "ޒީނާރު" ގެ ނަމުގައި ކެއްކުމާ ބެހޭ ހާއްސަ ފޮތެއް ނާއިލާ ނެރުއްވި އެވެ. ފޮނިކާތަކެތި ތައްޔާރުކުރާނެ ގޮތް ހިމެނޭ އެ ފޮތް ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެ، މިއަދު ވެސް އެއީ އެތައް ބަޔަކަށް ބޭނުންތެރި ފޮތެކެވެ.

އެކަމަކު، ކެއްކުމަށް ވުރެ ނާއިލާގެ ހިދުމަތް އެންމެ ބޮޑަށް ލިބިފައިވަނީ ތައުލީމީ ދާއިރާއަށެވެ.