28 އެޕްރީލް 2021
ކައިވެނި ހެދުންތަކެއް ފަރުމާކޮށް ފަހައިގެން ސްޓޭޖެއް މަތީ ދައްކާލި އިރު އައިޝަތު ޝިފްޒާ (ޝިފް) އަކީ މަސައްކަތެއް ގޮތަށް ފަހަމުންދިޔަ މީހެއް ވެސް ނޫނެވެ. އެ ހިސާބުން އޭނާ ފެށި ވިޔަފާރި, ހަ އަހަރު ފަހުން, އަދިވެސް އޮތީ ދަރިންނާ ގާތުގައި, ގޭތެރޭގަ އެވެ. އެކަމަކު ވެސް ޝިފްއަކީ ރާއްޖޭގެ އެންމެ ނަގާކިޔޭ ފެޝަން ޑިޒައިނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ޑިމާންޑު މަތި, އިތުބާރު ބޮޑު ނަމެކެވެ. އެ ކުރިއެރުމުގެ އަނެއް ފަރާތުގައި ނޭނގި ހުރި ހަގީގަތްތައް ކިޔައިދޭން ޝިފް މިހާރު ތައްޔާރެވެ.
ކައިވެނި ހެދުންތަކެއް ފަރުމާކޮށް ފަހައިގެން ސްޓޭޖެއް މަތީ ދައްކާލި އިރު އައިޝަތު ޝިފްޒާ (ޝިފް) އަކީ މަސައްކަތެއް ގޮތަށް ފަހަމުންދިޔަ މީހެއް ވެސް ނޫނެވެ. އެ ހިސާބުން އޭނާ ފެށި ވިޔަފާރި, ހަ އަހަރު ފަހުން, އަދިވެސް އޮތީ ދަރިންނާ ގާތުގައި, ގޭތެރޭގަ އެވެ. އެކަމަކު ވެސް ޝިފްއަކީ ރާއްޖޭގެ އެންމެ ނަގާކިޔޭ ފެޝަން ޑިޒައިނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ޑިމާންޑު މަތި, އިތުބާރު ބޮޑު ނަމެކެވެ. އެ ކުރިއެރުމުގެ އަނެއް ފަރާތުގައި ނޭނގި ހުރި ހަގީގަތްތައް ކިޔައިދޭން ޝިފް މިހާރު ތައްޔާރެވެ.
"އަސްލު ގިނަ މީހުންނަކަށް ނޭނގޭ ފައްޓައިގެން މި ހިސާބަށް އައި ގޮތެއް," ވާހަކަ ފަށަމުން ޝިފް ބުންޏެވެ. "ކުރިން އާއްމުކޮށް ނުދައްކާ ވާހަކައެއް މީ. އަބަދުވެސް ކާމިޔާބީގެ ވާހަކަ ދެއްކިފައި ހުންނަނީ."
މިއީ މިފަހުން އަތްމަތިދަތިވެގެން ވަޅުގަނޑަކަށް ވެއްޓުނު ވަގުތު ހަށިފޮޅާލާފައި ތެދުވި އެތަކެއް އަންހެނުންނަށާއި, އެ މީހުންނެކޭ އެއްގޮތަށް, ގޭތެރެއިން ކުދިކުދި ވިޔަފާރިތައް ފަށައިގަނެވިދާނެ އެންމެންނަށް ޝިފް ދޭ ހިތްވަރެކެވެ.
"އޮފީހަކަށް ދާން ފުރުސަތެއް ނެތަސް ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ. ކިތަންމެ ތަންކޮޅު ކުޑަޔަސް, މަސައްކަތް ބުރަޔަސް, ކުދިން ގިނަޔަސް, ކުދިން ހަލަންޏަސް, މީހުން ކޮންމެ އެއްޗެކޭ ކިޔަސް, ކުރެވޭނެ," އޭނާ ބުންޏެވެ.
ޝިފް އެ ޔަގީންކަން ދެނީ އަމިއްލަ ތަޖުރިބާ އިންނެވެ.
ޝިފް ތައްޔާރުކުރި ހެދުމެއް
ވިޔަފާރި ފަށައިގަތް އިރު ޝިފް ލައްވާ ފެއްސި ގިނަ މީހުންނަކަށް ހާލަތެއް ނުފެންނާނެ އެވެ. އެކަމަކު އޭނާ އާއި ފިރިމީހާ އާއި ދެ ކުދިން ދިރިއުޅުނީ މާލޭގެ ނިސްބަތުން ވެސް ހިޔާލަށް ގެންނަން އުނދަގޫވާނެހާ ކުޑަކުޑަ ބޯހިޔާވަހިކަމެއްގަ އެވެ. އެ ތަން އެންމެ ރަނގަޅަށް ސިފަކުރަންޏާ ބުނަން ޖެހޭނީ އަލިފާންފޮއްޓެއް ވަރު ތަންކޮޅެކޭ އެވެ. ޝިފް ބުނިގޮތުގައި "މާލޭ މީހަކަށް ވެ ހުރެ މަގުމަތިވެފައި ހުރި މީހެއް"ގެ ގޮތުގައި އެ ތަނުގައި ދިރިއުޅުނު ދެ ސަބަބެއް އޮތެވެ. ތަނަށް ވަންނަން ޖެހުނީ މީހަކު ދިން ލަނޑެއްގައި މާލީގޮތުން އަޑިއަޅާލުމުން އެ ގޮތް މަޖުބޫރުވެގެންނެވެ. ހަތަރު އަހަރު އެ ތަނުގައި މަޑުކުރީ ބޮޑު ކުއްޔެއްގައި އުޅެން ހަދައިގެން ހާލުގައި ޖެހިދާނެތީ އާއި ފަހަށް ފައިސާ ރައްކާކުރާށެވެ. އެކަމަކު އެއީ އާދައިގެ ތަނެކޭ ބުނެވޭ ވަރަށް ވުރެ ވެސް މާ ދަތި ބޮޑު ތަންކޮޅެކެވެ. ނިދާ ކޮޓަރީގައި ކުދިން ބައިތިއްބާފައި ފަހާފޮށި ދޮށުގައި ޝިފް އިށީންނަ ހިސާބުން ތަން ފުރުނީ އެވެ. ގެ އަށް އަންނަ ޝިފްގެ ފިރިމީހާ އަށް ދޮރު ހުޅުވައި އެތެރެއަށް ކިރިޔާ ދެމިގަނެވޭ ވަރު ވާނީ ފައްސަން ގޮސް ހުންނަ މީހާ ބޭރަށް ނުކުމެގެންނެވެ. އެކަމަކު ވެސް ވިޔަފާރީގެ ފުރަތަމަ ދެ އަހަރު ޝިފް ބޮޑެތި ބްރައިޑަލް ގައުން ވެސް ފަހަމުން ގެންދިޔައީ އެ ތަންކޮޅުގައި އިނދެގެންނެވެ.
"ގެ އަށް ވައްދަން ނުކެރޭތީ ގިނަ މީހުން ބެސްޓް ފްރެންޑްގެ ގެ އަށް ގެންގޮސްގެން ވާހަކަދައްކައިގެން އޯޑަރު ނަގައިގެން, އަނެއްކާ ހެދުން ހެޔޮވަރުކުރަން ވެސް އެ ގެ އަށް ގޮސް, އެ ގޮތަށް އޭރު އުޅުނީ," ޝިފް ބުންޏެވެ.
ކުރިން ދިރިއުޅުނު ކުޑަ ތަންކޮޅުގައި ޝިފް ފަހަނީ: ވިޔަފާރީގެ ފުރަތަމަ ދެ އަހަރު މަސައްކަތްކުރީ މި ތަނުގައި. ފޮޓޯ: ވިންކް އަ ޕިކް
ޝިފް ފުރަތަމަ ފަށަން އުޅުނީ މުޅިން އެހެން ވިޔަފާރި އެކެވެ. ސެލޫނެއް ހުޅުވުމެވެ. އެކަމަކު ތައްޔާރުވިތަނާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އެނގުމާ އެކު އެ ހިޔާލު ދޫކޮށްލައި ގޭގައި އިނދެގެން ކުރެވޭނެ މަސައްކަތެއް ހޯދަން ފެށީ އެވެ. ކޭކު އަޅަން ދަސްކުރި އެވެ. ކުރިންސުރެ މަންމަ ގާތުން ފަހަން ދަސްވެފައި ހުއްޓަސް އިންޓަނެޓުން އެއްޗެހި ބަލައިގެން އަމިއްލަ އަށް އެ ހުނަރު ތަރައްގީކުރި އެވެ. ކުދިންގެ ކަންތައް ކޮށްދެމުން ކުރަން ކޭކު އެޅުމަށް ވުރެ އެކަށޭނަ މަސައްކަތަކަށް ވީ ފެހުމެވެ. އެހެންވެ އެކަން އިތުރަށް ދަސްކުރަމުން ފަރިތަކުރަމުން ޝިފް ގެންދިޔަ އެވެ. ކައިރިކައިރީގައި ލިބުނު ދެ ކުދިން ބަލަމުންނެވެ.
"އެ ދުވަސްކޮޅު ވަރަށް އުނދަގޫ ދަސްކުރަން. އެކަމަކު ވެސް ރޭގަނޑު ހޭލާ ހުރެގެންނާއި އެކި ކަހަލަ ކޫސަނި ގަޑިގަޑީގައި ދަސްކުރީ ހަމަ," ޝިފް ބުންޏެވެ.
ހުނަރާއި މަސައްކަތް ދައްކާލަން ޝިފް ނުކުތީ 10 އަހަރު ވަންދެން ގޭގައި އިނދެފަ އެވެ. ކައިވެނި ހެދުންތަކަކުން ތައާރަފްވުމަށް ފަހު ދިވެހިވަންތަ ޒަމާނީ ފަރުމާތަކަކުން މީހުންގެ ހިތް އަތުލި އެވެ. އެއާއެކު ޝިފް އަށް ލިބުނީ ނުހަނު ބޮޑު މަގުބޫލުކަމެކެވެ. އެކަމަކު ހެދުންތައް ހިފައިގެން 2014ގެ ބްރައިޑް ފެއާ އަށް ދާން ޖެހުނީ ބަރު ހިތަކައިގެންނެވެ.
"ޝޯ އަށް އެރި އިރު ސަޕޯޓެއް ދިނީ ކޮއްކޮއަކާއި [ގާތް އެކުވެރިޔާ] ހަމޫ އެކަނި. އެހެން މީހުންގެ ކޮމެންޓަކަށްވީ ވެޑިން ޑްރެސްތަކެއް ފަހައިގެން ސްޓޭޖަކަށް އަރައިގެން އަމިއްލަ އަށް ފަލީހަތްވާނީއޭ," ޝިފް ބުންޏެވެ.
"އެކަމަކު ވެސް މީހަކު ދެއްކި ވާހަކައަކަށް އަޅާނުލައި އެއްވެސް އެހީތެރިކަމެއް ނުލިބުނަސް ހެޔޮ ކަމަށް އަމިއްލަ އަށް އެކަން ކުރީ."
ޝިފް ބުނިގޮތުގައި ޝޯއަކަށް އެރޭ ވަރަށް ދަސްކޮށް ފަރިތަކުރެވިއްޖެ ކަމުގެ އިތުބާރު އަމިއްލަ ނަފްސަށް އޮތެވެ. އެހާތަނަށް އެ ހިތްވަރު ހޯދައިނުގަނެވުނީ ކިޔަވައިގެން ނޫނީ އެކަން ހަގީގަތަކަށް ހެދިދާނެ ކަމުގެ ޔަގީން ކަމެއް ނެތީމަ އެވެ. އެކަމަކު މާ ކުރިން މާލޭގައި ބޭއްވި ފެޝަން ޝޯއެއް ފެނުނީއްސުރެ ޝިފްގެ ހިތުގައި ފެޝަން ޑިޒައިނަރަކަށް ވުމުގެ ޝައުގުވެރިކަން އޮވެ އެވެ. އެ ޝޯގައި މޮޑެލްކުރަން ރައްޓެހިންނަށް ފުރުސަތު ލިބުނު އިރު ޝިފް ބާކީވުން އެންމެ ފަހުން ވީ ރަނގަޅަކަށެވެ. ހެދުން ލައިގެން މޮޑެލްކުރުމަށް ވުރެ ބޮޑަށް ބޭނުންވަނީ ހެދުންތައް ފަރުމާކުރާ މީހާ އަށް ވާންކަން ނަގައިގަނެވުނީމަ އެވެ.
"އޭރު އެއްކޮށް އުޅުނު ވަރަށް ގިނަ ކުދިން އެ ޝޯ އަށް އެރި. އެކަމަކު ޝިފް ފަލަ ކަމަށް ބަލާފައި ރިޖެކްޓްކޮށްފައި ހުރީ," އޭނާ ބުންޏެވެ. "އެކަމަކު ޝޯ ފެނުނީމަ ބޮޑަށް ގަޔާވީ އޭގެ އަނެއް ބަޔާ، ޑިޒައިނިން ބަޔާ."
އޭގެ އެތައް އަހަރެއް ފަހުން ޝިފް އަމިއްލަ އަށް ފަރުމާކޮށް ފެހި ހެދުންތަކެއް ލައިގެން ބްރައިޑް ފެއާގެ ރަންވޭގައި މޮޑެލުންތަކެއް ހިނގާލި ހިސާބުން އުއްމީދު ފުރިހަމަވީ އެވެ.
ބްރައިޑް ޝޯގައި މޮޑެލުން ޝިފްގެ އުފެއްދުންތައް ދައްކާލަނީ
ޝިފް އެންމެ ފަހުން ހާއްސަވީ ވެސް ބްރައިޑަލް ހެދުމަށެވެ. މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަނަށް 2018ގައި ހެދުން ފަހައިދިން ޑިޒައިނަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ. އެކަމަކު ހަވީރީ ހެދުން ދޫކޮށްލައި ކައިވެނީގެ ހެދުންތަކަށް ޝިފް ހުސްވިތާ މިހާރު ތިން އަހަރުވީ އެވެ. ސޯޝަލް މީޑިއާގައި މާ ބޮޑަށް އިޝްތިހާރު ނުކުރިޔަސް ފުލުފުލުން އޯޑަރުތައް ލިބެ އެވެ. އެންމެ ގިނައީ ފަހާފައި ރަށްރަށަށް ފޮނުވާ ހެދުމެވެ. މިހާރު އަހަރަކު 100 އަށް ވުރެ ގިނަ ބްރައިޑަލް ހެދުން ޝިފް ތައްޔާރުކުރެ އެވެ. ފަސޭހަ އަދި އާދައިގެ ހެދުންތަކާއި ކަވި އަދި މަސައްކަތް ބުރަ ބޮޑެތި ހެދުންތަކެވެ. މި އަހަރު ވެސް މިހާތަނަށް 41 ހެދުން ޝިފް ވިއްކައިފި އެވެ.
ޝިފްގެ ވިޔަފާރި އާއި ފިރިމީހާގެ ވިޔަފާރިއާ އެކު, ދެމަފިރިންގެ މަސައްކަތުން ދިރިއުޅުން ވަނީ އަލުން ކޮޅަށް ޖަހައިފަ އެވެ. މިހާރު ކުއްޔަށް ހިފައިގެން އުޅޭ ބޮޑު އެޕާޓްމެންޓުގައި ފަހައިދޭން ދެ މުވައްޒަފުން އެބަތިއްބެވެ. ކުދިންނަށް 13 އަހަރާއި 15 އަހަރު ފުރި ޝިފްގެ ޒިންމާތައް ލުއިވެއްޖެ އެވެ. އޭނާ ބުނިގޮތުގައި މިހާރު މަސައްކަތުގައި އުޅެނީ ވެސް އެންމެންގެ އެހީތެރިކަން ލިބިގެންނެވެ.
"ކުދިން ވެސް, [ފިރިމީހާ] ނަޒީފް ވެސް ރަނގަޅުކަމުން ހަމަ މިކަން މި ކުރެވެނީ. އެހެންޏަކާ ނުވާނެ," ޝިފް ބުންޏެވެ.
"މިހާރު އެއްވެސް ކަމެއްގައި އެހީއެއް ބޭނުންވެގެން ނުލިބިފައި ހުންނާކަށް ނުޖެހޭ. ގޭތެރޭގައި ވެސް އެންމެ ބޮޑަށް އެހީތެރިވަނީ ނަޒީފް. ޝިފް ބިޒީކޮށް އުޅޭ ދުވަސްކޮޅެއް ވެއްޖެއްޔާ ކުދިން ގޮވައިގެން ވަދެ ކައްކާފައި ކާން ހަދާފައި ގޮވާނެ."
މީގެ އަހަރުތަކެއް ކުރިން އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބުނު ޝިފްގެ ބަގިޔާ ކަލެކްޝަންގެ ހެދުންތަކެއް
ޝިފް ދެން އަރާނީ އެހެން މީހުންނަށް މަސައްކަތް ދަސްކޮށްދޭ ހަރުފަތަށެވެ. ފީ ނަގައިގެން ކޯސް ހިންގުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. ބޭނުންވަނީ ރަށްރަށަށް ގޮސް, ފަހާފޮށި ލިބެން ހުރި އަންހެނުންނަށް ހިލޭސާބަހަށް ދަސްކޮށްދޭށެވެ. އެންމެ ފަހުން ވިޔަފާރި ގެއިން ބޭރަށް ނެރެ ފުޅާކުރުމަކީ ޝިފްގެ ހުވަފެނެވެ. އެކަމަކު ވަގުތު ޖެހިއްޖެކަން ޔަގީންވީމަ އެވެ.
"މި ގޮތަށް އޯޑަރު ލިބިލިބި ހުންނާތީ ޝޯރޫމެއް ހުޅުވަން ދެ ޚިޔާލެއްގައި މި ހުންނަނީ. އަދިވެސް ކުދިން ކައިރީގައި ގޭގައި މަޑުކޮށްލާނީއޭ ހިތަށް އަރަނީ," ޝިފް ބުންޏެވެ.
ޝިފް އަށް, ދަތިތަކާއި ހުރަސްތަކުން ލިބުނު އިބުރަތަކީ ކެތްތެރިކަމާއި ގުރުބާނީ އަށް ފަހު ކާމިޔާބުވާނެ ކަމެވެ. އޭނާ ދެކޭގޮތުގައި ގޭގައި ހުރެގެން މަސައްކަތެއް ކުރަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް ހުނަރަކާއި ކުރާ ހިތްވާ ކަމެއް އޮންނާނެ އެވެ. ނުވަތަ ކުރާ ހިތް ނުވާ ކަމެއް ވިޔަސް, ދަސްކޮށްކޮށްފި ނަމަ ނަތީޖާ ފޮނިވާނެ އެވެ.
"މީހަކު ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތް. އަމިއްލަ އަށް މަޑުމަޑުން ކުރީމަ ވާނެ. ކިތަންމެ ދަތިކޮށް އުޅުނަސް ވާނެ. ވަގުތު ނަގާނެ. ގުރުބާނީތަކެއް ވާން ޖެހޭނެ. ހަމަ ކެތްތެރިކަމާ އެކީގައި މަސައްކަތްކުރަން ޖެހޭނީ," ޝިފް ބުންޏެވެ.
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ސްޓޯރިއާ ފެޝަން: ހުނަރާ އެކު މަލަމަތި ބަދަލުކޮށްލަނީ!
ހުވޭގެ ހުވާސް ހަވާގައި: މުޅި ގޭމު ބަދަލުކޮށްލައިފި
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ