Roadha Mihaaru
ޒިކުރާ މިސްކިތުން ވަގުފު ފަންޑަށް ފައިސާ ހޯދަނީ

ޒިކުރާ މިސްކިތް ބޮޑު ކުރަނީ ވަގުފު ފަންޑަށް ފައިސާ ހޯދަން

16 ނޮވެމްބަރ 2016

މާލޭ ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރާއިރު، އެ އިމާރާތުގެ ބޮޑު ބައި ބޭނުން ކުރާނީ ވަގުފު ފަންޑަށް ފައިސާ ހޯދަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭ ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރާއިރު، އެ އިމާރާތުގެ ބޮޑު ބައި ބޭނުން ކުރާނީ ވަގުފު ފަންޑަށް ފައިސާ ހޯދަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މި ބޮޑު މަޝްރޫއަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒިކުރާ މިސްކިތުގެ 10 ބުރީގެ ތެރެއިން ތިން ބުރި ހާއްސަ ކުރާނީ ނަމާދު ކުރުމަށެވެ. އަދި ބާކީ ހަތް ބުރި ބޭނުން ކުރާނީ ވަގުފު ފަންޑަށް ފައިސާ ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އެ ހަތް ބުރީގައި ކުރަން ރާވާފައިވަނީ ކޮން ކަމެއް ކަން އަދި ނިންމާފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ތިން އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އަންނަ އަހަރު އެ އެ މިސްކިތުގެ ފައުންޑޭޝަނާއި ޕާކިންގް ފެސިލިޓީއާ އެކު ތިން ބުރި ނިންމުމަށް ވަނީ ހިމަނައިފަ އެވެ. އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 17.2 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އެ މަޝްރޫއަށް 43 މިލިއަން ރުފިޔާ، 2019 ގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. މަސައްކަތް ނިމޭއިރު ޒިކުރާ މިސްކިތް ވާނީ މިހާތަނަށް ހަދާ، ޖާގަ އެންމެ ބޮޑު މިސްކިތަށެވެ.

ޒިކުރާ މިސްކިތުގެ އިތުރުން 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަސްޖިދުލް ބަހާއުއްދީން ފަސް ބުރިއަށް އިމާރާތް ކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިސްކިތުގެ ފަސް ބުރި ބޭނުން ކުރާނީ ނަމާދު ކުރުމަށް ކަމަށެވެ.

މި ދެ މިސްކިތުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ބަޖެޓުގައިވާ ގޮތުން މި ހުރިހާ މަޝްރޫއަށް ވެސް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 451.8 މިލިއަން ރުފިޔާ އެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ފާހާނާ ހޮޅިއެއް މިދިޔަ މަހު ބެދި، ނަޖިސްތައް ބޭރުވުމާ ގުޅިގެން އެ މިސްކިތް ބަންދުކުރި އެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ޒިކުރާ މިސްކިތް ބަންދުކުރީ އެތަނުގެ ފާހަނާ އިތުރަށް ސާފު ކުރުމަށެވެ. ނަމަވެސް އެ ތަން އަލުން ހުޅުވޭނެ ތާރީހެއް އެ މިނިސްޓްރީން ނުބުނެ އެވެ.

ވަގުފު ފަންޑަކީ މާލެ އާއި ރަށްރަށުގައި މިސްކިތް އިމާރާތްކޮށް، އެތަންތަން މަރާމާތުކުރުމަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ފެށި މަސައްކަތެކެވެ.