Roadha Mihaaru
އިންޑިއާގައި ކޮވިޑް ޓެސްޓެއް ހަދަން ތިން ހަތަރު ދުވަސް

އިންޑިއާގައި ކޮވިޑް ޓެސްޓެއް ހަދަން ތިން ހަތަރު ދުވަސް

28 އެޕްރީލް 2021

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު މިކަމާ ގުޅުން ހުރި ހަމަ އެއްވެސް ކަމެއްގައި ހާސްކަމާއި ބިރުވެރިކަން ނޫނީ ނެތެވެ. ކޮވިޑަށް ޓެސްޓްކުރުމަކީ ވެސް ބޮޑު ވޭނެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު މިކަމާ ގުޅުން ހުރި ހަމަ އެއްވެސް ކަމެއްގައި ހާސްކަމާއި ބިރުވެރިކަން ނޫނީ ނެތެވެ. ކޮވިޑަށް ޓެސްޓްކުރުމަކީ ވެސް ބޮޑު ވޭނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުގެ ޓެސްޓިން ސެންޓަރުތަކުގެ ކައިރީގައި ފަތިހުން ފެށިގެން މީހުން ކިއޫ ހަދަން ފަށަ އެވެ. ލޮލުކޮޅަށް ނުފެންނަ ދިގު ކިއޫތަކުގައި ދެތިން ދުވަހު ތިއްބަސް ޓެސްޓު ނުހެދޭނެހާ ދިގު ކިއޫތަކެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބައެއް ސެންޓަރުތަކުގެ ކައިރިގައި މީހުން 4:00 ޖަހާ އިރު ކިއު ހަދަން ފަށަ އެވެ. އެކަމަކު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިތަންމެ ދިގު ކިއޫތަކެއް ހެދިޔަސް ބައެއް ތަންތަނުން ދޫކުރަނީ އެންމެ ސާޅީހަކަށް ނަންބަރެވެ. ބައެއް ތަންތަނުން އެޔަށް ވުރެ ވެސް މަދުންނެވެ.

މިއީ ސަރުކާރުގެ ޓެސްޓިން ސެންޓަރުތަކުގެ ހާލަތަށް ވިޔަސް ޕްރައިވެޓް ތަންތަނުގައި މި މައްސަލައެއް ނެތެވެ. ނަމަވެސް ޕްރައިވެޓް ތަންތަނުން ޓެސްޓް ހަދަން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އާންމު ރައްޔިތުން ބަރޯސާވަނީ ސަރުކާރުގެ ސެންޓަރުތަކަށެވެ.

އިންޑިއާގައި މިހާރު ކޮވިޑްގެ ބިރުވެރިކަން އެންމެ ބޮޑު ވެރިރަށް ނިއު ދިއްލީގެ ދެކުނު އިރުމަތީ ސަރަހައްދެއްގެ ޓެސްޓިިން ސެންޓަރެއްގެ ކައިރީގައި އޮތް ކިއޫއެއްގައި ހުރި ނޫހަކަށް ބުނި ގޮތުގައި ނަމްބަރެއް ލިބޭތޯ ކިއޫގައި ޖެހޭތާ މިހާރު ތިން ދުވަސްވެއްޖެ އެވެ.

"އަދިވެސް މިއުޅެނީ ނަމްބަރެއް ލިބޭ ގޮތް ނުވެގެން. މިކަމާ ހެދި ކިއޫގައި ތިބޭ މީހުންނާއި މި ސެންޓަރުގެ ގާޑުންނާއި އޮފިޝަލުންގެ މެދުގައި ކޯޅުން އުފެދި ޒުވާބުކުރާ ހިސާބަށް ވެސް އެބަދޭ،" އޭނާ ބުންޏެވެ.

ރެސްޓޯރަންޓެއްގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޗަންދުރަ މޯހަން، 34، ބުނި ގޮތުގައި އޭނާ އަށް މަސައްކަތަށް ނުކުމެވެން އޮތީ ކޮވިޑްގެ ނެގަޓިވް ނަތީޖާއަކާ އެކީގަ އެވެ.

"އެކަމަކު އަހަރެން މިއުޅެނީ ފަތިހު ހަތަރެއް ޖަހާއިރު ކިއު ހަދައިގެން ވެސް ނަމްބަރެއް ލިބޭ ގޮތެއް ނުވެގެން. ކޮންމެ ދުވަހަކު މިކަމާ އުޅެންވެއްޖެ ނަމަ މަހަކަށް އެންމެ ފަނަރަހާސް ރުޕީސް ލިބޭ ވަޒީފާ ވެސް އަހަންނަށް ގެއްލިދާނެ،" އޭނާ ބުންޏެވެ.

ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެކަށީގެންވާ ގޮތަށް ކަންކަން އިންތިޒާމުވެފައި ނެތުމަކީ އެ ގައުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އޮކްސިޖަން ނުލިބުމާއި ކޮވިޑަށް ޓެސްޓް ނުކުރެވުމާއި އެކަށީގެން ގޮތަށް ވެކްސިން ނުޖެހުމުގެ ސަބަބުން ދަނީ ގޯހުން ގޯހަށެވެ.