Roadha Mihaaru
ނުހައިކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

ނުހައިކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

28 އެޕްރީލް 2021

އަރިދަފުސް ރޯގާ ކަމަށް ހީކުރި ބައްޔަކީ ހަގީގަތުގައި ކެންސަރުކަން އެނގުނު އިރު ހާލު ސީރިއަސްވެފައިވާ އުމުރުން 11 އަހަރުގެ ނުހައިކް މުހައްމަދު ރިޔާޒު މިހާރު ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށް އެ ކުއްޖާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަރިދަފުސް ރޯގާ ކަމަށް ހީކުރި ބައްޔަކީ ހަގީގަތުގައި ކެންސަރުކަން އެނގުނު އިރު ހާލު ސީރިއަސްވެފައިވާ އުމުރުން 11 އަހަރުގެ ނުހައިކް މުހައްމަދު ރިޔާޒު މިހާރު ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށް އެ ކުއްޖާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

ނޭފަތުން ފެން އައިސް، ރޯގާ ނުފިލައިގެން ނުހައިކްގެ އާއިލާ އިން މީގެ ހައެއްކަ މަސް ކުރިންސުރެ އޭނާ ޑޮކްޓަރުންނަށް ދައްކާތާ މަސްތަކެއް ވީ އިރު ވެސް ބަލި ދެނެއެއް ނުގަނެވުނެވެ. އޭނާ އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ މީގެ ތިން މަސް ކުރިން އިންޑިއާ އަށް ދިޔުމުންނެވެ.

ނުހައިކް އަށް ޖެހިފައިވަނީ އަވަސް ފަރުވާ ނުހޯދައިފި ނަމަ ސަލާމަތްވުން ނާދިރު ކެންސަރެއް ކަމަށްވާ ބާކިޓް ލިމްފޯމާއެވެ. ކަރު ތެރޭގައި އަށަގެންފައިވާ ޓިއުމަރު، ބަލި ދެނެގަނެވުނު އިރު ވަނީ އޭނާގެ ކަންފަތާއި ނޭފަތް އަދި ސިކުނޑީގެ ތެރެއަށް ވެސް ކޮންމެވެސް ވަރަކަށް ފެތުރިފަ އެވެ.

މީގެ ދެ ހަފުތާވަރު ކުރިން ނުހައިކް އަށް ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ފުރަތަމަ ޑޯޒް ދީފަ އެވެ. ކީމޯ އިން ޓިއުމަރުގެ 50 ޕަސެންޓް ނައްތާލެވުނު ނަމަވެސް، އޭގެ ސައިޑްއިފެކްޓްތަކުގެ ސަބަބުން އޭނާގެ ހާލު ވަރަށް ގޯސްވި އެވެ. ކަރުތެރެ ފާރުވެ، ގިނައިން ހޮޑުލައި، ގަދައަށް ހުން އާދެ އެވެ. ހަށިގަނޑުގައި ލޭ ނުހިފަހައްޓަ އެވެ.

އެންމެ ފަހުން ނުހައިކްގެ ހާލު ގޯސްވެ، މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ނަމަވެސް ދަރިފުޅުގެ ހާލާ ގުޅޭގޮތުން ފަރުހާނާ ޝަފީގަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.

ނުހައިކް އަކީ އުފަންވި އިރު ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުން ވަނީ މަރްހޫމްވެފަ އެވެ. އޭނާގެ މައިންބަފައިން އައީ އެންމެ ތުއްތު އިރުއްސުރެ އޭނާ އަށް އެކި ފަރުވާތައް ދެމުންނެވެ.