Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުން ހެދުމުގައި

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް ހިމަނައިގެން ހެދުން ތައްޔާރުކުރަނީ

22 ނޮވެމްބަރ 2016

އިމާދުއްދީން ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް، ހެދުމުގައި ޕްރިންޓްކޮށްގެން ވިއްކުމަށް ޕްރޮޖެކްޓެއް ތައާރަފްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިމާދުއްދީން ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް، ހެދުމުގައި ޕްރިންޓްކޮށްގެން ވިއްކުމަށް ޕްރޮޖެކްޓެއް ތައާރަފްކޮށްފި އެވެ.

ފެޝަން ޑިޒައިނަރު ނާޒިޔާ އިސްމާއީލާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ ގުޅިގެން ފެށި މި ޕްރޮޖެކްޓު އިފްތިތާހު ކުރީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮޅުވެލި ރިސޯޓުގައި ބޭއްވި ޓްރެވަލް އެވޯޑްސްގެ ހަފުލާގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިމާދުއްދީން ސްކޫލުގައި ކިޔަވައިދޭ ސެން ކްލާހުގެ ދަރިވަރުންނަށް ފައިސާ ހޯދުމަށް "އާޓިސްޓިކް ޓޭލްސް އޮފް ޖެވެލް"ގެ ނަމުގައި ރާއްޖޭގައި އަލަށް ފެށި މި ޕްރޮޖެކްޓާ ގުޅޭގޮތުން މަރިޔަމް ވަހީދާ (މަރީ) ބުނީ މި ފަދަ ކުދިންނަކީ ކުރެހުމަށް ލޯބިކުރާ އެކަމަށް ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. އަދި މި ކުދިންގެ ހުނަރު ބޭނުންކޮށްގެން، ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދިދާނެ ކަމަށް އޭނާ ބުންޏެވެ.

ސެންގެ ދަރިވަރުން ކްލާހުގައި ކުރަހަނީ: ކިޔެވުމާއެކު ކުރެހުމުގެ މަސައްކަތް މި ދަރިވަރުން ގިނައިން ކުރޭ

ސެންގެ ދަރިވަރުން ކްލާހުގައި ކުރަހަނީ: ކިޔެވުމާއެކު ކުރެހުމުގެ މަސައްކަތް މި ދަރިވަރުން ގިނައިން ކުރޭ

މި ޕްރޮޖެކްޓުގެ ދަށުން ދަރިވަރުން ކުރަހާ ތަސްވީރުތައް ފޮތީގައި ޕްރިންޓުކޮށް، އެ ފޮތިން ނާޒިޔާ ހެދުން ތައްޔާރުކޮށްދޭނެ އެވެ. އަދި އެންމެ ފުރަތަމަ ހެދުންތައް، އަންނަ އަހަރު ފެބުރުއަރީ މަހު ބާއްވާ ހާއްސަ ފެޝަން ޝޯއެއްގައި ދައްކާލާނެ ކަމަށް މަރީ ބުންޏެވެ.

މި ހެދުންތައް އަޅައިގެން މި ޝޯގައި ބައިވެރިވާނީ އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ މީހުންނެވެ. އަދި އެއަށް ފަހު ހެދުންތައް ގަތުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލާނެ އެވެ.

މަރީމެންގެ އަމާޒަކީ މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްރޫއަކަށް ހެދުމެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސެންގެ ދަރިވަރުން މިހާރު ވެސް އަންނަނީ ކުރަހަމުންނެވެ.

މަރީ އާއި ނާޒިޔާ: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ތަފާތު ޕްރޮޖެކްޓެއް ވަނީ ފަށާފައި

މަރީ އާއި ނާޒިޔާ: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ތަފާތު ޕްރޮޖެކްޓެއް ވަނީ ފަށާފައި

"މިއީ ހަމައެކަނި އެ ކުދިން ކުރަހާ ތަސްވީރުތަކެއް ނޫން. އެކި ކަންކަމާ ގުޅޭގޮތުން އެކުދިން ދެކޭގޮތް. ޕޮލިޓިކްސްއާ މެދު ދެކޭގޮތް ވެސް ވަރަށް ކްރިއޭޓިވް އެ ކުދިން ހުންނާނެ ކުރަހާފައި،" މަރީ ބުންޏެވެ.

މި މަޝްރޫއު މަރީމެން ކުރިއަށް ގެންދަނީ ހުރިހާ ފައިދާއެއް ދަރިވަރުންނަށް ލިބޭ ގޮތަށެވެ.

ޕްރޮޖެކްޓާ ގުޅޭގޮތުން ނާޒިޔާ ބުނީ ތަފާތު ކުލަތައް ބޭނުންކޮށްގެން، ކުޑަކުދިންގެ އަމިއްލަ ހިޔާލަށް ކުރަހާ އެ ޑިޒައިންތައް، ހެދުމުގައި ބޭނުން ކުރުމުން ތަފާތު ރީތިކަމެއް ހެދުމަށް ލިބޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ކުރެވިދާނެ ޕްރޮޖެކްޓެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ސެންގެ ދަރިވަރަކު ކުރަހާފައިވާ ތަސްވީރެއް:

ސެންގެ ދަރިވަރަކު ކުރަހާފައިވާ ތަސްވީރެއް:

"މާލޭގައި މި ހުންނަ ފޮތީގައި ނުވަތަ ހެދުމުގައި ހުންނަނީ އެއް ޑިޒައިންތަކެއް. އެކަމަކު ދަރިވަރުންގެ މި "މާސްޓާޕީސް" ހެދުމުގައި ބޭނުންކޮށްލުމުން، ވަރަށް ތަފާތުވެފައި ރީތިވާނެ،" ނާޒިޔާ ބުންޏެވެ.

ފެބުރުއަރީ މަހުގައި އޮންނަ ފެޝަން ޝޯގެ އިތުރުން، އެ ހަރަކާތް މެދުނުކެނޑި އަހަރުގެ އެކި ދުވަސްތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފަ އެވެ.

ވަކި ޑިޒައިނަކަށް ރާއްޖޭން ބޭރުން ފޮތީގައި ޕެއިންޓް ކުރަން ބޮޑު ހަރަދެއް ދިޔަ ނަމަވެސް މަރީ އާއި ނާޒިޔާ ބުނީ މީހުން ބޭނުންވާ ވަރަކަށް ހެދުން ތައްޔާރުކޮށްދޭނެ ކަމަށެވެ.